11 Jul 2016, 12:31
މި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މިހާތަނަށް 18 މީހަކު ޑެންގީއަށް ޕޮޒިޓިވްވެގެން ފަރުވާދެމުން އަންނަ ކަމަށް ހއ. އިހަވަންދޫ ސިއްހީ މަރުކަޒުން ބުނެފި އެވެ.
އިހަވަންދޫ ސިއްހީ މަރުކަޒުގެ ސީނިއާ އެޑްމިނިސްޓްރޭޓަރ ޝަހުމާ މޫސާ މިއަދު ސަން އަށް ވިދާޅުވީ، ޑެންގީ ޖެހިގެން އެންމެ ގިނަ މީހުން އެ މަރުކަޒަށް ގެނެސްފައި ވަނީ މިދިޔަ ރޯދަ މަހު ކަމަށެވެ.
އޭނާ ވިދާޅުވީ، މިދިޔަ އޭޕްރީލް މަހުން ފެށިގެން މިހާތަނަށް 60 މީހަކަށް ޑެންގީ ޖެހިގެން އެ މަރުކަޒަށް ގެނެސްފައިވާއިރު، އޭގެތެރޭގައި ހިމެނެނީ ފަސް އަހަރުން ދަށުގެ 15 ކުދިންނާއި ފަސް އަހަރުން މަތީގެ 45 މީހުން ކަމަށެވެ.
އެ މަރުކަޒުން ފަރުވާ ނުދެވިގެން ގިނަ އަދަދެއްގެ ބަލި މީހުން ހއ. އަތޮޅު ހޮސްޕިޓަލަށާއި ހދ. ކުޅުދުއްފުށީ ރީޖިނަލް ހޮސްޕިޓަލަށް ފޮނުވާފައިވާ ކަމަށް ވެސް ޝަހުމާ ވިދާޅުވި އެވެ.
"އަޅުގަނޑު ހަމަ ފާހަގަކޮށްލަން ބޭނުން ހެލްތު ސެންޓަރު ލެވެލްގައި ދޭންޖެހޭ މައުލޫމާތު ރައްޔިތުންނަށް ދިނުމަށްޓަކައި ޑޯޓުޑޯ ޕްރޮގްރާމްތަކާއި މައުލޫމާތު ދިނުމުގެ ސެޝަންތައް ރައްޔިތުންނަށް ދެމުން މިއަންނަނީ،" ޝަހުމާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ރަށުގެ ހުރިހާ މުއައްސަސާއެއް ގުޅިގެން ރަށުތެރެ ސާފު ކުރުމުގެ ޕްރޮގްރާމްތައް ވެސް ހިންގަމުން އަންނަ ކަމަށެވެ. އަދި ފުލުހުންނާއި ސިއްހީ މަރުކަޒު ގުޅިގެން ހަފްތާއެއް ވަންދެން ރަށުތެރެ ފޮގް ކުރުމުގެ މަސައްކަތް ވެސް ކުރިއަށްގެންގޮސްފައިވާ ކަމަށް ޝަހުމާ ވިދާޅުވި އެވެ.