05 Jul 2016, 11:44
ނާސާގެ ޖައްވީ އުޅަނދު "ޖޫނޯ" ސްޕޭސް ޕްރޯބު، އިރުގެ ނިޒާމުގެ އެންމެ ބޮޑު ގުރަހަ ކަމުގައިވާ ޖުޕިޓާއާ ހަމައަށް ކާމިޔާބުކަމާ އެކު ދަތުރުކޮށްފި އެވެ.
ޖޫނޯ ސްޕޭސް ޕްރޯބަކީ ޖުޕިޓާއާ ބެހޭ މައުލޫމާތުތަކެއް ހޯދުމަށް މީގެ ފަސް އަހަރު ކުރިން ނާސާ އިން ޖައްވަށް ދޫކުރި އުޅަނދެކެވެ. ޖުޕިޓާއާ ދުނިޔެއާ ދެމެދު 445 މިލިޔަން މޭލުގެ ދުރުމިން ހުންނަ ނަމަވެސް ޖޫނޯ، ދުނިޔެ އިން ޖުޕިޓާއާ ހަމައަށް ދިއުމަށް 1،740 މިލިޔަން މޭލު ދަތުރުކޮށްފައިވެ އެވެ.
ޖައްވުގައި ވަރަށް ހަލުއިކޮށް ދަތުރުކުރި މި އުޅަނދު ޖުޕިޓާގެ ވަށައިގެން އެނބުރޭ އޯބިޓަށް ރަނގަޅު ބާރުމިނެއްގައި ވަނުމަށް ބޮޑެތި މަސައްކަތްތަކެއް ކުރި އެވެ. އެގޮތުން އޭގެ މައި އިންޖީނު 35 މިނިޓަށް ޖައްސައި، އެއަށް ފަހު ގަޑިއަކު 1،212 މޭލު ބާރުމިނަށް ސްޕީޑު މަޑުކުރުމަށް ބުރަކި ޖެއްސި އެވެ.
ޖޫނޯ ޕްރޯބުގެ ފުޅާ މިނުގައި ބާސްކެޓް ކޯޓެއްގެ ބޮޑުމިން ހުންނަ އިރު، އެއް އަހަރާއި އަށް މަސް ދުވަސް ތެރޭގައި މި ޕްރޯބު ޖުޕިޓާ ވަށައިގެން 37 ފަހަރު އެނބުރޭނެ އެވެ.
ޕްރޯބުގައި މައުލޫމާތު އެއްކުރާ ހަތް އިންސްޓޫމެންޓެއް ހިމެނޭނެ އެވެ. މި އިންސްޓްރޫމެންޓްތަކުން ހޯދާ ބަލާ މައުލޫމާތުތަކުގެ ތެރޭގައި ޖުޕިޓާ އުފެދުނު ގޮތާއި އޭގެ ސްޓްރަކްޗަރާއި ވައިގެ ފަށަލަ އަދި ޖުޕިޓާގެ ބިމަށް ދަމާ ބާރު ނުވަތަ މެގްނެޓޮސްފިއާ ހިމެނެ އެވެ.
މީގެ އިތުރުން ޖޫނޯ ޕްރޯބުގައި "ޖޫނީ ކޭމް" ނަމަކަށް ކިޔާ ކެމެރާއެއް ވެސް ހުންނާނެ އެވެ. މި ކެމެރާ އިން ޖުޕިޓާގެ ކްލޯޒް އަޕް ފޮޓޯތައް ކުލަކޮށް ނަގައި، ދުނިޔެއަށް ފޮނުވާނެ އެވެ.
ޖޫނޯ ޖުޕިޓާއަށް ކާމިޔާބުކަމާ އެކު ގޮސްފައިވާ އިރު، ނާސާ އިން ބުނަނީ މިއީ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. ޖޫނޯގެ މިޝަން ނިމޭނެ ކަމަށް ބެލެވެނީ 2018 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ.
ޖޫނޯގެ ކުރިން ނާސާ އިން ވަނީ ގަލީލިއޯ ނަމަކަށް ކިޔާ ސްޕޭސް ޕްރޯބެއް ވެސް ޖުޕިޓާއަށް ފޮނުވާފަ އެވެ. އެހެން ނަމަވެސް އެ ޕްރޯބުން ހޯދަންޖެހޭ މައުލޫމާތުތައް ހޯދުމަށް ފަހު ނާސާއިން ގަލިލިއޯ ޕްރޯބު ޖުޕިޓާއަށް ވައްޓާލި އެވެ. ނާސާ އިން 2003 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު މިކަން މިގޮތަށް ކުރީ އެ އުޅަނދުގެ މިޝަންގައި އަގު ނުކުރެވޭހާ މުހިންމު މައުލޫމާތުތަކެއް ލިބުމުގެ ސަބަބުން، އެ މައުލޫމާތު ރައްކާތެރި ކުރުމަށެވެ. ބެލެވޭ ގޮތުގައި އެއީ ޖުޕިޓާގެ ހަނދެއް ކަމުގައިވާ ޔޫރޮޕާގައި ދިޔާ ސަބްސްޓޭންސަކުން އުފެދިފައިވާ ކަނޑެއް ހުރި ކަން ކަށަވަރު ކޮށްދޭ މައުލޫމާތުތަކެކެވެ.