10 Jul 2016, 13:21
ކުޅިވަރާ ބެހޭ ގާނޫނުގެ ދަށުން އުފައްދަން ލާޒިމްކުރާ މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަންގެ ޗެއާމަންއަކަށް ފުޓްބޯޅަ ކޯޗު އިހުސާން އަބްދުލްޣަނީ (ސާންތި) ހަމަޖައްސައިފި އެވެ.
ޕްރައިވަޓައިޒޭޝަން ބޯޑުގެ ރައީސް މުހައްމަދު ނިޒާރު މިއަދު ސަން އަށް ވިދާޅުވީ މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަންގެ ޗެއާމަންއަކަށް ގ.އިލާ އިހުސާން އަބްދުލްޣަނީ ހަމަައްސާފައިވާ ކަމަށެވެ.
މީގެ ކުރިން ވަނީ އެކޯޕަރޭޝަންގެ ބޯޑަށް ތިން މެމްބަރަކު ހަމަޖައްސައި މެނޭޖިން ޑިރެކްޓަރަކަށް އަބްދުލް ރައްޒާގު އިބްރާހިމް އައްޔަނުކޮށްފަ އެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ހަތް ވަނަ ދުވަހު އަމަލުކުރަން ފެށި ދިވެހިރާއްޖޭގެ ކުޅިވަރުގެ ގާނޫނުގައި ބުނާ މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަން ރަޖިސްޓްރީކޮށްފައިވާ އިރު އެ ކޯޕަރޭޝަނަކީ ކުޅިވަރު ގާނޫނުގެ ދަށުން ސަރުކާރުން 100 ޕަސަންޓް ހިއްސާވާ ގޮތަށް ރަޖިސްޓްރީކޮށްފައިވާ ކުންފުންޏެކެވެ.
މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަންގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ ދިވެހިރާއްޖޭގެ ކުޅިވަރުގެ އޮނިގަނޑު ކުރިއެރުވުމާއި، ކޯޕަރޭޝަނަށް ނަގުލުކުރެވޭ މުދަލާއި އެ ގާނޫނުގެ ދަށުން މިހާރު އުފައްދާފައިވާ ކުޅިވަރު ޗެނަލް ތަރައްގީކުރުމެވެ. މީގެ އިތުރުން ކުޅިވަރުގެ ދާއިރާއަށް ނިކުންނަށް އެދޭ ޒުވާނުންނަށް އެކަން ފަހިކޮށްދީ ކުޅިވަރު ކުޅޭ ފަރާތްތަކުގެ ގާބިލްކަން ކުރިއެރުވޭނެ ޕްރޮގްރާމްތައް ރާވައި ހިންގުމާއި ކުޅިވަރު ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތައް އިތުރަށް ކުރިއަރައި ތަމްރީން ހޯދާނެ މަގު ފަހިކޮށްދިނުން ހިމެނެ އެވެ.