އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިރޭ ނިއު ރޭޑިއަންޓް ބަލިކޮށް ތާވަލުގެ ދެ ވަނައަށް އަރަން ލިބުނު ފުރުސަތު ގެއްލުވާލައި 1-1ގެ ނަތީޖާ އަކުން އެއްވަރުވެ ފަސް ވަނާގައި އޮވެ ޓީސީން ފުރަތަމަ ބުރު ނިންމާލަން ޖެހިއްޖެ އެވެ.

އެ ނަތީޖާ އާއި އެކު ޖުމްލަ 11 ޕޮއިންޓާ އެކު ޓީސީން ތާވަލުގެ ފަސް ވަނާގައި އޮތް އިރު ނިއު އޮތީ ހަ ޕޮއިންޓާއިއެކު ހަ ވަނާގައެވެ. ހަތް ވަނާގައި އޮތް ވިކްޓަރީ އަށް ތިން ޕޮއިންޓް ލިބޭއިރު ތާވަލުގެ ފުލުގައި ދެ ޕޮއިންޓާއި އެކު އޮތީ ބީޖީ ސްޕޯޓްސް ކްލަބެވެ.

އުރީދޫ ދިވެހި ޕްރިމިއާ ލީގްގައި މިރޭ ނިއު ރޭޑިއަންޓާއި ޓީސީ ކުޅުނު މެޗުގެ ތެރެއިން --- ސަންފޮޓޯ: ފަޔާޒް މޫސާ

މިރޭގެ މެޗު ފެށިގެން ޓީސީގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔަ އިރު 17 ވަނަ މިނެޓްގައި އަލީ ނާފިއުގެ ގޯލުން އެ ޓީމުން ވަނީ ލީޑު ނަގާފައެވެ. ނަމަވެސް ޓީސީގެ ގޯލަށް ފަހު ނިއު އިން ކުޅިން ރަނގަޅު ކޮށް ގޯލެއް ކާމިޔާބް ކުރެވޭތޯ ވަނީ މަސަތްކަތް ކޮށްފައެވެ.

ނަތީޖާ އެއްގެ ގޮތުން މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ނިއު އިން ވަނީ ގޯލެއް ކާމިޔާބު ކޮށް މެޗުގެ ނަތީޖާ އެއްވަރު ކޮށްފައެވެ. ނިއު އަށް މެޗުގެ ނަތީޖާ އެއްވަރު ކޮށް ދިން ގޯލު ފުރަތަމަ ހާފްގެ އިތުރު ވަގުތު ކޮޅުގައި ކާމިޔާބު ކޮށްދިނީ އަބްދުﷲ ހަނީފް ޓީސީގެ ގޯލު ކުރިމައްޗަށް ހުރަސް ކޮށްލި ރީތި ބޯޅައެއް ބިދޭސީ މިޑްފިލްޑަރު މައިކަލް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.

އުރީދޫ ދިވެހި ޕްރިމިއާ ލީގްގައި މިރޭ ނިއު ރޭޑިއަންޓާއި ޓީސީ ކުޅުނު މެޗުގައި ނިއުގެ ގޯލު މައިކަލް ކާމިޔާބް ކުރުމަށް ފަހު އުފާފާޅު ކުރަނީ --- ސަންފޮޓޯ: ފަޔާޒް މޫސާ

ދެ ވަނަ ހާފުގައި ވެސް ދެ ޓީމަށް ވެސް ގޯލު ޖަހާނެ ހުސް ފުރުސަތު ތަކެއް ލުބުނު ނަމަވެސް އެއްވެސް ޓީމަކަށް ވަނީ ލީޑު ނެގޭ ގޮތް ނުވެފައެވެ. އެ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރު ވަގުތުގައި ދެއްކި ހަ މިނެޓްގެ ކުޅުން ހިނގަމުން ދަނިކޮށް ޓީސީގެ ކެޕްޓަން ޔާމީން އިބްރާހިމް އަށް ވަނީ ދެވަނަ ރީނދޫ ކާޑާއި އެކު ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލާފައެވެ.

ލީގުގެ ފުރަތަމަ ބުރުގެ ކުޅުނު ނިމުނު އިރު ހަތް މެޗުން ލިބުނު 14 ޕޮއިންޓާ އެކު ލީގު އެއް ވަނައިގަ އޮތީ މާޒިޔާ އެވެ. ދެ ވަނައިގައި އީގަލްސް އޮތީ މެޗަކުން ބަލިނުވެ، ހަތް މެޗުން 13 ޕޮއިންޓް ހޯދައިގެންނެވެ. ތިން ވަނައިގައި ޔުނައިޓެޑް ވިކްޓަރީ 12 ޕޮއިންޓާ އެކު އޮތްއިރު، ހަތަރު ވަނައިގައި 11 ޕޮއިންޓާ އެކު އޮތީ ވެލެންސިއާ އެވެ.