ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ދެވަނު ބުރުގައި އިޓަލީ އަތުން ބަލިވެ މުބާރާތުން ވަކިވާން ޖެހުނު ސްޕެއިންގެ ކޯޗު ވިންސެންޓް ޑެލްބޮސްކޭ އެ މަގާމުން އިސްތިއުފާ ދީފިއެވެ.

މި ފަހުރުގެ ޔޫރޯއާ ކުރިމަތިލިއިރު ވެސް އެ މުބާރާތް ނިންމާފަ އިސްތިއުފާ ދޭނަ ކަން ޑެލް ބޮސްކޯ ބުނި ނަމަވެސް އިޓަލީ އަތުން ބަލިވެ މުބާރާތުގެ ކުއާޓާ ފައިނަލަށް ނުގޮސް ކެޓުމުން އޭނާ ބުނީ މަގާމްމާ މެދު ގޮތެއް ނިންމާނީ ސްޕެއިންގެ އެފްއޭ އާއި ވާހަކަ ދެއްކުމަށް ފަހު އެ ގައުމުގެ ފުޓްބޯޅަ އަށް އެންމެ ރަނގަޅު ވާނެ ގޮތަކަށް ކަމަށެވެ.

ސްޕެއިންގެ ކޯޗު ކަމުން އިސްތިއުފާ ދިން ކަން ޑެލް ބޮސްކޭ ރޭ އިއުލާން ކުރީ އެ ގައުމުގެ ރޭޑިއޯ އަކަށް ދިން އިންޓަވިއު އެއްގައެވެ.

"އަހަރެން ސްޕެއިންގެ ކޯޗުގަ މަގާމުގައި ހުރެ އިތުރަށް ކުރިއަށްދާކަށް ބޭނުމެއް ނޫން. މިއީ އަހަރެން ފަހަތަށް ޖެހި އެހެން މީހަކަށް މި މަގާމް ހަވާލު ކުރަންވީ އެންމެ ރަނގަޅު ވަގުތު،" ޑެލް ބޮސްކޭ ބުންޏެވެ.

ޑެލް ބޮސްކޭ ސްޕެއިންގެ ކޯޗުކަމާއި ހަވާލުވީ 2008 ވަނަ އަހަރުގެ ޔޫރޯ ކާމިޔާބު ކޮށްދިނުމަށް ފަހު އޭރުގެ ކޯޗު ލުއިސް އަރަގޯނެސް މަގާމު ދޫކޮށްލުމުންނެވެ. އޭގެ ފަހުން ޑެލް ބޮސްކޭ ވަނީ ދެކުނު އެފްރިކާގައި 2010 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕް އާއި 2012 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތް ވެސް ސްޕެއިނަށް ހޯދައިދީފައެވެ.

މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުން ރަނގަޅު ކާމިޔާބީ އެއް ސްޕެއިންނަށް ނުހޯދުނު އިރު އެންމެ ފަހުގެ ވޯލްޑް ކަޕްގެ ގުރޫޕް ސްޓޭޗުން ވެސް ސްޕިއިން ވަނީ ވަކިވާން ޖެހިފައެވެ.