13 Jul 2016, 10:06
ޗައިނާއިން 2011 ވަނަ އަހަރު އިންސާނަކާ ނުލައި ޖައްވަށް ދޫކުރި އެގައުމުގެ އެންމެ ފުރަތަމަ ސްޕޭސް ސްޓޭޝަން ޓިއަންގޮންގް-1، ކޮންޓްރޯލުން ނެއްޓި ދުނިޔެއަށް ވެއްޓުމުގެ ބިރު އެބައޮތް ކަމަށް އެސްޓްރޮނޮމަރުން ބުނެފި އެވެ.
ޗައިނާއިން އެ ސްޓޭޝަން ބޭނުންކޮށްފައި ވަނީ އެހެން ސްޕޭސް ސްޓޭޝަންތައް ޖައްވުގައި ބިނާ ކުރުމަށެވެ. ނަމަވެސް ޓިއަންގޮންގް-1ގެ މަސައްކަތް ވަނީ 2013 ވަނަ އަހަރު ނިންމާފަ އެވެ. އޭގެ ފަހުން އެ ސްޓޭޝަން ދަނީ "އޮޕަރޭޝަން މެނޭޖްމެންޓް ފޭސް"ގައި ދުނިޔޭގެ ވަށާ ދައުރުވަމުން ކަމަށާއި ސްޓޭޝަން ދުނިޔެއަށް ގެންނަން ތައްޔާރުވަމުންދާ އިރު މިހާރުވެސް އެ ސްޓޭޝަނުން ބައެއް ސައިންޓިފިކް އަދި އިންވެސްޓިގޭޓިވް މަސައްކަތް ކުރަމުންދާ ކަމަށް ޗައިނާގެ އޮފިޝަލުން މީގެ ކުރިން އާއްމު ކުރި ބަޔާނެއްގައިވެ އެވެ.
ނަމަވެސް ޓިއަންގޮންގް-1ގެ ހަރަކާތްތައް ބަލަމުން އަންނަ އެސްޓްރޮނޮމަރެއް ކަމަށްވާ ތޯމަސް ޑޯމަން ވިދާޅުވި ގޮތުގައި އެ ސެޓެލައިޓު ވަނީ ޗައިނާގެ ކޮންޓުރޯލުން ނެއްޓިފަ އެވެ. އަދި އެއާ ބެހޭ ގޮތުން ޗައިނާއިން ރަސްމީކޮށް ބަޔާނެއް އާއްމުކޮށްފައި ނުވުމަކީ އޭގެ ހެއްކެއް ކަމަށް ޑޯމަން ވިދާޅުވި އެވެ.
"އަޅުގަނޑަށް ލިބިފައިވާ މައުލޫމާތު ރަނގަޅު ނަމަ، ޗައިނާގެ ސްޕޭސް ސްޓޭޝަނުގައި މައްސަލައެއް އުޅޭކަން އަންގަން އެގައުމުން އެންމެ ފަހު ވަގުތާ ޖެހެންދެން މަޑު ކުރާނެ،" ސްޕޭސް.ކޮމްއަށް ޑޯމަން ވިދާޅުވި އެވެ.
މީގެ ކުރިން ޗައިނާގެ އޮފިޝަލުން ވަނީ ޓިއަންގޮންގް-1އާ ކޮންޓެކްޓް ކުރުމަށް ދަތިތަކެއް އުޅޭ ކަމަށް ބުނެފަ އެވެ. ނަމަވެސް ފަހަކަށް އައިސް އެއާ ބެހޭ ގޮތުން ރިޕޯޓުކޮށްފައި ނުވުމުން ޓިއަންގޮންގް-1 ގައި މައްސަލައެއް އުޅޭކަން ދޭހަވާ ކަމަށް ކަމާ ބެހޭ މާހިރުން ވިދާޅުވެ އެވެ. އަދި އެއީ ޗައިނާއިން އެގައުމުގެ ސްޕޭސް ޕްރޮގްރާމާ ބެހޭ ގޮތުން މައުލޫމާތު ހިއްސާ ކުރާނެ މިންވަރު ދައްކުވައިދޭނެ އިމްތިހާނެއް ކަމަށްވެސް މާހިރުން ވިދާޅުވެ އެވެ.
ޖައްވުން ދުނިޔެއަށް ވެއްޓޭ އެހެން ސެޓެލައިޓުތައް ފަދައިން ޓިއަންގޮންގް-1 ވެސް ދުނިޔޭގެ ވައިގެ ފަށަލައަށް ވަނުމުން އަނދައިގެން ދިޔުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް ޓިއަންގޮންގް-1 އަކީ ސައިޒުން ބޮޑު ސްޓޭޝަނެއް ކަމުން އޭގެ ބައެއް ބައިތައް ހުރި ގޮތަށް ވެއްޓިއްޖެ ނަމަ އެއީ މައްސަލައަކަށް ވާނެ އެވެ. އެހެން ނަމަވެސް އެސްޓޭޝަން ވެއްޓޭނެ ކަމަށް އެންމެ ބޮޑަށް ބެލެވެނީ ކަނޑަށް ނުވަތަ މީހުން ދިރިނޫޅޭ ހިސާބަކަށް ކަމަށް ކަމާ ބެހޭ މާހިރުން ވިދާޅުވެ އެވެ. (އިންޑިޕެންޑެންޓް)