12 Jul 2016, 11:51
ދެކުނު ޗައިނާ ކަނޑުގެ މައްސަލައަކީ ކޮބާ؟
ޗައިނާގެ ދެކުނަށްވާ ގޮތަށް އަދި ފިލިޕީންސްގެ ހުޅަނގަށްވާ ގޮތަށް އޮންނަ ގާތްގަނޑަކަށް 3.5 މިލިއަން ސުކެއާ ކިލޯ މީޓަރުގެ ކަނޑުގެ ސަރަހައްދަކީ ޗައިނާ އާއި ފިލިޕީންސްގެ އިތުރުން ވިއެޓްނާމް، ޓައިވާން، މެލޭޝިއާ، ބުރުނާއީ އަދި ޖަޕާނުން އެސަރަހައްދުގެ މިލްކުވެރިކަމާ ބެހޭ ގޮތުން އެތައް ގަރުނުތަކެއް ވަންދެން ދެބަސްވެފައިވާ ސަރަހައްދެކެވެ. ނަމަވެސް ޗައިނާ އިން ބުނާ ގޮތުގައި ދެކުނު "ނައިން ޑޭޝް ލައިން"ގެ ދަށުން ދެކުނު ޗައިނާގެ ގާތްގަނޑަކަށް 90 ޕަސެންޓު ނިސްބަތް ވަނީ އެ ގައުމަށެވެ. ނައިން ޑޭޝް ލައިނަކީ ޗައިނާއިން އެގައުމަށް ނިސްބަތްވާ ސަރަހައްދުތައް ކަމަށް ބުނެ 1940ގެ އަހަރުތަކުގެ ތެރޭގައި ފާހަގަކޮށްފައިވާ ސަރަހައްދުތަކެވެ.
މައްސަލަ ނިންމާނީ ކޮންބައެއް؟
ދެކުނު ޗައިނާ ކަނޑުގެ މައްސަލައިގައި ޗައިނާ އިން އަމަލު ކުރަނީ ޔުނައިޓެޑް ނޭޝަންސް (ޔޫއެން)ގެ ގާނޫނުތަކާ ހިލާފަށް ކަމަށް ބުނެ ފިލިޕީންސް އިން ވަނީ 2013 ވަނަ އަހަރު ދަ ހޭގްގައި ހުންނަ ޕާރމަނަންޓް ކޯޓު އޮފް އާބިޓްރޭޝަން (ޕީސީއޭ) އަށް އެމައްސަލަ ހުށަހަޅައިފަ އެވެ. އަދި އެކޯޓުން އެ މައްސަލަ މިއަދު ވަކި ގޮތަކަށް ނިންމާނެ އެވެ.
ނަމަވެސް ޗައިނާ އިން ވަނީ އެ މައްސަލާގައި ގޮތެއް ނިންމުމުގެ އެއްވެސް ހައިސިއްޔަތެއް ޕީސީއޭ އަށް ލިބިގެން ނުވާ ކަމަށާއި އެހެންކަމުން ކޯޓުގެ ނިންމުން ގަބޫލު ނުކުރާނެ ކަމަށް ބުނެފަ އެވެ. އަދި ޗައިނާގެ ރައީސް ޝީ ޖިންޕިން ވަނީ އެގައުމަށް ނިސްބަތްވާ ކަނޑުގެ ސަރަހައްދު "ވަރުގަދައަށް ދިފާއު" ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.
އެނިންމުން މުހިއްމުވަނީ ކީއްވޭ؟
ދެކުނު ޗައިނާ ކަނޑަކީ ތެލާއި ގޭހުގެ ބޮޑު ރިޒާވެއް އޮތް ކަމަށް ދެކެވޭ ސަރަހައްދެކެވެ. އަދި އެއީ 4.5 ޓްރިލިއަން ޑޮލަރުގެ އަގު ހުރި މުދާ އުފުލުމުގައި ވަރަށް މުހިއްމު މަގެއް ހިމެނޭ ސަރަހައްދެކެވެ. ޕީސީއޭ އިން މައްސަލަ ނިންމާ ގޮތަކުން ޗައިނާގެ ނައިން ޑޭޝް ލައިންގެ ސައްހަކަމާ ބެހޭ ގޮތުން ސުވާލު އުފެދޭނެ އެވެ. އެހެންކަމުން އޭގެ އަސަރު ޗައިނާގެ އިތުރުން ޗައިނާގެ މިލްކުވެރިކަމަށް ދައުވާ ކުރާ އެހެން ގައުމުތަކަށް ވެސް ކުރާނެ އެވެ.
ކޯޓުގެ ނިންމުމާ ގުޅިގެން ގައުމުތަކުން އަމަލު ކުރާނީ ކިހިނެއް؟
ޗައިނާ އިން ވަނީ ފަހަކަށް އައިސް ދެކުނު ޗައިނާ ކަނޑުގެ ރަށްތަކުގައި ކުރާ ބިން ހިއްކުމުގެ މަސައްކަތްތައް އިތުރުކޮށް، އަސްކަރީ ހަތިޔާރު ބަހެއްޓަން ފަށައިފަ އެވެ. އަދި އެމެރިކާ އިން ވަނީ އެ ސަރަހައްދުގައި ޗައިނާގެ އަސްކަރީ ހަރަކާތްތައް މޮނިޓާ ކުރުމުގެ ގޮތުން ޕެޓްރޯލް މިޝަންތައް ފަށައިފަ އެވެ.
އަދި ތާރީހަށް ބަލާ އިރު އެ މައްސަލައާ ގުޅިގެން ޗައިނާ އިން ވަނީ މީގެ ކުރިން ހަތިޔާރު ނަގައިފަ އެވެ. އެގޮތުން 1970 އާއި 1980އިގެ އަހަރުތަކުގައި ޗައިނާ އާއި ވިއެޓްނާމާ ދެމެދު ހިނގި ހަމަލާ ބަދަލު ކުރުންތަކުގައި އެތައް ހާސް ބަޔަކު މަރުވެފައިވެ އެވެ.
ނަމަވެސް، ބައިނަލްއަގުވާމީ ނިންމުންތަކަށް ބޯނުލަނބައިފި ނަމަ ޗައިނާގެ އަގު ވެއްޓުމުގެ ފުރުސަތު އޮތުމުގެ ސަބަބުންނާއި އަދި އެމެރިކާ އާއި ޗައިނާގެ ގުޅުން އިތުރަށް ގޯސްވެ، އޭގެ ސަބަބުން ޗައިނާގައި ބާއްވަން ހަމަޖައްސާފައިވާ ޖީ20 ސަމިޓް ނާކާމިޔާބު ވެދާނެތީ އެގައުމުން "ހަމަނުޖެހުން އުފެދޭގޮތަށް އަމަލު ކުރުމަކީ އެކަށީގެންވާ ކަމެއް ނޫން ކަމަށް ބައެއް މާހިރުން ދެކި ލައްވަ އެވެ.
ޗައިނާއާ ހިލާފަށް ފިލިޕީންސް އިން ވަނީ އެ މައްސަލާގައި ފިލިޕީންސާ އެއްކޮޅަށް ކޯޓުން ނިންމައިފި ނަމަ ދެކުނު ޗައިނާ ކަނޑުގެ ގުދުރަތީ ވަސީލަތްތައް ދެގައުމަށް ބޭނުން ކުރެވޭ ގޮތަށް ހަދާނެ ކަމަށް ބުނެފަ އެވެ. (ގާޑިއަން)