10 Jul 2016, 10:27
ގައުމީ އެއާލައިން މޯލްޑިވިއަންގެ ސީޕްލޭން ފްލީޓަށް އަށް ވަނަ ސީޕްލޭނެއް މި ހަފްތާ ތެރޭގައި ގުޅޭނެ އެވެ.
މޯލްޑިވިއަން އިން ސީޕްލޭންގެ ގޮތުގައި ބޭނުން ކުރަނީ ޑީއެޗްސީ6 ޓުވިން އޮޓާ މަރުކާގެ ބޯޓެވެ. މި ބާވަތުގެ ހަތް ބޯޓު ސީޕްލޭންގެ ގޮތުގައި މޯލްޑިވިއަންއިން ގެނެސް، ބޭނުންކުރާ އިރު އެންމެ ފަހުން ބޯޓެއް ގެނައީ ޖޫން މަހުގެ ތެރޭގަ އެވެ.
މޯލްޑިވިއަންގެ ހެޑް އޮފް އެޑްމިނިސްޓްރޭޝަން އަލީ ނަޝާތު ހަމީދު މިއަދު "ސަން" އަށް ވިދާޅުވީ މޯލްޑިވިއަންގެ އަށް ވަނަ ސީޕްލޭން ރާއްޖެ އަށް އައުމަށް ކެނެޑާއިން އިއްޔެ ފުރާފައިވާ ކަމަށާއި ރާއްޖެ އަށް އެ ބޯޓު އައުމަށް ފަސް ވަރަކަށް ދުވަސް ނަގާނެ ކަމަށެވެ.
މޯލްޑިވިއަންއިން މި ހަފްތާ ތެރޭގައި ގެންނަން ހަމަޖެހިފައިވާ ބޯޓު ޚާއްސަވަނީ، މިއީ މީގެ ކުރިން ދެ ފަހަރެއްގެ މަތިން ރާއްޖޭގައި ދުއްވާފައިވާ ބޯޓަކަށް ވާތީ އެވެ.
މޯލްޑިވިއަންއިން މި ހަފްތާ ތެރޭގައި ރާއްޖެއަށް ގެންނައެއާކްރާފްޓް1999 ވަނަ އަހަރު މޯލްޑިވިއަން އެއާ ޓެކްސީގައި ބޭނުންކޮށްފައިވެ އެވެ. އަދި އެއަށް ފަހު 2002 ވަނަ އަހަރު ކެނެޑާގެ ކެން ބޮރެކް އެއާގައި އެ ބޯޓު ދުއްވާފައިވެ އެވެ.
މި ބޯޓު ދެން ރާއްޖެ އަށް އަނެއްކާ ވެސް ގެނެސްފައި ވަނީ 2003 ވަނަ އަހަރު، މޯލްޑިވިއަން އެއާ ޓެކްސީ އަށެވެ. ހަ އަހަރު ދުވަހު މޯލްޑިވިއަން އެއާ ޓެކްސީގައި ބޯޓު ބޭނުންކުރުމަށް ފަހު އެ ބޯޓު ދެން ގެންގޮސްފައި ވަނީ ސްރީލަންކަން އެއާ ޓެކްސީ އަށެވެ. އަދި އިތުރު ދެ އެއާލައިނެއްގައި އޭގެ ފަހުން ބޭނުން ކުރުމަށް ފަހު މި ބޯޓު އަލުން އެނބުރި ރާއްޖޭގެ އެއާލައިނެއްގައި ދުއްވުމަށް ޓަކައި ރާއްޖެ އައުމަށް މިހާރު ދަނީ ދަތުރު ކުރަމުންނެވެ.
މޯލްޑިވިއަންއިން ސީޕްލޭނުގެ ގޮތުގައި ބޭނުންކުރާ ޑީއެޗްސީ6 ޓްވިން އޮޓާ މަރުކާގެ ބޯޓުތަކަކީ 15 މީހުންގެ ޖާގައިގެ ބޯޓުތަކެކެވެ.