ގއ. އަތޮޅުން 32 ފަޅު ރަށެއް ވަރުވާއަށް ދޫކުރުމަށް ފިޝަރީޒް މިނިސްޓްރީން އިއުލާނުކޮށްފި އެވެ.

ފިޝަރީޒް މިނިސްޓްރީން އިއްޔެ ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައިވާ އިއުލާނެއްގައި ބުނީ ގއ. ހުރެންދޫ، ހުޅިމެންދޫ (ހުޅަމެންދޫ)، ހަގެވިއްލާ، ހަގެދޫ، ރިބިދޫ، ބޭރުމާއްޑޫ (ބޭރުމައުއްޑޫ)، ބަބެރާހުއްޓާ، ގަލަންދޫ، މާކަނާރަޓާ، ބާވަނަދޫ، ބޯއްޑޫ، ބޮޑުފުއްޓާ (ބޮޑުހުއްޓާ)، ކަޅެހުއްޓާ، ކަނޑުވިލިނގިލި، ކިއްސެރެހާގެ އިތުރުން ކުނބުމާފުށި ވަރުވާއަށް ދޫކުރަން ނިންމާފައިވާ ކަމަށެވެ. އަދި ބުނީ ގއ. ކުދެބޮންޑެއްޔާ، ފުނަދޫ، ފުޅަދޫ (ފަރެހުޅަދޫ)، ކުޑަލަފަރި، ކޮޑޭވިލިނގިލި، ކޮޑަގެފުއްޓާ، އަރައިގަތްތާ، ފެނެހުއްޓާ (ފެންފުށި)، ވިލިގަލާ، މާރެހާ، މައްތިދޫ، އޮޑަގައްލާ، މާދިގުވަރު، މާގެފުއްޓާ، މެލައިމުގެ އިތުރުން އިދިމާ ވެސް ވަރުވާއަށް ދޫކުރަން ނިންމާފައިވާ ކަމަށެވެ.

ފިޝަރީޒުން ބުނީ އިއްޔެއިން ފެށިގެން މި މަހުގެ 31ގެ ނިޔަލަށް ބިޑުފޯމް ވިއްކުމަށް ހަމަޖެހިފައިވާ ކަމަށެވެ. ބިޑު ފޯމެއްގެ އަގަކީ 20 ރުފިޔާ އެވެ.

ވަރުވާ އަށް ރަށެއް އެންމެ ގިނަވެގެން ވެސް ދޫކުރާނީ 10 އަހަރަށެވެ.

ވަރުވާއަށް ރަށެއް ދޫކުރެވޭނީ ދައުލަތުގެ ބޭނުމަށް ކަނޑައަޅާފައިވާ ފަޅުރަށާއި ކުއްޔަށް ދޫކޮށްފައިވާ ފަޅުރަށްރަށް ފިޔަވައި ފިޝަރީޒް މިނިސްޓްރީގެ ހަވާލުގައި ހުންނަ ފަޅުރަށްތަކުގެ ތެރެއިން ވަރުވާއަށް ދޫކުރުމަށް އެ މިނިސްޓްރީން ކަނޑައަޅާފައިވާ ރަށްތަކެވެ.