ބޮލީވުޑުގެ ކުޅަދާނަ ބަތަލާ، ކަރީނާ ކަޕޫރު ޚާން އޭނާގެ ފުރަތަމަ ދަރިފުޅަށް ބަލިވެ އިން ކަމަށް ބުނެ މީޑިއާގައި ވާހަކަ ދެކެވޭތާ އެތައް ދުވަހެއް ވެއްޖެ އެވެ. ފަހަކަށް އައިސް ކަރީނާ ވަރަށް ދޫކޮށް ހެދުން އަޅަން ފަށާފައި ވާއިރު، އެއީ އޭނާގެ ބަނޑު ފޮރުވުމަށް ކުރާ މަސައްކަތް ކަމަށް ގިނަ ބަޔަކު ދިޔައީ ބުނަމުންނެވެ.

ނަމަވެސް ކަރީނާ އަދި އޭނާގެ ފިރިމީހާ ސައިފް އަލީ ޚާން ވެސް އައީ އެކަން ދޮގު ކުރަމުންނެވެ.

އެކަމަކު އެންމެ ފަހުން، މީޑިއާގައި ދެކެވެމުން ދިޔައީ ތެދު ވާހަކަތަކެއް ކަމަށާއި، ކަރީނާ ބަނޑުބޮޑުކަން ސައިފު މިވަނީ ކަށަވަރުކޮށްދީފަ އެވެ.

ސައިފު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ކަރީނާ ބަނޑުބޮޑު ކަމަށާއި، ޑިސެމްބަރު ކަރީނާ ވިހާނެ ކަމަށެވެ.

އެއީ ކަރީނާ އަދި ސައިފުގެ ފުރަތަމަ ދަރިފުޅެވެ. ނަމަވެސް ސައިފުގެ ކުރީގެ ކައިވެނިން އޭނާ އަށް ވަނީ ދެ ކުދިން ލިބިފަ އެވެ.

ސައިފް އާއި ކަރީނާ ކައިވެނި ކުރީ 2012 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގަ އެވެ.

މި އަހަރު ތެރޭގައި ކަރީނާގެ ކާމިޔާބު ދެ ފިލްމެއް ބެލުންތެރިންނާ ހަމައަށް އައިސްފައި ވާއިރު، ކަރީނާ މިހާރު އެކްޓިން އިން ބްރޭކެއް ނަގާނެ ކަމަށް ބެލެވެ އެވެ. ފިލްމު "ކީ އެންޑް ކާ" އަދި "އުޅްތާ ޕަންޖާބު" އަށް ފަހު ކަރީނާ ވަނީ ސޯނަމް ކަޕޫރާ އެކު "ވީރޭ ދީ ވެޑިން" ގެ މަސައްކަތް ވެސް ފަށައިފަ އެވެ.