ތުރުކީއަކީ އިސްލާމީ އެހެން ގިނަ ގައުމުތަކެކޭ އެއްގޮތަށް އަސްކަރީ އިންގިލާބުތައް ގިނަ ގައުމެކެވެ. އެންމެފުރަތަމަ ތުރުކީއަށް އަސްކަރީ އިންގިލާބެއް ގެނަސް، ތުރުކީ ސިފައިން އެގައުމުގެ މަދަނީ ސަރުކާރު ވައްޓާލާފައި ވަނީ 1060 ވަނަ އަހަރުގަ އެވެ. ރޭގައި ތުރުކީއަށް ގެންނަން މަސައްކަތްކުރީ ފަސް ވަނަ އިންގިލާބެވެ. އެއީ ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާންގެ ވެރިކަން ގަދަބާރުން ވައްޓާލުމުގެ މަގްސަދުގަ އެވެ.

ތުރުކީ ސިފައިންގެ މެދުފަންތީގައި ހިމެނޭ މަދުބަޔަކު ގެންނަން މަސައްކަތްކުރި މި އިންގިލާބު މިހާރުވަނީ ނާކާމިޔާބު ކޮށްލާފަ އެވެ. އިންގިލާބު ނާކާމިޔާބުކޮށްލީ ތުރުކީ ސިފައިންގެ ތެރޭގައި ހިމެނޭ އުރުދުޣާންއަށް ވަފާތެރި ސިފައިންނާއި ތުރުކީގެ ރައްޔިތުން އިންގިލާބީންނާ ދެކޮޅަށް މަގުތަކަށް ނުކުތުމާ ގުޅިގެންނެވެ. ރައްޔިތުން އިންގިލާބީންނާ ދެކޮޅަށް މަގުތަކަށް ނުކުތީ އުރުދުޣާންގެ އެދިވަޑައިގަތުމަކަށެވެ. އުރުދުޣާންއަށް ވަފާތެރި ސިފައިން ގެންދަނީ އިންގިލާބަށް ތާއީދުކުރި ސިފައިންނާއި އޮފްސަރުން ހައްޔަކޮށް ސިފައިންގެ މުއައްސަސާ ސާފުކުރަމުންނެވެ. ތިރީގައި މިވަނީ ތުރުކީއަށް ގެނަސްފައިވާ އިންގިލާބުތަކާއި ގެންނަން މަސައްކަތްކުރި އިންގިލާބުތަކާއި އޭގެ ތާރީޚުތަކާއި ސަބަބުތަކެވެ.

އަދްނާން މެންދަރީސް

27 މޭ 1960

އެންމެ ފުރަތަމަ ތުރުކީއަށް އަސްކަރީ އިންގިލާބެއްގެނަސް ސިފައިން އެގައުމުގެ މަދަނީ ސަރުކާރު ވައްޓާލީ 1060 ވަނަ އަހަރުގެ މޭމަހުގެ 27 ވަނަ ދުވަހު އެވެ. އޭރު ތުރުކީގެ ބޮޑުވަޒީރަކަށް ހުންނެވީ އަދްނާން މެންދަރީސް އެވެ. ރައީސް އަކީ ޖަލާލް ބަޔާރް އެވެ. އިންގިލާބުގެ ވެރިއަކަށް ހުންނެވީ ތުރުކީ ސިފައިންގެ އިސް ޖެނެރަލެއް ކަމަށްވާ ޖަމާލް ގޯސީލް އެވެ. ޖެނެރަލް ޖަމާލް އަސްކަރީ އިންގިލާބު ގެންނެވުމަށް ފަހު އަދްނާން މެންދަރީސް އާއި ރައީސް ޖަލާލް ބަޔާރް ހައްޔަރުކޮށް އެންމެފަހުން ބޮޑުވަޒީރު އަދްނާން މެންދަރީސް ދަންޖައްސައި މެރީއެވެ. އެއަށް ފަހު 1965 އާ ހަމައަށް ތުރުކީގައި މާޝައްލޯ އިޢްލާންކޮށް ވެރިކަންކުރީ ސިފައިންނެވެ. ނަމަވެސް 1965 ގައި އަނެއްކާ ވެސް ތުރުކީގައި ޑިމޮކްރެޓިކް މަދަނީ ވެރިކަމެއް ގާއިމް ކުރެވިގެން ދިޔައެވެ. ބޮޑުވަޒީރަކީ ސުލައިމާން ޑެމިރަލް އެވެ.

