01 Jul 2016, 20:28
ސެލްޓަ ވިގޯ އަށް ކުޅެމުންދިޔަ ސްޕެއިންގެ ފޯވާޑް ނޮލީޓޯ މެންޗަސްޓާ ސިޓީން ގަނެފި އެވެ.
މިހާރު ފްރާންސްގައި ކުރިއަށްދާ ޔޫރޯ ފުޓްބޯޅަ މުބާރާތުން ކަޓާފައިވާ ސްޕެއިން ކުޅުނު ހަތަރު މެޗުގައި ވެސް ފެނިގެންދިޔަ އުމުރުން 29 އަހަރުގެ ނޮލީޓޯ މެންޗެސްޓާ ސިޓީން ގަތީ 13.8 މިލިއަން ޕައުންޑަށެވެ. އޭނާއާ އެކު ސިޓީން ހަދާފައިވަނީ ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެކެވެ.
"އަހަރެންނަށް ހީވަނީ ގާޑިއޯލާ އަކީ ދުނިޔޭގަ ހުރި އެންމެ މޮޅު ކޯޗު ހެން، އޭނާގެ އިރުޝާދުގެ ދަށުން ކުޅޭ ޓީމްތައް އަންނަނީ ގިނަ ކާމިޔާބީ ތަކެއް ހޯދަމުން،" ސިޓީއާ ގުޅުމަށް ފަހު ނޮލީޓޯ ބުންޏެވެ.
ނޮލީޓޯ ބުނީ ގާޑިއޯލާގެ އިރުޝާދުގެ އޭނާގެ ކުޅުން އިތުރަށް ރަނގަޅު ވާނެ ކަމަށާއި ހުރިހާ ވެސް ވިސްނުމެއް ހުރީ ސިޓީ އަށް ކާމިޔާބު ހޯދަދިނުން ކަމަށެވެ.
ސިޓީގެ އާ ކޯޗު ޕެޕް ގާޑިއޯލާ އެ ޓީމާ ހަވާލުވި ފަހުން ޓީމު ވަރުގަދަ ކުރުމަށް ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމުންޑަށް ކުޅޭ ގުންޑޮގަން އާއި އޮސްޓްރޭލިއާގެ މިޑްފީލްޑަރު އާރޯއިން މޯއީ ވެސް ގެނެސްފައިވެ އެވެ.