07 Jul 2016, 14:57
އަންނަ މަހު ބްރެޒިލްގެ ރިއޯ ޑި ޖެނީރޯގައި ބާއްވާ އޮލިމްޕިކް ގޭމްސްގައި ވާދަކުރާ ރާއްޖޭގެ އެތުލެޓިކްސް ޓީމުގައި ހަސަން ސާއިދު އާއި އަފާ އިސްމާއިލް ހިމަނައިފި އެވެ.
އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އެކުލަވާލި އެތުލެޓިކްސް ޓީމުގައި ވާދަކުރާ ޓީމުގައި ސާއިދު އާއި އަފާއާއެކު ކޯޗެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ އަހްމަދު ފާއިލް އެވެ.
އަންނަ މަހު 5 އިން 21 ވަނަ ދުވަހުގެ ނިޔަލަށް ބްރެޒިލްގެ ރިއޯގައި ކުރިއަށްދާ އޮލިމްޕިކް ގޭމްސްގައި ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ސާއިދު ވާދަކުރަނީ 100 މީޓަރު ދުވުމުގައެވެ. އަދި އަންހެން ދުވުންތެރިޔާ އަފާ ވާދަކުރަނީ 200 މީޓަރު ދުވުމުގައެވެ.
އެ މުބާރާތަށް ތައްޔާރުވުމަށް ސާއިދު އާއި އަފާ އިތުރު ތަމްރީނުތައް ކުރިއަށް ގެންދިއުމަށް މިއަދު އިންޑިއާގެ ބެންގަލޫރަށް ފުރުމަށް ހަމަޖެހިފައިވެ އެވެ.
ސާއިދު އަކީ މިދިޔަ އަހަރު ރިޔޫނިއަންގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ 100 މީޓަރު ދުވުމުން ރާއްޖެ އަށް ރަން މެޑެއްޔެއް ހޯދައިދީ، 200 މީޓަރު ދުވުމުން ރިހި މެޑެއްޔެއް ހޯދައިދިން ދުވުންތެރިޔެކެވެ. އަދި އޭނާ ވަނީ މި އަހަރު ބޭއްވި ސައުތު އޭޝިއަން ގޭމްސްގެ 100 މީޓަރު ދުވުމާއި 200 މީޓަރު ދުވުމުން ރިހި މެޑެއްޔެއް ހޯދައިފަ އެވެ.
އަފާ އަކީ އަންހެނުންގެ 200 މީޓަރު ދުވުމުގެ ގައުމީ ރެކޯޑު އޮންނަ ދުވުންތެރިޔާ އެވެ. އޭނާ ވަނީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އާއި ސައުތު އޭޝިއަން ގޭމްސްގައި ވާދަކުރި ރާއްޖޭގެ އެތުލެޓިކްސް ޓީމުގައި ވެސް ހިމެނިފަ އެވެ.