ސުލައިމާން ދެމިރަލް

12 މާޗް 1971

12 މާޗް 1971ގައި ތުރުކީއަށް އެގައުމުގެ ސިފައިން ގެނައީ ނުސީދާ އިންގިލާބެކެވެ. މިއިންގިލާބު ގެނައީ ސުލައިމާން ދެމިރަލްގެ ވެރިކަމުގައި ތުރުކީގެ އިގްތިސާދު ބަލިކަށިވެ ވަޒީފާނެތް މީހުންގެ އަދަދު އާދަޔާ ޚިލާފަށް އިތުރުވެ ކުންފުނިތައް ބަނގުރޫޓްވާން ފެށުމާ ގުޅިގެންނެވެ. އިގްތިސާދު މިހާލަތަށް ދިޔައީ ތުރުކީގައި ސިޔާސީ ހަމަނުޖެހުންތައް ބޮޑުވެ ސިޔާސީ މީހުންގެ ތެރޭގައި ހިމެނޭ ވާތުފިޔައިގެ މީހުންނާއި ކަނާތު ފިޔައިގެ މީހުން އެއްބަޔަކު އަނެއްބަޔަކަށް މަރައި ކޯޅުންތައް ބޮޑުވުމާ ގުޅިގެންނެވެ. މިކޯޅުންތަކުގައި ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ އެތައް ހާސްބަޔަކު އެކި ގޮތްގޮތަށް މަރާލާފައިވެ އެވެ.

މިހާލަތާ ގުޅިގެން ސިފައިން ދިނީ ވަރުގަދަ އިންޒާރެކެވެ. މިއިންޒާރު ދިނީ ބޮޑުވަޒީރު ސުލައިމާން ދެމިރަލް އަށް ފޮނުވި ހަރުކަށި އިބާރާތުގެ ސިޓީއެއްގަ އެވެ. މިސިޓީގައި ތުރުކީގެ އިގްތިސާދު ރަނގަނޅުކޮށް އެހާލަތުން އަރައިގަނެވޭވަރުގެ ސަރުކާރެއް އުފެއްދުމަށާއި އެކަން ނުކުރެވޭ ނަމަ އިސްތިއުފާ ދެއްވުމަށް ދެމިރަލްއަށް ސިފައިން އިންޒާރު ކުރި އެވެ. މިއިންޒާރާ ގުޅިގެން ދެމިރަލް މަގާމުން އިސްތިއުފާ ދެއްވުމުން ތުރުކީގެ ބޮޑުވަޒީރު ކަމަށް އައްޔަން ކުރީ ސިފައިންގެ ރުހުން ލިބިފައިވާ ސިޔާސީ ބޭފުޅެއްކަމަށްވާ ނިހާދު އެރީމް އެވެ. ނިހާދު ވެރިކަމުގައި ހުންނެވި ނަމަވެސް ތުރުކީގައި ވެރިކަން ކުރަމުން ގެންދިޔައީ ސިފައިންގެ މުއައްސަސާއިންނެވެ. ނިހާދު ހުންނެވީ ނަމެއްގަ އެވެ.

1973 އާ ހަމައަށް ނިހާދުގެ ބޮޑުވަޒީރުކަން ދިގު ދެމިގެން ދިޔައެވެ. 1973ގައި ތުރުކީއަށް އަލުން ޑިމޮކްރަސީ އިޢާދަކޮށް ޕާލަމެންޓުން ބޮޑުވަޒީރަކަށް އައްޔަންކުރީ ސިފައިންގެ ތެރެއިން މުސްކުޅި ކުރައްވާފައިވާ އެޑްމިރަލް އެއްކަމަށްވާ ފިހްރީ ކުރުޓާކް އެވެ. ފިހްރީގެ ވެރިކަން 1979 އަކާ ހަމައަށް ދިގުދެމިގެން ދިޔަ އެވެ.

