ސޯޝަލް މީޑިއާގައި ރައީސް އަބްދުﷲ ޔާމީނާ ގުޅޭގޮތުން ދޮގުވާހަކަތަކެއް ދެއްކި ކަމަށް ބުނެ ޕީޕީއެމް އިން ވަކިކޮށްފައި ވަނީ ނުހައްގުން ކަމަށް މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ވިދާޅުވެއްޖެ އެވެ.

ޒައިދު މިރޭ ސަން އަށް ވިދާޅުވީ ސުލޫކު ކޮމެޓީން އޭނާ ވަކިކުރި ސަބަބެއްގެ ގޮތުގައި، އެ ކޮމެޓީގެ މުގައްރިރު އަލީ ވަހީދު ސޮއިކުރެއްވި ސިޓީގައި ވަނީ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރުންނާއި ސަރުކާރާ ބެހޭގޮތުން ހަގީގަތާ ޚިލާފު ލިޔުންތައް ސޯޝަލް މީޑިއާގައި ޕޯސްޓުކޮށްފައިވާ ކަމަށް ބުނެ ކަމަށެވެ. އަދި ޕާޓީގެ މުޝްތަޝާރު ރައީސް ޔާމީންގެ އަބުރާއި ކަރާމާތަށް ގެއްލުން ދިނުމުގެ ނިޔަތުގައި ތަފާތު ތަންތަނުގައި ވާހަކަދައްކާފައިވާ ކަމަށް އެ ސިޓީގައި ބަޔާންކޮށްފައިވާ ކަމަށް ޒައިދު ވިދާޅުވި އެވެ.

އެފަދަ އިން ސުލޫކީ ކޮމެޓީން ނިންމިއިރު، އޭނާގެ ނަމުގައި ބަޔަކު ޓްވިޓާ އެކައުންޓެއް ހަދައިގެން ރައީސް ޔާމީނާއި ޕީޕީއެމްއާ ގުޅޭގޮތުން ދޮގު ވާހަކަތައް ޕޯސްޓުކުރާތީ އެ މައްސަލަ ބަލައި ދިނުމަށް އެ ކޮމެޓީގައި އޭނާ ވަނީ އެދިފައި ކަމަށް ވެސް ޒައިދު ވިދާޅުވި އެވެ.

ރައީސް ޔާމީންގެ އަބުރާ ބެހި އެއްވެސް ތަނެއްގައި އެއްވެސް ވާހަކައެއް ދައްކާފައިނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު ނުކުރާ ކަމަކަށް އަދަބުދީފައި މިވަނީ. އަޅުގަނޑަށް މައުލޫމާތު އެބަލިބޭ ރައީސް ޔާމީންގެ ނަންފުޅުގައި ޓްވިޓާ އެކައުންޓެއް ހަދައިގެން ޕީޕީއެމްގެ ބައެއް ބޭފުޅުންނާ ދިމާލަށް އެއްޗިހި ކިޔައި އެބޭފުޅުންގެ އަބުރާ ބެހެމުންދާ ކަމަށް. ދެން އެއީ ރައީސް ޔާމީން ކުރެއްވި ކަމެއް ކަމަށް އަޅުގަނޑުމެން ބުނަންވީތޯ،" ޒައިދު ވިދާޅުވި އެވެ.

ޒައިދުގެ އިތުރުން ޕީޕީއެމްގެ ކައުންސިލް މެމްބަރު އައިމިނަތު ނާދިރާ އާއި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ވެސް ވަނީ އެ ޕާޓީން ވަކިކޮށްފަ އެވެ.