13 Jul 2016, 13:45
ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ޕީޕީއެމްގެ މެމްބަރުކަމުން ވަކިކުރަން އެ ޕާޓީގެ ސުލޫކީ ކޮމެޓީން ނިންމި ނިންމުން ތަންފީޒު ކުރެވެން ނެތް ކަމަށް ޕީޕީއެމް އިން އެ ކޮމެޓީއަށް އަންގައިފި އެވެ.
ޕީޕީއެމް އިން ސުލޫކީ ކޮމެޓީއަށް އެގޮތަށް އެންގީ އެޕާޓީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަބްދުލް އަލީމް ސޮއިކުރައްވައި ސުލޫކީ ކޮމެޓީގެ މުގައްރިރު އަލީ ވަހީދު އަބްދުއްރަހުމާނަށް ފޮނުއްވި ސިޓީއެއްގަ އެވެ.
އެ ސިޓީގައި ބުނެފައި ވަނީ "ޕީޕީއެމްގެ ސުލޫކީ މައްސަލަތަކާ ބެހޭ ގަވާއިދު"ގައިވާގޮތުން ސުލޫކީ މައްސަލަ ހުށަހަޅަންޖެހޭނީ ޕާޓީގެ އޮފީހަށް ފޯމަކުން ކަމަށެވެ. ނަމަވެސް ފާރިސްގެ މައްސަލަ ޕާލަމެންޓްރީ ގްރޫޕުން ސުލޫކީ ކޮމެޓީއަށް ހުށަހަޅާފައި ވަނީ ސިޓީއަކުން ކަމަށާއި އެ ސިޓީގެ ކޮޕީއެއް އެ ގްރޫޕުން ޕީޕީއެމްގެ އޮފީހަށް ފޮނުވާފައިވާ ކަމަށް ވެސް އެ ސިޓީގައި ވެއެވެ.
"ޕީޖީ ގްރޫޕް ކަމުގައި ވީނަމަވެސް ސުލޫކީ މައްސަލަ ހުށަހަޅަންވާނީ ފޯމަކުން މި އޮފީހަށެވެ،" އަލީމް ވިދާޅުވި އެވެ.
އަލީމް ވިދާޅުވީ އަލީ ވަހީދު ޕީޕީއެމް އޮފީހަށް ފޮނުއްވި ސިޓީގައިވާގޮތުން ފާރިސްގެ މައްސަލަ ސުލޫކީ ކޮމެޓީއަށް ހުށަހަޅާފައި ވަނީ ޕީޖީ ގްރޫޕްގެ މެމްބަރަކު އަނގަބަހުން ކަމަށެވެ.
ފާރިސްގެ މައްސަލަ ބެލި ކަމަށް ސުލޫކީ ކޮމެޓީން ބުނާއިރު، އޭނާގެ މައްސަލަ ބެލިކަމަށް ބުނާ ބައްދަލުވުމާ ބެހޭ ރަސްމީ އެއްވެސް ލިޔުމެއް ޕާޓީގެ އޮފީހަށް ލިބިފައިނުވާ ކަމަށް ވެސް އަލީމް ފޮނުއްވި ސިޓީގައި ވެއެވެ.
"ވީމާ ތިޔަ ވިދާޅުވާ ކޮމެޓީ ބައްދަލުވުމުގެ ހާޒިރީ އާއި ޔައުމިއްޔާ އާއި ކޮމިޓީއިން ނިންމެވިގޮތް ރަސްމީކޮށް ލިޔުމުން ލިބިފައިނުވާތީ މި ނިންމުން އަދި ތަންފީޒުކޮށްދެވެން ނެތް ވާހަކަ ދަންނަވަމެވެ. އަދި މި ބައްދަލުވުމާ ގުޅޭ ލިޔުންތައް ވީ އެންމެ އަވަހަކަށް މި އޮފީހަށް ފޮނުއްވައިދެއްވުން އެދެމެވެ،" ސުލޫކީ ކޮމެޓީއަށް ޕީޕީއެމް އިން ފޮނުވި ސިޓީގައި ވެއެވެ.
ސުލޫކީ ކޮމެޓީގެ މުގައްރިރު އަލީ ވަހީދު ވިދާޅުވެފައި ވަނީ ހަގީގަތުގައި ވެސް ފާރިސްގެ ސުލޫކީ މައްސަލައެއް އޮތްކަމަށް ކޮމެޓީގެ މެމްބަރުންނަށް ފެނިވަޑައިގަންނަވާތީ، އޭނާ ޕާޓީން ވަކިކުރަން ނިންމާފައިވާ ކަމަށެވެ.