12 ސެޕްޓެމްބަރު 1980

12 ސެޕްޓެމްބަރު 1980ގައި އަނެއްކާ ވެސް ތުރުކީގެ ސިފައިން އެގައުމަށް ހަރުކަށި އަސްކަރީ އިންގިލާބެއް ގެނަ އެވެ. މިއީ ތުރުކީގެ ތާރީޚުގައި ވެސް އެގައުމަށް ގެނައި އެންމެ އަނިޔާވެރި އިންގިލާބެވެ. މިއިންގިލާބުގެ ލީޑަރަކަށް ހުންނެވީ ތުރުކީ ސިފައިންގެ އިސް ޖެނެރަލެއްކަމަށްވާ ޖެނެރަލް ކަންޢާން އެވްރިންއެވެ. މިއިންގިލާބަށް ފަހު ތުރުކީގައި މާޝައްލޯ އިޢްލާންކޮށް ހުރިހާ މުއައްސަސާތަކަކަށް ސިފައިންގެ އަތްދަށަށް ގެނަސް ތުރުކީގެ ސިޔާސީ ޕާޓީތަކުގެ ލީޑަރުންތައް ހައްޔަރުކޮށް ބޮޑެތި އަނިޔާތަކެއް އެމީހުންނަށް ދިނެވެ. އަދި އާންމުންގެ ތެރެއިން ވެސް އެތައް ބަޔަކު ދިގުމުއްދަތުތަކަށް ޖަލަށްލައި ބޮޑެތި އަދަބުތަކެއް އެމީހުންނަށް ދިނެވެ.

ޖެނެރަލް ކަންއާން އެވްރިން

މިއާއެކު 1983 ވަނަ އަހަރު ތުރުކީގެ ބޮޑުވަޒީރަކަށް ސިފައިންގެ ބެލުމުގެ ދަށުން މަދަނީ ބޭފުޅެއް ކަމަށްވާ ތޮރްގޮތު އޮޒާލް ހަމަޖެއްސި ނަމަވެސް ވެރިކަމުގެ ހަގީގީ ބާރުއޮތީ ސިފައިންގެ ވެރިޔާ ޖެނެރަލް ކަންޢާން އެވްރިންގެ އަތްޕުޅުގަ އެވެ.

އެއަށް ފަހު 1993 ގައި ތުރުކީ އަނެއްކާ ވެސް ޑިމޮކްރަސީ އަށް އަލުން އިޢާދަވި އެވެ. އެ އަހަރު ތުރުކީގައި އަނެއްކާ ވެސް އެގައުމުގެ ދަސްތޫރާ އެއްގޮތަށް އާންމު އިންތިޚާބެއް ބާއްވައި ޕާލަމެންޓެއް އިންތިޚާބުކޮށް ބޮޑުވަޒީރަކަށް އަންހެން ބޭފުޅެއްކަމަށްވާ ތާންސޫ ޗީލަރ ހަމަޖެއްސިއެވެ. ޗީލަރުގެ ވެރިކަމުގައި ތުރުކީގެ ރައީސަކަށް ޕާލަމެންޓުން އައްޔަންކުރީ ކުރީގެ ބޮޑުވަޒީރު ތޮރްގޮތު އޮޒާލް އެވެ.

ނަޖްމުއްދީން އެރްބަކާން ވެރިކަމަށް ވަޑައިގެންނެވުން

1996 ގައި ބޭއްވި ތުރުކީގެ އާންމު އިންތިޚާބު ކާމިޔާބު ކޮށްގެން ވެރިކަމަށް އައީ އިސްލާމީ ފިކުރުގެ ޕާޓީކަމަށްވާ ޖަސްޓިސް އެންޑް ވެލްފެއަރ ޕާޓީއެވެ. މިއިންތިޚާބު ކާމިޔާބު ކުރުމާ ގުޅިގެން ބޮޑުވަޒީރަކަށް އައްޔަން ކުރީ ޖަސްޓިސް ޕާޓީގެ ވެރިއަކަށް ހުންނެވި ތުރުކީގެ އިސްލާމީ ލީޑަރު ނަޖްމުއްދީން އެރްބަކާން އެވެ. މިއީ 1922 ވަނަ އަހަރަށްފަހު އިސްލާމީ ފިކުރުގެ ބޭފުޅަކު ތުރުކީގެ ވެރިކަމަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. ނަމަވެސް މާގިނަ ދުވަސްތަކެއްނުވެ އެކްބަކާން، ތުރުކީގައި އޮންނަ އަތާތުރްކުގެ ލާދީނީ ފިކުރުތަކާ އަދި ލާދީނީ ނިޒާމާ ޚިލާފުވެވަޑައިގަންނަވާ ކަމަށް ސިފައިން ތުހުމަތުކުރާން ފެށި އެވެ.

