07 Jul 2016, 12:15
އެމެރިކާގެ އިންޑިއާނާޕޮލިސް ސިޓީގައި ޓްރެފިކް މައްސަލައަކާ ގުޅިގެން ޓްރެފިކް ފުލުހުން ހުއްޓުވި މީހެއްގެ ގަޔަށް ފުލުހުން ބަޑި ޖަހައި އޭނާ މަރާލައިފި އެވެ.
ފިލާންޑޯ ކަސްޓީލް ނަމަކަށް ކިޔާ މި މީހާ ދުއްވަމުން ދިޔަ ކާރު ފުލުހުން ހުއްޓުވީ، އޭނާގެ ކާރުގެ ފަހަތުގައި ހުންނަ ބޮތްކެއް ތަޅައިގެން ގޮސްފައި އޮތުމުންނެވެ.
ޓްރެފިކް ފުލުސް މީހާ އޭނާ ހުއްޓުވައި، ލައިސެންސް ދެއްކުމަށް ބުންޏެވެ. އެވަގުތު ފިލާންޑޯ، އޭނާގެ އަތުގައި ބަޑިއެއް ވެސް އޮތް ވާހަކަ ބުނެ، ލައިސެންސް ނެގުމަށް މަސައްކަތް ކުރުމުން ފުލުސް މީހާ އޭނާގެ ގަޔަށް ބަޑި ޖަހަ އެވެ.
ކާރުގައި ފިލާންޑޯއާ އެކު އެވަގުތު ހުރި އޭނާގެ ލޯބިވެރިޔާ ލެވިޝް ރެނަލްޑްސް މި މަންޒަރު ފޭސްބުކް މެދުވެރިކޮށް ލައިވްސްޓްރީމް ކޮށް، އޭނާގެ ލޯބިވެރިޔާގެ އެންމެ ފަހު ވަގުތުކޮޅު ގިނަ ބަޔަކަށް ދައްކަން ފެށި އެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި، ބަޑީގެ ވަޒަން އަރައި، ކާރު ތެރޭގައި މަރުވަމުން ދިޔަ ފިލާންޑޯއާ ދިމާލަށް އޭރުވެސް ފުލުސް މީހާ ހުރީ ބަޑި ދިއްކޮށްގެންނެވެ.
ލެވިޝް ބުނާ ގޮތުގައި، އޭނާގެ ލޯބިވެރިޔާ ބަޑިއެއް ގެންގުޅެނީ އެކަމަށް ބޭނުންވާ ލައިސެންސް ނުވަތަ ހުއްދައާ ވެސް އެކުގަ އެވެ.
ފުލުސް މީހާއަށް ކުރެވުނު ކަންތަކާ މެދު އޭނާއަށް ޖިސްމާނީ ގޮތުން އަސަރުކުރި ކަމަށް ބެލެވެ އެވެ.
"އަހަރެން ބުނިން އެ ބަޑި ނަގަން ނުހަދައްޗޭ!" އެ ފުލުސް މީހާ، ދެރަވެފައި ހުރި އަޑަކުން ހަޅޭއް ލަވާ އަޑު ލައިވްސްޓްރީމް ވީޑިއޯއިން އިވެ އެވެ.
ލެވިޝްގެ ލޯބިވެރިޔާގެ އެންމެ ފަހު ވަގުތުކޮޅު އެ ވީޑިއޯއިން ފެންނަ އިރު، މި ހާދިސާއާ ގުޅިގެން ލެވިޝްއާއި އޭނާގެ ކުޑަ އަންހެން ދަރިފުޅު ފުލުސް އޮފީހަށް ގެންދެ އެވެ.
ލެވިޝް ބުނި ގޮތުގައި ފިލާންޑޯގެ އަތަށް ފުލުހުން ހަތަރު ފަހަރު ބަޑި ޖެހި އެވެ.
އެމެރިކާގައި ބަޑީގެ ހަމަލާތައް ދީ މީހުން މެރުމުގެ ހާދިސާތަކަކީ އާންމު ކަމެކެވެ.