އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ކްލަބު އީގަލްސް އަތުން ލިބުނު ޕޮއިންޓަކާއެކު، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުން ފުރަތަމަ ބުރު އެއް ވަނައިގައި އޮވެ ނިންމާލައިފި އެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ މާޒިޔާ އާއި އީގަލްސް ބައްދަލުކުރި މެޗު ނިމިގެންދިޔައީ 1-1 ލަނޑުން ދެ ޓީމު އެއްވަރުވެގެންނެވެ.

އެ ނަތީޖާއާއެކު ކުޅުނު ހަތް މެޗުން ލިބުނު 14 ޕޮއިންޓާއެކު ލީގުގެ އެއް ވަނައިގައި މާޒިޔާ އޮތް އިރު، ދެ ވަނައިގައި އޮތް އީގަލްސް އަށް ކުޅުނު ހަތް މެޗުން ލިބިފައި ވަނީ 13 ޕޮއިންޓެވެ.

މެޗުގެ 13 ވަނަ މިނެޓުގައި މާޒިޔާ އިން ވަނީ ލަނޑެއް ޖަހައި ލީޑު ހޯދައިފަ އެވެ. މާޒިޔާ އަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ކެޕްޓަން އަސަދުﷲ އަބްދުﷲ (އަސައްކޮ) އެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ އީގަލްސްގެ ޕެނަލްޓީ އޭރިޔާ ތެރެއިން އުފެއްދި ހަމަލާއަކުންނެވެ.

އެ ލަނޑަށްފަހު އީގަލްސް އިން ކުޅުން ވަރުގަދަކޮށް، ލަނޑެއް ޖެހޭތޯ މަސައްކަތްކުރި އެވެ. ނަމަވެސް ރާއްޖޭގެ އެއް ނަންބަރު ގޯލްކީޕަރު އިމްރާން މަހައްމަދު ބަލަހައްޓަމުންދިޔަ މާޒިޔާގެ ގޯލު ފޫއަޅުވާލުމަށް އީގަލްސް އިން ފުރަތަމަ ހާފުގައި ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފަ އެވެ. މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-0 ލަނޑުން މާޒިޔާ ކުރީގައި އޮވެގެންނެވެ.

މެޗުގެ 58 ވަނަ މިނެޓުގައި އީގަލްސް އިން ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފަ އެވެ. އީގަލްސް އަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ބިދޭސީ ފޯވަޑް މުހައްމަދު ސެޑިކް އެވެ. މާޒިޔާގެ ޕެނަލްޓީ އޭރިޔާ ބޭރުގައި ހުރެފައި ސެޑިކް އުފެއްދި ހަމަލާ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ.

މެޗުގެ 69 ވަނަ މިނެޓުގައި މާޒިޔާ އަށް އަލުން ލީޑު ހޯދުމަށް ފުރުސަތެއް ލިބިގެންދިޔަ އެވެ. ހުސައިން ނިޔާޒް މުހައްމަދު (ބޮކުރީ) ދިން ބޯޅައަކުން އީގަލްސްގެ ޕެނަލްޓީ އޭރިޔާ ތެރޭގައި ހުރެފައި އިސްމާއިލް އީސާ (މެސީ) ފޮނުވާލި ހަމަލާ، ކީޕަރު ސުޖަން ޕެރޭރާ ވަނީ މަތަކޮށްފަ އެވެ.

މެޗުގެ ދެވަނަ ހާފުގެ އިތުރު ވަގުތުގައި މާޒިޔާ އަށް ލިބުނު ކޯނަރަކުން ލަނޑެއް ޖެހި ނަމަވެސް، ރެފްރީ ވަނީ ފައުލެއް ކަމަށް ނިންމައިފަ އެވެ. އެ ނިންމުމާއެކު މެޗު ނިމުމުން މާޒިޔާގެ ބައެއް ކުޅުންތެރިންނާއި އޮފިޝަލުން ރެފްރީ އިސްމާއިލް އިޒްހާން ކައިރިއަށް ގޮސް، ހިތްހަމަނުޖެހުން ފާޅުކޮށްފައިވެ އެވެ. އަދި މެޗުގެ ރެފްރީން ދަނޑުން ފައިބަން ޖެހުނީ ވެސް ފުލުހުންގެ އެހީތެރިކަމާއެކު އެވެ.

ލީގުގައި މާދަމާ ކުޅުމަށް ހަމަޖެހިފައިވަނީ ފުރަތަމަ ބުރުގެ ފަހު މެޗެވެ. މާދަމާ ރޭ 10:00ގައި ކުޅޭ އެ މެޗުގައި ބައްދަލުކުރާނީ އެންމެ ފަހުގެ ޗެމްޕިއަން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ރަނަރަޕް ޓީސީ ސްޕޯޓްސް ކްލަބެވެ.