ނަޖުމުއްދީން އެރްބަކާން

28 ފެބްރުއަރީ 1980

ތުރުކީގެ އިސްލާމީ ފިކުރުގެ ބޮޑުވަޒީރު ނަޖްމުއްދީން އެކްބަކާންގެ ސަރުކާރުން، ތުރުކީގައި އޮންނަ އަތާތުރްކު ސިސްޓަމުގެ ލާދީނީ ފިކުރުތަކާ އަދި ލާދީނީ ނިޒާމާ ޚިލާފުވެވަޑައިގަންނަވާ ކަމަށް ސިފައިން ކުރާ ތުހުމަތުތައް ބޮޑުވެ ސިފައިންގެ ފިއްތުންތައް އިންތިހާއަށް ބޮޑުވެ ގަދަބާރުން މަގާމުން ދުރުކޮށް ހައްޔަރުކޮށްފާނެ ކަމުގެ ބިރު އިޙްސާސްވެ ވަޑައިގަތުމާ އެކު 1997 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 28ގައި އެރްބަކާން މަގާމުން އިސްތިއުފާ ދެއްވި އެވެ.

ތުރުކީ ސިފައިން އެރްބަކާންއަށް ކުރި ތުހުމަތުތަކުގެ ތެރޭގައި އޭނާގެ ވެރިކަމުގައި ތުރުކީގައި އިސްލާމީ ރޫޙު ވަރުގަދަވަމުން ދިޔުމާއި ދީނީ މަދްރަސާތަކަށް ވަންނަ ކުދިން އިތުރުވެގެން ދިޔުމާއި އަންހެނުންނަށް ބުރުގާ އަޅައިގެން ޔުނިވަރސިޓީތަކަށް ވަނުމުގެ ފުރްސަތު ދިނުންފަދަ ކަންކަން ހިމެނެ އެވެ. ސިފައިން އެރްބަކާން އަށް ދިން އިންޒާރުތަކުގެ ތެރޭގައި މިކަންކަން ހުއްޓުވުން ހިމެނެ އެވެ.

ތާންޝޫ ޗީލަރ

މިއީ ނުސީދާގޮތެއްގައި ތުރުކީ ސިފައިން އެގައުމަށް ގެނައި ލޭއޮހޮރުވުންނެތް އަސްކަރީ އިންގިލާބެވެ. މިއިންގިލާބަށް ފަހު ތުރުކީގެ ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގަތީ އެރްބަކާންގެ ވެލފެއަރ ޕާޓީގެ ކޯލިޝަންގައި ހިމެނޭ ލާދީނީ ފިކުރުގެ ޕާޓީއެއްގެ ވެރިއެއްކަމަށްވާ މަސްއޫދު ޔެލްމާޒް އެވެ. ޔެލްމާޒްގެ ވެރިކަމުގައި ސިފައިންގެ އަމުރަށް އެރްބަކާންގެ ޖަސްޓިސް އެންޑް ވެލްފެއަރ ޕާޓީ ވަނީ އުވާލާފަ އެވެ.

އުރުދުޣާން، ޖަސްޓިސް ޕާޓީ އުފެއްދެވުން

ތުރުކީގެ މިހާރުގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާންއަކީ މިދެންނެވި ގޮތަށް ސިފައިން އުވާލި އިސްލާމީ ފިކުރުގެ ޖަސްޓިސް އެންޑް ވެލްފެއަރ ޕާޓީގެ އިސް މެންބަރެކެވެ. އެޕާޓީ އުވާލުމާ ގުޅިގެން އުރުދުޣާން އިސްލާމީ ފިކުރުގެ އެހެން ޕާޓީއެއްކަމަށްވާ ޖަސްޓިސް އެންޑް ޑިވެލޮޕްމެންޓް ޕާޓީ (އޭކޭ ޕާޓީ) އުފައްދަވައި ސިފައިންނަށާއި ސިފައިންނާ ގުޅިފައިވާ ލާދީނީ އިލްމާނީ ޕާޓީތަކުގެ ލިޑަރުންނަށް ގޮން ޖެއްސެވުމަށް ވަރަށް ފާޅުކަންބޮޑު ގޮތެއްގައި ސިޔާސީ މައިދާނަށް ނުކުމެ ވަޑައިގެންނެވިއެވެ. އަދި 2002 ވަނައަހަރު ބޭއްވި ތުރުކީގެ އިންތިޚާބު ވަރަށް ތަނަވަސް އަޣްލަބިއްޔަތަކުން އުރުދުޣާންގެ ޖަސްޓިސް އެންޑް ޑިވެލޮޕްމެންޓް ޕާޓީ (އޭކޭ ޕާޓީ) ކާމިޔާބުކުރިއެވެ.

