07 Jul 2016, 19:34
ހަވީރު ނޫހުގެ ކުރީގެ މުވައްޒަފުން ދެ އަހަރު ދުވަސް ވަންދެން ހަވީރު ނޫން އެހެން މީޑިއާއެއްގައި މަސައްކަތް ނުކުރެވޭނެ ކަމަށް ނިންމައި ސިވިލް ކޯޓުން ކުރި ހުކުމަކީ ޣައިރު ގާނޫނީ ހުކުމެއް ކަމަށް ބުނެ، އެ އަމުރު އިސްތިއުނާފު ކުރަން އެޓާނީ ޖެނެރަލް އޮފީހުން ނިންމައިފި އެވެ.
އެޓާނީ ޖެނެރަލްގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ ހަވީރުގެ ކުރީގެ މުވައްޒަފުންގެ މައްޗަށް ސިވިލް ކޯޓުން ކުރި ހުކުމަކީ ގާނޫނު އަސާސީއާއި ގާނޫނުތަކާ ޚިލާފު، ޣައިރު ގާނޫނީ ނިންމުމެއް ކަމަށާއި އެއީ އޭގެ މައްޗަށް އަމަލު ނުކުރެވޭނެ ބާތިލު އަމުރެއް ކަމަށް ދައުލަތުން ގަބޫލު ކުރާ ކަމަށެވެ.
ހަވީރު ނޫހާއި އެ ނޫހަށް ނިސްބަތްވާ ވިޔަފާރިތަކުގައި މަސައްކަތް ކުރި މީހަކު އެހެން މީޑިއާއެއްގައި މަސައްކަތް ކުރާ ނަމަ އޭނާގެ މައްޗަށް ފިޔަވަޅު އެޅުމަށް ހޯމް މިނިސްޓްރީއަށް އަމުރު ކޮށް، ދެ އަހަރު ދުވަހަށް ހިނގާ ގޮތަށް މިދިޔަ އާދީއްތަ ދުވަހު އެވެ. އެ ހުކުމާ ގުޅިގެން، އެއަށް އަމަލު ނުކުރެވޭނެ ކަމަށާއި ގާނޫނު އަސާސީ އާއި ގާނޫނުތަކުގެ ތެރެއިން އެއްވެސް މުވައްޒަފަކާ މެދު އެޅިދާނެ އަދި އެޅޭނެ ފިޔަވަޅެއް ނެތް ކަމަށް ހޯމް މިނިސްޓްރީ ހިންގުމާ ހަވާލުވެހުންނެވި ބަންޑާރަ ނައިބު މުހައްމަދު އަނިލް މީޑިއާގައި ވިދާޅުވުމުން ސިވިލް ކޯޓުން ޖުލައި ހަތަރުވަނަ ދުވަހު ވަނީ އެ އަމުރަށް އަމަލުކުރުމަށް އަމުރު ކޮށްފަ އެވެ.
އޭޖީ އޮފީހުން މިރޭ ނެރުނު ބަޔާނުގައި، ސިވިލް ކޯޓުގެ ހުކުމުން މައްސަލަ އުފެދޭ މައިގަނޑު ހަ ނުކުތާއެއް ވަނީ ފާހަގަ ކޮށްފަ އެވެ.
އެ ބަޔާނުގައި ބުނެފައިވަނީ ސިވިލް ކޯޓުގެ އަމުރާ ހަވީރުގެ ކުރީގެ މުވައްޒަފުން ޚިލާފު ވެއްޖެ ނަމަ އެމީހުންނާ މެދު ފިޔަވަޅު އެޅުމަށް ހޯމް މިނިސްޓްރީ ނުވަތަ ދައުލަތުގެ ކަމާ ބެހޭ މުއައްސަސާއަކަށް ކޯޓުން އަމުރު ކޮށްފައިވިޔަސް އެކަން ކުރެވެން ނެތް ކަމަށެވެ. އެއީ ދިވެހިރާއްޖޭގެ އެއްވެސް ގާނޫނަކުންވެސް އަދި ގާނޫނުއަސާސީގެ ދަށުންވެސް އެފަދަ ފިޔަވަޅެއް އެޅުމުގެ ބާރެއް ހޯމް މިނިސްޓްރީއަށްވެސް އަދި ދައުލަތުގެ އެއްވެސް މުއައްސަސާއަކަށްވެސް ލިބިގެން ނުވާތީ ކަމަށް އޭޖީ އޮފީހުގެ ބަޔާނުގައި ވަނީ ބުނެފަ އެވެ.
