ކުޅަދާނަ ލަވަކިޔުންތެރިޔާ އަބީޖީތު ބަޓަޗާރިޔާ ޓުވިޓާ މެދުވެރިކޮށް އިންޑިއާގެ އަންހެން ނޫސްވެރިޔަކަށް، ޖިންސީ ފުރައްސާރަ ކުރި ކަމަށް ބުނެ، ޕޮލިހަށް މައްސަލަ ހުށަހަޅައިފި އެވެ.

އަބީޖީތު އާ ދެކޮޅަށް ފުލުހުންނަށް މައްސަލަ ހުށަހަޅާފައި ވަނީ ޓައިމްސް އޮފް އިންޑިއާގައި މަސައްކަތް ކުރާ ސްވަތީ ޗަތުރުވޭދީ އެވެ.

ސްވަތީ އާއި އަބީޖީތާ ދެމެދު ޓުވިޓާގައި ހޫނު ޒުވާބެއް ހިނގާފައި ވަނީ ޗެންނާއީގައި ސޮފްޓްވެއާ އިންޖިނިއަރަކު މަރާލި މައްސަލައިގައި އަބީޖީތު ބުނި އެއްޗަކާ ގުޅިގެންނެވެ. އަބީޖީތު ބުނެފައި ވަނީ އެ ހަމަލާ އަކީ ޖިހާދުގެ އަމަލެއް ކަމަށެވެ.

އަބީޖީތުގެ ކޮމެންޓާ ގުޅިގެން ސްވާތީ ހިމެނޭ ގޮތުން ގިނަ އަދަދެއްގެ ބަޔަކު ވާނީ އޭނާ އަށް ފާޑުކިޔައިފަ އެވެ. އަދި އަބީޖީތު ދައްކާފައި ވަނީ މުޖުތަމައުގައި ހަމަނުޖެހުން އުފެދޭ ފަދަ ވާހަކައެއް ކަމަށާއި އެކަމަށް ފިޔަވަޅު އަޅަން ޖެހޭނެ ކަމަށް ސްވާތީ ވަނީ ބުނެފަ އެވެ.

ސްވާތީއަށް ރައްދުދީ އަބީޖީތު ބުނެފައި ވަނީ އޭނާ އަކީ "ލަދުކުޑަ މުސްކުޅިގަނޑެއް" ކަމަށެވެ. އަދި ސްވާތީ އަކީ އިންޑިއާ ރައްޔިތެއްގެ ގޮތުގައި ހުރެ، އިންޑިއާ ރައްޔިތުން ދެކެ ނަފުރަތު ކުރާ މީހެއް ކަމަށް ވެސް އަބީޖީތު ވަނީ ބުނެފަ އެވެ.

އެކަމާ ގުޅިގެން ސްވާތީ ބުނެފައި ވަނީ އަބީޖީތު ކަމެއްގައި ދެކޭ ގޮތް ހާމަކުރުމަކީ މައްސަލައެއް ނޫން ކަމަށާއި ނަމަވެސް ސާބިތު ނުހިފޭ ވާހަކަ ދައްކައި މީހަކާ ދިމާކޮށްލުމަކީ ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ.

"އަހަރެން ބޭނުން ވަނީ ފުލުހުން އޭނާ ހައްޔަރު ކުރަން. ބަޓަޗާރިޔާގެ ޓުވީޓުތަކަކީ އެއްވެސް ގޮތެއް ނެތް ވާހަކަތަކެއް. ހީވަނީ ޖިންސީ ގޯނާގެ ޝިކާރައަކަށް ވެފައި އިނދެވޭ ހެން،" އޭނާ ބުނެފައިވެ އެވެ.

ގްރޭންޑް ފިނާލޭއަށް އަބިޖީތު މާލެ އައިސް، އައިއެންއައިއޭގައި --- ފޮޓޯ/ މޯލްޑިވިއަން އައިޑަލް ފޭސްބުކް ޕޭޖް

އަބީޖީތު ބުނީ ފުލުހުންނަށް މައްސަލަ ހުށަހެޅިޔަސް އޭނާ ބިރު ނުގަންނަ ކަމަށާއި އަދި ސުވާތީއާ ދިމާލަށް ބުނި އެއްޗެއް ބުނެފައި އޮންނާނީ ގަސްދުގައި ކަމަށެވެ. އެކަމަށް މައާފަށް ނޭދޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.

އަދި ސްވާތީއަށް އެއްޗެއް ބުނެފައި އޮންނާނީ އޭނާ ކުރި ޓްރޯލްތަކާ ގުޅިގެން ކަމަށާއި ސްވާތީ އަކީ ކުރިން ދަންނަ މީހެއް ވެސް ނޫން ކަމަށް ބުނެފައިވެ އެވެ. އަދި އިނގެރޭސި ބަހުން ބުނި ނަމަ އެއްވެސް މައްސަލައެއް ނުޖެހުނީސް ކަމަށް ވެސް އަބީޖީތު ވަނީ ބުނެފަ އެވެ.

އަބީޖީތަކީ މީގެ ކުރިންވެސް ސޯޝަލް މީޑިއާގައި ދައްކާފައިވާ ބައެއް ވާހަކަތަކުގެ ސަބަބުން މީހުންގެ ނުރުހުން އަމާޒުވެފައިވާ މީހެކެވެ.

އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަބީޖީތު ވަނީ، މޯލްޑިވިއަން އައިޑަލްގެ ގްރޭންޑް ފިނާލޭގައި ބައިވެރިވެ، ލަވަ ވެސް ހުށަހަޅައިދީފަ އެވެ.

ނަވާރަސަތޭކަ ހަތްދިހަ ވަނަ އަހަރު ލަވަ ކިޔަން ފެށި އަބީޖީތުގެ ފާހަގަކޮށްލެވޭ ލަވަތަކުގެ ތެރޭގައި "ޒަރާސާ ޖޫމްލޫން މޭ" "ތުމް ދިލް ކީ ދަޅްކަން މެ"، "އައި އޭމް ދަ ބެސްޓް" ގެ އިތުރުން "ތުމެ ޖޮ މެނެ ދޭކާ" އަދި "ސުނޯ ނާ ސުނޯ ނާ" ފަދަ ރީތި ލަވަތައް ހިމެނެ އެވެ.