09 Jul 2016, 16:08
ޔާރާ ޕްރޮޑަކްޝަންގެ ޕޮލިޓިކަލީ ޗާޖްޑް ކްރައިމް ޑްރާމާ ފިލްމު، "ވިޝްކާ"ގެ ޓްރެއިލަރ މިއަދު ލޯންޗުކޮށްފި އެވެ.
"ވިޝްކާ" ގެ ޓްރެއިލަރ މިއަދު ލޯންޗު ކުރި އިރު، މީގެ ކުރިން އެ ފިލްމުގެ ޓީޒާ އެއް ވެސް ވަނީ ބެލުންތެރިންނަށް ދޫކޮށްލާފަ އެވެ.
"ވިޝްކާ" ގެ މަންޒަރެއްގައި ރިޝްމީ ---
ފިލްމުގެ ލީޑު ރޯލުން ފެނިގެންދާނީ އައިޝަތު ރިޝްމީ އާއި ރަވީ ފާރޫގް އަދި އަހުމަދު ސައީދު އެވެ. މިއީ ރިޝްމީ އަދު ރަވީ އެކުގައި ފެނިގެންދާ ފުރަތަމަ ފިލްމެވެ.
"ވިޝްކާ" ދިވެހި މުޖުތަމައުގައި ހިނގާ މާރާމާރީ އާއި ސިޔާސީ ކަންތައްތަކުގެ މައްޗަށް އުފައްދާފައިވާ ފިލްމެކެވެ. އެ ފިލްމުގައި ލޯތްބާއި، ނަފްރަތާއި، ދަހިވެތިކަމާއި އަނިޔާވެރިކަން ފަދަ ހުރިހާ ކަމެއް އެކުލެވިގެންވެ އެވެ.
"ވިޝްކާ" ގެ މަންޒަރެއްގައި ރަވީ އަދި ރިޝްމީ ---
ފިލްމުގެ ޓްރެއިލަރ އިން ދޭހަވާ ގޮތުން، އެ ހުރިހާ ކަމެއްގެ ތެރޭގައި ބެދި ތާށިވަނީ، ކުށެއް ނެތް މައުސޫމް އަންހެނެކެވެ. އެއި ރިޝްމީ އެވެ.
މިއަދު ވަނީ ފިލްމުގެ ވީޑިއޯ ލަވައެއް ވެސް ރިލީޒްކޮށްފަ އެވެ. މިއަދު ރިލީޒްކުރި "އާދޭ މިއަދު ދާން" ލަވަ އަކީ ސިމްބޮލިކް ރެކޯޑްސް އިން ވީޑިއޯ ތައްޔާރުކޮށް، ރަވީ އަދި މަރިޔަމް ރިފްގާ ގެ އަޑުން ކިޔައިދީފައިވާ ލަވައެކެވެ. ރަވީ އަދި ރިޝްމީ ފެނިގެންދާ އެ ލަވައިގެ ރާގު ހަދައިދީފައި ވަނީ ކުޅަދާނަ މިޔުޒީޝަން މުހައްމަދު އަބްދުލް ޣަނީ (ތޭރަވާ) އެވެ.
"ވިޝްކާ" ގެ މަންޒަރެއްގައި ސައީދު ---
"ވިޝްކާ" ގެ ޝޫޓިން އެއްކޮށް ނިންމާލާފައި ވާއިރު، މިހާރު ކުރިއަށް ދަނީ އެޑިޓިން ގެ މަސައްކަތެވެ. އަބްދުﷲ ވިޝާމްގެ ވާހަކައަކަށް، ފިލްމުގެ ސްކްރީންޕްލޭ ތައްޔާރުކޮށްފައި ވަނީ މަހުދީ އަހުމަދެވެ.
ރަވީ ޑައިރެކްޓުކޮށް ރިޝްމީ ޕްރޮޑިއުސް ކޮށްފައިވާ "ވިޝްކާ" ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ އަންނަ އޯގަސްޓު މަހު ޝްވެކް ސިނަމާގަ އެވެ.