ފިތުރު އީދުގެ މުނާސަބަތުގައި ހއ. ތުރާކުރުނުގެ ކޮންމެ ގޭބިސީ އަކަށް ހަދިޔާގެ ގޮތުގައި 700 ރުފިޔާ ދިނުމަށް އެރަށު ކައުންސިލުން ނިންމައިފި އެވެ.

ތުރާކުނު ކައުންސިލުގެ ރައީސް އަލީ އަބްދުއްލަތީފް މިއަދު 'ސަން' އަށް ވިދާޅުވީ ފައިސާގެ އެހީ އަކީ ކަރަންޓު ސަބްސިޑީއެއްގެ ގޮތުގައި ދޭ އެއްޗެއް ކަމަށެވެ.

އެގޮތުން އީދާ ދިމާކޮށް ކޮންމެ ގެޔަކަށް 700 ރުފިޔާ ދީފައި ވާއިރު، އެ ފައިސާ ބޭނުން ކުރާނީ ގޭބިސީ ތަކުގެ ޖޫން މަހުގެ ކަރަންޓު ބިލު ދައްކާށެވެ. ކޮންމެ ގެއަކަށް ދޭ ފައިސާ ކައުންސިލުގެ ފަރާތުން ހަވާލު ކުރާނީ ފެނަކަ އާއެވެ.

އޭރުން ކަރަންޓު ބިލު އަންނަ އިރު، ބިލުން 700 ރުފިޔާ އިންނާނީ ކަނޑާލެވިފަ އެވެ.

"އޭރުން ބިލަށް 700 ނާރާ ގެތަކުގެ ބިލް އެއްކޮށް ދެއްކިގެން ދާނެ ކައުންސިލުގެ ފަރާތުން. އެއަށް ވުރެ ބޮޑު އެއްޗެއް އަރާ ގެތަކުގެ ބިލުން 700 އިންނާނީ ކަނޑާލެވިފައި،" އަބްދުއްލަތީފް ވިދާޅުވި އެވެ.

ރޯދަ މަހާ ދިމާކޮށްވެސް އެރަށު ކައުންސިލުން ވަނީ ކަރަންޓު ސަބްސިޑީގެ ގޮތުގައި 500 ރުފިޔާގެ ހަދިޔާއެއް ދީފަ އެވެ.