މޯލްޑިވްސް ޕޮލިސް ސާވިސްއިން ފުލުހުންނަށް ކުރުމަށް ހަވާލުކުރާ މަސައްކަތް ކުރާ އިރު، ވަކިވަކި ފުލުހުންނާ މެދު ފިޔަވަޅު އަޅަން ބައެއް ފަރާތްތަކުން ކުރަމުންދާ މަސައްކަތް ހުއްޓުވާނެ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން ބުނެފި އެވެ.

ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ފުލުހުން ޑިއުޓީ އަދާ ކުރާ އިރު ކުރާ މަސައްކަތާ ގުޅޭ ގޮތުން ވަކިވަކި ފުލުހުންގެ މައްސަލަތައް ކަމާ ބެހޭ ފަރާތްތަކަށް ހުށަހަޅައި، ފިޔަވަޅު އަޅަން މަސައްކަތް ކުރާނެ ކަމަށް ބައެއް ފަރާތްތަކުން ބުނަމުންދާ ކަމަށެވެ.

ފުލުހުން މިހެން ބުނި އިރު، އެ ފަރާތުން ގާނޫނު އަސާސީގެ އިމުގެ ތެރެއިން ހިންގުމަށް ރާވާ ސިޔާސީ ހަރަކާތްތަކަށް ހުރަސް އަޅާ ވަކިވަކި ފުލުހުންގެ މައްސަލަ ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނަށް ހުށަހަޅާނެ ކަމަށެވެ. އަދި އިއްޔެ އެމްޔޫއޯއިން މުލީއާގެ ކައިރީގައި ނޫސްވެރިންނާ ބައްދަލުކުރަން އުޅުމުން އެމްޔޫއޯގެ އިސް ބޭފުޅުން ދުރަށް ޖައްސަން ދެ ފުލުހުން މަސައްކަތް ކުރި އިރު، އެ ދެ ފުލުހުންގެ މައްސަލަ ވަކިވަކިން ކޮމިޝަނަށް ހުށަހަޅާނެ ކަމަށް އެމްޔޫއޯއިން ބުންޏެވެ.

ފުލުހުން މިރޭ ނެރުނު ބަޔާނުގައި ބުނީ ރަސްމީ ޑިއުޓީ ގަޑީގައި ފުލުހުން ކުރާ މަސައްކަތް ބަލައި މޮނީޓާ ކުރެވޭ ނިޒާމެއް ފުލުސް އޮފީހުގައި ގާއިމު ކޮށްފައިވާނެ ކަމަށާއި އެ ނިޒާމުގެ ދަށުން ފުލުހުން ކުރަންވީ މަސައްކަތް ކަނޑައެޅި މަސައްކަތް ހަވާލު ކުރުމުގެ އިތުރުން ކަނޑައަޅާފައިވާ ހައިރާކީގެ ތެރެއިން މަސައްކަތްތައް މޮނީޓާ ކުރެވޭ ކަމަށެވެ.

އެހެންކަމުން ޕޮލިސް ސާވިސްއިން ހަވަލުކޮށްގެން ފުލުހުން ކުރާ މަސައްކަތަކީ ފުލުހަކު ފަރުދީ ހައިސިއްޔަތުން ވަކިވަކިން ކުރާ މަސައްކަތެއް ނޫން ކަމަށާއި، ވަކިވަކި ފުލުހަކު އަދާކުރާ ދައުރާއި ގުޅިގެން ކުރިމަތިވާ ކަންކަމުގެ ޒިންމާ ނަގާނީ މޯލްޑިވްސް ޕޮލިސް ސާވިސްއިން ކަމަށް ފުލުހުން ބުންޏެވެ.

އަދި ފިޔަވަޅު އަޅަންޖެހޭ ހާލަތެއްގައި ފިޔަވަޅު އެޅުމަށް ފަސްނުޖެހޭނެ ކަމަށް ވެސް ފުލުސް އޮފީހުން ބުނެ އެވެ.

މޯލްޑިވްސް ޕޮލިސް ސާވިސްއިން ޙަވާލުކޮށް ފުލުހުން ކުރާ މަސައްކަތަކީ ފުލުހަކު ފަރުދީ ހައިސިއްޔަތުން ވަކިވަކިން ކުރެވޭ މަސައްކަތެއްގެ ގޮތުގައި ނުވާހިނދު ވަކިވަކި ފުލުހަކު އަދާކުރާ ދައުރާއި ގުޅިގެން ކުރިމަތިވާ ކަންކަމުގެ ޒިންމާ ނަގައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން ފަސް ނުޖެހޭނެ ވާހަކަ ދަންނަވަމެވެ.

ފުލުހުން ބުނީ، ވަކިވަކި ފުލުހުންގެ މައްސަލަ ކަމާ ބެހޭ ފަރާތްތަކަށް ހުށަހަޅައި، އެ ފުލުހުންނާ މެދު ފިޔަވަޅު އަޅާނެ ކަމަށް ބައެއް ފަރާތްތަކުން މަސައްކަތް ކުރަމުންދާ އިރު، ފުލުހުންނާ މެދު ރައްޔިތުންގެ ހިތުގައި ނުރަގަޅު ތަސައްވަރެއް އުފެއްދުމަށް އެފަރާތްތަކުން މަސައްކަތް ކުރާ ކަމަށެެވެ.

ފުލުހުންގެ ބަޔާނުގައި ބުނީ، ވަކިވަކި ފުލުހުންނާ މެދު ފިޔަވަޅު އަޅައި، ފުލުހުންގެ މެދުގައި ބައިބައިވުން އުފެދޭ ގޮތަށް ކުރަމުންދާ މަސައްކަތް ހުއްޓުވާނެ ކަމަށާއި ފުލުހުން ދެމިތިބޭނީ ފުލުހުންގެ ގާނޫނީ މަސައްކަތް އަދާ ކުރުމުގައި ކަމަށެވެ.