12 Jul 2016, 12:37
ސިންގަޕޫރު(ޖުލައި 12): މިޖުލައި މަހުގެ ތެރޭގައި ރިލީޒް ކުރި ފަހުން ގިނަ ބައެއްގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ މޮބައިލް ގޭމް "ޕޮކެމޯން ގޯ" ސިންގަޕޫރަށް ނުލިބޭތީ އެގައުމަށް ފާޑުކީ މީހަކު ވަޒީފާއިން ވަކިކޮށްފި އެވެ.
ސިންގަޕޫރުގެ 99.ކޯ ކުންފުނީގައި މަސައްކަތް ކުރަމުން ދިޔަ އޮސްޓްރޭލިއާގެ ރައްޔިތެއް ކަމަށްވާ ސޮނީ ޓްރޫޔެން ވަނީ އެގައުމަށް ޕޮކެމޯން ގޯ ނުލިބުމަކީ ގައުމުގައި އުޅެން ކަމު ނުދާ ސަބަބެއް ކަމަށް ދޭހަވާ ގޮތަށް ފޭސްބުކުގައި ވާހަކަ ދައްކާފަ އެވެ. އަދި ސިންގަޕޫރުގައި ދިރިއުޅެނީ ހުސް ނުވިސްނޭ މީހުން ކަމަށާއި އޭނާ އެގައުމުން ގޮސްފި ނަމަ ގައުމުގެ "އައިކިއު ދަށްވާނެ" ކަމަށް ބުނެފަ އެވެ.
ޓްރޫޔެންގެ އެވާހަކަތަކުގެ ސްކްރީންޝޮޓްތައް ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމުން 99.ކޯ އިން ވަނީ އޭނާގެ ބަސްތަކަށް އެކުންފުނީގެ ފަރާތުން މާފަށް އެދިފަ އެވެ. އަދި ސާޗް އިންޖީން އޮޕްޓިމައިޒޭޝަން (އެސްއީއޯ) ސްޕެޝަލިސްޓެއްގެ ގޮތުގައި ޓްރޫޔެން އެކުންފުނީގައި މަސައްކަތް ކުރަން ފަށާފައި ވަނީ ގާތްގަނޑަކަށް ހަފްތާއެއް ކުރިން ކަމަށާއި މިހާރު އޭނާ ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް އެކުންފުނިން އާއްމު ކުރި ބަޔާނެއްގައިވެ އެވެ.
ޓްރޫޔެން ވަޒީފާއިން ވަކި ކުރި ފަހުން އޭނާ ވަނީ އޭނާގެ ސޯޝަލް މީޑިއާ އެކައުންޓުތައް ޑިލީޓްކޮށްފަ އެވެ. އަދި ގޭމެއްގެ ސަބަބުން މުޅި ގައުމާ ބެހޭ ގޮތުން ބޭއަދަބީކޮށް ވާހަކަ ދެއްކުމަކީ ގޯހެއް ކަމަށް މިހާރު ގަބޫލު ކުރާ ކަމަށް ބުނެފަ އެވެ. (ބީބީސީ)