ހަވީރުގެ ކުރީގެ މުވައްޒަފުންނަށް ފިޔަވަޅުން އަޅަން ސިވިލް ކޯޓުން ހޯމް މިނިސްޓްރީގެ މައްޗަށް އެންގިޔަސް އެއައް އަމަލު ނުކުރެވޭނެ ކަމަށާއި އެއީ ސުޕްރީމް ކޯޓުގެ ރޫލިންގްއާ ހިލާފު ހުކުމެއް ކަމަށްވެސް އޭޖީ އޮފީހުގެ ބަޔާނުގައި ވަނީ ބުނެފަ އެވެ.
ހަވީރުގެ މިލްކުވެރިކަމާމެދު ހިލާދު އުފެދިގެން ހުށަހެޅުނު އެމައްސަލަ ހައިކޯޓުން ނިންމާފައިވާއިރު ހައިކޯޓުގެ ނިންމުމުގައިވެސް މުވައްޒަފުންނަށް ފިޔަވަޅުުއަޅަން އަންގާފައި ނުވާ ކަމަށް އޭޖީ އޮފީހުން ވަނީ ބުނެފަ އެވެ. އަދި އެމައްސަލައާ ގުޅިގެން ސިވިލް ކޯޓަށް ދައުވާކުރާ ފަރާތުން މައްސަލަ ހުށަހެޅި އިރުވެސް މުވައްޒަފުންނާމެދު ފިޔަވަޅު އެޅުމަށް ދައުވާގައި އެދިފައި ނުވާކަމަށް އޭޖީ އޮފީހުގެ ބަޔާނުގައިވެ އެވެ.
އޭގެ އިތުރުން ހަވީރުގައި މަސައްކަތް ކުރި ހުރިހާ މުވައްޒަފުންގެ މައްޗަށް އަމުރުކޮށް ސިވިލްކޯޓުން ހުކުމްކޮށްފައިވަނީ އެފަރާތްތަކުގެ ބަހެއް ހޯދުމެއް ނެތި ކަމަށާއި އެއީ ގާނޫނުއަސާސީގެ 42 ވަނަ މާއްދާއާ ހިލާފުކަމެއް ކަމެއްކަމަށް އޭޖީގެ ބަޔާނުގައިވެ އެވެ.
ގާނޫނުއަސާސީގެ 42 ވަނަ މާއްދާގަައި ބުނެފައިވަނީ ޝަރީއަތް ކުރިއަށް ގެންދަންވާނީ އަދުވެރިކަމާއި ހާމަކަމާއިއެކު ވަކި ފަރާތަކަށް ނުޖެހި ކަމަށެވެ. ސިވިލް ކޯޓުން ކުރި ހުކުމަކީ ނެޗުރަލް ޖަސްޓިސްގެ އުސޫލެއްކަމަށްވާ އަނެއް ހަސްމުގެ ބަހެއްހޯދުމުގެ އުސޫލާ ހިލާފުކަމެއް ކަމަށްވެސް އޭޖީ އޮފީހުންވަނީ ބުނެފަ އެވެ.
ސިވިލް ކޯޓުން ހުކުމް ކުރި އިރު ހަވީރުގައި ވަޒީފާ އަދާކުރި ހުރިހާ މުވައްޒަފުންނަށް ރައްދުވާގޮތަށް ކުރިނަމަވެސް އެތަނުގައި އެކި ފަންނުގެ އެކި ފެންވަރުގެ ވަޒީފާ އަދާކުރި މީހުން ތިބިކަމަށާއި އޭން އެއްވެސްކަމަކަށް ރިއާޔަތްކޮށްފައި ނުވާކަމަށް އޭޖީ އޮފިހުންވަނީ ބުނެފަ އެވެ.
