08 Jul 2016, 11:31
ޕާކިސްތާނުން ރާއްޖެއަށް ޑޮކްޓަރުންތަކެއް ފޮނުވަން އުޅެނީ ރާއްޖެއާ އިންޑިއާއާ ދެމެދު އޮތް ގުޅުމަށް ނޭދެވޭ ނުފޫޒުތަކެއް ފޯރުވަން ކަމަށް އިންޑިއާގެ ނޫހަކުން ބުނެފި އެވެ.
ޕާކިސްތާނުން 100 ޑޮކްޓަރުންގެ ޓީމެއް ރާއްޖޭގައި އެއް އަހަރު ދުވަހު މަސައްކަތް ކުރުމަށް އެ ގައުމުގެ ސަރުކާރުން ހާމަކުރީ ނިމިދިޔަ ޖޫން މަހުގެ ފަހުކޮޅުގަ އެވެ.
މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައި ރައީސް ޔާމީން ޕާކިސްތާނަށް ކުރެއްވި ދަތުރުފުޅުގައި އެދިވަޑައިގެންނެވި ގޮތަށް ޕާކިސްތާނުން 100 ޑޮކްޓަރުން ފޮނުވަން ނިންމާފައިވާ އިރު ޑޮކްޓަރުންނަށް 2000 އެމެރިކާ ޑޮލަރު (30،840 ރުފިޔާ)ގެ މުސާރައަކާ އެކު އެކޮމޮޑޭޝަނާއި ކެއުން ފަދަ ކަންކަން ވެސް ހަމަޖައްސައިދޭނީ ޕާކިސްތާނުގެ ސަރުކާރުންނެވެ.
އެކަމާ ގުޅިގެން އިންޑިއާގެ "ދަ ޑެއިލީ ޕަޔަނިއާ" ނޫހުގައި މިއަދު ޝާއިއު ކުރި ލިޔުމެއްގައި ބުނީ، އިންޑިއާގެ ބައެއް އޭޖެންސީތަކުން ބުނާ ގޮތުގައި ޕާކިސްތާނުން ރާއްޖެއަށް ޑޮކްޓަރުން ފޮނުވަނީ އިންޑިއާއާ ރާއްޖެއާ ދެމެދު އޮތް ގާތް ގުޅުމަށް ބުރޫ އަރުވައި، އެ ގުޅުން ކުޑަ ކުރުމަށެވެ.
އިންޑިއާގެ ބައެއް ސެކިއުރިޓީ އޭޖެންސީތަކާ ހަވާލައިދީ އެ ނޫހުން ބުނެފައިވަނީ ޕާކިސްތާނުން ރާއްޖެއަށް ފޮނުވަން އުޅޭ ޑޮކްޓަރުންނަކީ ޕާކިސްތާނުގެ އިންޓަ ސާވިސް އިންޓެލިޖެންސްއާ ގުޅުން ހުރި ބައެއް ކަމަށެވެ. އަދި އެ މީހުންނަކީ "ޖައިޝޭ މުޙައްމަދު" އަދި "ލަޝްކަރޭ ތޮއިބާ" ފަދަ ހަނގުރާމަވެރި ޖަމާއަތްތަކާ ގުޅުން އޮންނަ ބައެއް ކަމަށް ވެސް އިންޑިއާގެ އެކި އޭޖެންސީތަކާ ހަވާލައިދީ ޑެއިލީ ޕަޔަނިއާ ނޫހުގައި ބުނެ އެވެ.
"މިދިޔަ ދުވަސްތަކުގައި މި ޑޮކްޓަރުން ދިޔައީ، ދިވެހީންގެ ސިކުނޑި އާއި ފިކުރާ ކުޅުމަށްޓަކައި ދިވެހީންގެ ސަގާފަތާ ބެހޭ މައުލޫމާތު އިންޓަނެޓު މެދުވެރިކޮށް ހޯދަމުން،" އެ ނޫހުގައި ބުނެފައި ވެ އެވެ.
ޕަޔަނިއާ ނޫހުން ބުނާ ގޮތުގައި ރާއްޖެއަށް ޕާކިސްތާނުން އަންނަ ޑޮކްޓަރުން މަސައްކަތް ކުރަނީ ދިވެހި ރައްޔިތުންގެ މެދުގައި ހައްދު ފަހަނަ އެޅި ދީނީ ފިކުރު ޕްރޮމޯޓުކޮށް، ދިވެހި ސަރުކާރާ ދެކޮޅު އަމަލުތަކެއް ހިންގުވުމަށެވެ.
"އިންޑިއާގެ އޭޖެންސީތަކަށް ޝައްކު ކުރެވެނީ މި ޑޮކްޓަރުން ރާއްޖެއަށް ފޮނުވަނީ ސިއްރު އެޖެންޑާއަކާ އެކު ކަމަށް. އެ މީހުން މަސައްކަތް ކުރާނީ އިންޑިއާއާ ދެކޮޅު ޚިޔާލު ފަތުރައި، ރާއްޖޭގައި މިހާރު އޮތް، އިންޑިއާއާ ގުޅުން ބޮޑު ސަރުކާރާ ދެކޮޅަށް ބަޣާވާތެއް ކުރުވުމަށް،" އެ ނޫހުން ބުނެފައި ވެ އެވެ.
"މި ޑޮކްޓަރުންގެ ބެކްގްރައުންޑާއި ޕާކިސްތާނުގެ އޭޖެންސީތަކުގެ ޓްރެކް ރިކޯޑު ބެލުމުން، އެ މީހުން ރާއްޖޭގައި ދިގު މުއްދަތަކަށް ތިބެއްޖެ ނަމަ ރާއްޖޭގެ ވެރިކަމާ ދެކޮޅަށް ބަޣާވާތެއް ކުރުމަށް މަސައްކަތް ކުރުމުގެ ފުރުސަތު އެބަ އޮތް. އެ މީހުންގެ ހަރަކާތްތަކުން ދިވެހި ސަރުކާރަށް ބޮޑެތި އުނދަގޫތަކެއް ކުރިމަތިވެ އައިއެސްގެ ހައްދުފަހަނަ އެޅި ފިކުރު އާލާ ވާނެ ކަމަށް ބެލެވޭ،" އިންޑިއާގެ އިންޓެލިޖެންސް އޭޖެންސީއެއްގެ އޮފިޝަލަކު ބުނި ކަމަށް ޕަޔަނިއާ ނޫހުގައި ބުނެ އެވެ.
އިންޑިއާގެ މަސްދަރުތަކާ ހަވާލައިދީ އެ ގައުމުގެ މީޑިއާގައި މިފަދަ ވާހަކައެއް ރިޕޯޓު ކޮށްފައިވާ އިރު، އިންޑިއާގެ އިންޓެލިޖެންސް ބިއުރޯއިން މިދިޔަ ހަފްތާގައި ވަނީ ދެކުނު އޭޝިއާ ސަރަހައްދުގައި ފަރާތުން ކަމަށް ބުނެފަ އެވެ. އައިއެސްއިން ބަންގްލަދޭޝްގައި ދާދި ފަހުން ހަމަލާތަކެއް ދީފައި އޮތް ނަމަވެސް، ބަންގްލަދޭޝަށް ވުރެ ބޮޑަށް ރާއްޖޭގައި ޓެރަރިޒަމްގެ ބިރު ބޮޑު ކަމަށް އިންޑިއާއިން ބުނެ އެވެ.