03 Jul 2016, 11:29
ސަލްމާން ޚާން އަކީ ހަމަގައިމު ވެސް ބޮލީވުޑުގެ އެންމެ ކާމިޔަބު އެއް ފަންނާނެވެ. ކާމިޔާބު ގިނަ ފިލްމުތަކެއް ކުޅެފައިވާ މޮޅު އެކްޓަރެކެވެ. ފާއިތުވި ދެތިން އަހަރު ވެސް ސަލްމާން ވަނީ ހިޓު ފިލްމުތަކެއް ކުޅެފަ އެވެ. އަދި ކުރިއަށް ވެސް އޭނާގެ ވަރުގަދަ ފިލްމެއް އެބަ އޮތެވެ.
ނަމަވެސް ސަލްމާން ވެސް ވަނީ ސްކްރިޕްޓު ކަމުނުދާ ކަމަށް ބުނެ ގިނަ ފިލްމުތަކެއް ދޫކޮށްލައިފަ އެވެ. އޭގެ ތެރޭގައި ފްލޮޕްވި ފިލްމުތަކާއި، ބޮލީވުޑުގައި މިހާތަނަށް އުފެއްދި އެންމެ ކާމިޔާބު ފިލްމުތަކުގެ ލިސްޓުގެ ކުރީގައި ހިމެނޭ ފިލްމުތައް ވެސް ހިމެނެ އެވެ. އޭގެ ތެރޭގައި ގިނައީ އަމަން ޚުރާނާގެ ސްކްރިޕްޓުތަކެވެ.
ސަލްމާނަށް ކަމުނުގޮސްގެން ނޫނެކޭ ބުނި ނަމަވެސް، ބޮޑެތި ކާމިޔާބީތަކެއް ހޯދި ފިލްމުތަކަށް ބަލައިލާނަމެވެ.
1. ބާޒިގަރް
އައްބާސް މަސްތަންގެ ބްލޮކްބަސްޓާ ފިލްމު، ބާޒިގަރުގައި ވިލަންގެ ރޯލު ކުޅުމަށް އެންމެ ފުރަތަމަ ހުށަހެޅީ ސަލްމާން އަށެވެ. ނަމަވެސް އަމަން ޚުރާނާގެ އެ ސްކްރިޕްޓް ސަލްމާނަށް ކަމަކު ނުދިޔަ އެވެ. އޭނާ ފިލްމު ދޫކޮށްލީ އެވެ. ދެން ފިލްމު ހުށަހެޅީ ޝާހުރުކް ޚާން އަށެވެ. ޝާހު އެ ފިލްމުގައި ކުޅުނު ރޯލުގެ ސަބަބުން އޭނާއަށް ބޮޑު މަގުބޫލު ކަމެއް ލިބުމުގެ އިތުރުން، ގިނަ އެވޯޑުތަކެއް ވެސް ލިބިގެން ދިޔަ އެވެ.

2. ޖޯޝް
ސަލްމާން އެ ފިލްމު ދޫކޮށްލީ ވަގުތު ދެވެން ނެތުމުންނެވެ. ސަލްމާން ފިލްމު ދޫކޮށްލުމާ އެކު އެ ރޯލު އަނެއްކާވެސް ލިބުނީ ޝާހު އަށެވެ. އަމަން ޚުރާނާގެ އެ ސްކްރިޕްޓް ވެގެން ދިޔައީ 2000 ވަނަ އަހަރުގެ އެންމެ ކާމިޔާބި އެއް ފިލްމަށެވެ. އަދި ގިނަ އެވޯޑުތަކެއް ވެސް ހޯދި ފިލްމަކަށެވެ.

3. ކަލް ހޯ ނަހޯ
އެ ފިލްމުގައި ސައިފް އަލީ ޚާން އަދާކުރި ރޯލި ފުރަތަމަ ހުށަހެޅީ ސަލްމާނަށެވެ. ނަމަވެސް ޝާހު ލީޑު ކުޅޭ ފިލްމެއްގައި ސަޕޯޓިން އެކްޓަރެއްގެ ރޯލު ކުޅެން ބޭނުން ނުވުމުން އޭނާ ފިލްމު ދޫކޮށްލީ އެވެ. ކަލް ހޯ ނަހޯ އަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް މިލިއަން މީހުން ބެލި ފިލްމެކެވެ. އަދި ސައިފް އަށް ވެސް އެ ފިލްމުން ގިނަ އެވޯޑުތަކެއް ވަނީ ލިބިފަ އެވެ. އެއީ ވެސް އަމަން ޚުރާނާގެ ސްކްރިޕްޓެކެވެ.

4. ޗަކް ދޭ! އިންޑިއާ
ބޮލީވުޑުގައި މިހާތަނަށް އުފެއްދި އެންމެ ކާމިޔާބު ފިލްމުގެ ލިސްޓުގައި ހިމެނޭ ޗަކް ދޭ! އިންޑިއާ ވެސް ފުރަތަމަ ހުށަހެޅީ ސަލްމާނަށެވެ. ނަމަވެސް ވަގުތު ނެތް ކަމަށް ބުނެ އަމަން ޚުރާނާ ސްކްރިޕްޓު ލިޔުނު، އެ ފިލްމު ސަލްމާން ރިޖެކްޓް ކޮށްލީ އެވެ. ގިނަ އެވޯޑުތަކެއް ހޯދި ފިލްމުގައި ޝާހު ކުޅުނު ރޯލަކީ މިހާތަނަށް ހިންދީ ފިލްމެއްގައި ފެނިގެން ދިޔަ އެންމެ މޮޅު އެކްޓިން ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެ އެވެ.

5. ގަޖިނީ
ރިޕޯޓުތައް ބުނާ ގޮތުން، އަމަން ޚުރާނާގެ ސްކްރިޕްޓު ކިޔުމަށް ފަހު، ފިލްމަށް އެންމެ ރަނގަޅު ވަނީ އާމިރު ޚާން ކަމަށް ބުނެ ސަލްމާން ފިލްމު ދޫކޮށްލީ އެވެ. އާމިރުގެ މޮޅު އެކްޓިން އާއެކު، ގަޖިނީ ވެގެން ދިޔައީ 2008 ވަނަ އަހަރު އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމަށެވެ.