ހަވީރު ނޫހުގެ ހިއްސާދާރުންގެ ތެރޭގައި ހިމެނޭ ހ. މީރުބަހާރުއާގޭ އިބްރާހީމް ރަޝީދު މޫސާ އާއި ގ. ކޮއްކިރި އަބްދުﷲ ފާރޫގު ހަސަން އަދި ހ. ޓައިމްލެސް މުހައްމަދު ނައީމް ސިވިލް ކޯޓަށް މައްސަލަ ހުށަހަޅުއްވާފައި ވަނީ ހަވީރުގެ މިލްކުވެރިކަމާ މެދު ހައިކޯޓުން މައްސަލަ ނިންމައި ކޮށްފައިވާ ހުކުމާ ގުޅިގެން ހަވީރަށް މިހާތަނަށް ލިބިފައިވާ އާމްދަނީގެ ތަފްސީލު ސާފުކުރުމަށާއި ހިއްސާދާރުންނަށް ހައްގުވާ ލިބިފައިވާ ސާފު ފައިދާގެ ބައި ކޯޓު މެދުވެރިކޮށް ހޯދުމަށެވެ.
އެމައްސަލާގައި ސިވިލް ކޯޓުން ކުރި ހުކުމުގައި ހަވީރުގައި މަސައްކަތް ކުރި މުވައްޒަފުންގެ މައްޗަށް ކުރި އަމުރުގެ އިތުރުންވެސް ގިނަ ކަންތައްތަކެއް ފާހަގަކޮށްފައިވެ އެވެ.
އޭޖީ އޮފީހުން ނެރުނު ބަޔާނުގައި ބުނެފައިވަނީ އެމައްސަލާގައި ދައުލަތުގެ ފަރާތުން އިސްތިއުނާފު ކުރަނީ ހަވީރުގައި އުޅުނު މުވައްޒަފުންނަށް ނިސްބަތްވާގޮތަށް ކޮށްފައިވާ އަމުރު ކަމަށެވެ. ހަވީރުގެ ހިއްސާއާ ގުޅޭގޮތުން މީގެކުރިން ކޮށްފައިވާ އެއްވެސް ހުކުމަކަށް މި ބަޔާނުގައި ރިއާޔަތްކޮށްފައި ނުވާކަން ފާހަގަކޮށްލެވެއެވެ.
" ސިވިލް ކޯޓުން ކުރި ހުކުމުގައި ހިމަނާފައިވާ ކަންތައްތަކުގެ ތެރެއިން ހަމައެކަނި ހަވީރު ނޫހާއި، ހަވީރު އޮންލައިނާއި، ޗާޕުހާނާ (ލޯމާފާނު ޕްރިންޓާއި) ހަވީރަށް ނިސްބަތްވާ ވިޔަފާރިތަކުގައި ވަޒީފާއަދާކޮށްފައިވާ މީހަކު ނުވަތަ ބައެއް އިސްވެދެންނެވި ހުކުމާއި ހިލާފުވެއްޖެނަމަ އެމީހުންނާއި މެދު ފިޔަވަޅު އެޅުމަށް ސިވިލްކޯޓުން ކުރައްވާފައިވާ އަމުރައް ނިސްބަތްވާ ބައި ދައުލަތުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް ނިންމާފައިވާކަން ހާމަކުރަން" އޭޖީ އޮފީހުގެ ބަޔާނުގައި ވެ އެވެ.
ހަވީރު ނޫހާއި އެ ނޫހަށް ނިސްބަތްވާ ވިޔަފާރިތަކުގައި މަސައްކަތް ކުރި މީހަކު އެހެން މީޑިއާއެއްގައި މަސައްކަތް ކުރާ ނަމަ އޭނާގެ މައްޗަށް ފިޔަވަޅު އެޅުމަށް ހޯމް މިނިސްޓްރީއަށް އަމުރު ކޮށް ކުރި ހުކުމް ހަވީރުގެ މަސައްކަތް ކުރި 33 މުވައްޒަފެއްގެ ފަރާތުންވެސް ވަނީ ހައިކޯޓަށް އިސްތިއުނާފުކޮށްފަ އެވެ.

އެޓާނީ ޖެނެރަލްގެ އޮފީހުން ނެރުނު ބަޔާން - ސަފްހާ 1

އެޓާނީ ޖެނެރަލްގެ އޮފީހުން ނެރުނު ބަޔާން - ސަފްހާ 2

އެޓާނީ ޖެނެރަލްގެ އޮފީހުން ނެރުނު ބަޔާން - ސަފްހާ 3