އިސްލާމީ ލީޑަރެއްގެ ގޮތުގައި އުރުދުޣާން ތުރުކީގެ ވެރިކަމަށް ވަޑައިގަތުން

2002 ވަނައަހަރު ބޭއްވި ތުރުކީގެ އިންތިޚާބު ވަރަށް ތަނަވަސް އަޣްލަބިއްޔަތަކުން އުރުދުޣާން ގެ ޖަސްޓިސް އެންޑް ޑިވެލޮޕްމެންޓް ޕާޓީ (އޭކޭ ޕާޓީ) ކާމިޔާބުކުރުމުގެ ފަހަތުގައި ވަނީ ސިފައިންނާއި ލާދީނީ މީހުންގެ ވެރިކަމުގައި ތުރުކީއަށް ކުރިމަތިވެފައިވާ އިގްތިސާދީ ހީނަރުކަމާއި އާންމު ރައްޔިތުންނަށް ކުރިމަތިވެފައިވާ ދަތިތަކެވެ. އުރުދުޣާންގެ ބޮޑުވަޒީރުކަމުގައި ކުޑަދުވަސްކޮޅެއްގެ ތެރޭގައި ތުރުކީގެ އިގްތިސާދުވަނީ އަލުން ނަގައި ކޮޅަށް ޖަހާފައެވެ.

އުރުދުޣާން، ތުރުކީގެ އިގްތިސާދު ބިނާކޮށް ތުރުކީ ބާރުގަދަ ދައުލަތަކަށް ހެއްދެވުން

އުރުދުޣާންގެ ވެރިކަމުގައި ތުރުކީގެ އިގްތިސާދު ވަރަށްބޮޑަށް ވަރުގަދަވެ ވަޒީފާނެތް މީހުންގެ އަދަދު ވަރަށްބޮޑުތަން މަދުވެ ކުންފުނިތަކުން ފައިދާވެ ރައްޔިތުންނަށްދޭ މުސާރަތައް ޑަބަލްވާންފެށި އެވެ. އިގްތިސާދީ މި ތަނަވަސްކަމާ އެކު ދިހަ އަހަރު ތެރޭގައި ތުރުކީގެ ގައުމީ އާމްދަނީ ޑަބަލްކޮށް ވަރުގަދަ އިގްތިސާދެއް ބިނާކުރުމުގައި އުރުދުޣާން އާއި އޭނާގެ އިސްލާމީ ފިކުރުގެ ޓީމު ކާމިޔާބު ހޯދުމުގެ ނަތީޖާއަކަށްވީ ތުރުކީގެ ލާދީނީ މީހުންގެ ކުރިމަތީގައި ވެސް އުރުދުޣާންއާއި އޭނާގެ އިސްލާމީ ޕާޓީގެ ތާއީދު ބޮޑުވެގެންދިޔުމެވެ. މިއާއެކު ތުރުކީ ސިފައިންނާއި ލާދީނީ ޕާޓީތަށް ސިޔާސީ ގޮތުން ވަރަށް ބޮޑަށް ބަލިކަށިވެ އިނދަޖެހި ޖެހިޖެހިގެން ތިންފަހަރު ތުރުކީގެ އިންތިޚާބު ކާމިޔާބުކޮށްގެން ވެރިކަމަށް އައުމުގެ ފުރްސަތު އުރުދުޣާންގެ ޕާޓީއަށް ތަނަވަސްވެގެން ދިޔަ އެވެ.

2002 ވަނައަހަރު އުރުދުޣާންގެ ޕާޓީ ވެރިކަމަށް އައުމަށް ފަހު ބޮޑުވަޒީރަކަށް އެންމެ ފުރަތަމަ އައްޔަން ކުރީ އެޕާޓީގެ ލީޑަރެއްކަމަށް އަބްދުﷲ ގުލް އެވެ. އެއަށް ފަހު 2003 ވަނަ އަހަރު އަބްދުﷲ އިސްތިއުފާ ދެއްވުމުން ތުރުކީގެ ބޮޑުވަޒީރަކަށް އިސްވެ ވަޑައިގެންނެވި އުރުދުޣާން އެވެ. ޚާރިޖީ ވަޒީރަކީ ގުލްއެވެ. އެއަށް ފަހު 2007ގައި ގެނައި ދަސްތޫރީ ބަދަލެއްގެ ތެރެއިން ތުރުކީގެ ރައީސް ކަމަށް އަބްދުﷲ ގުލް ހަމަޖެހިގެންދިޔައެވެ.

އުރުދުޣާން ރައީސްކަމަށް އިސްވެ ވަޑައިގަތުން

2014 ވަނަ އަހަރު އޭކޭ ޕާޓީން ތުރުކީގެ ދަސްތޫރަށް ގެނައި ބަދަލަކާ އެކު ތުރުކީގެ ރައީސް ކަމަށް ރައްޔިތުންގެ ސީދާ އިންތިޚާބަކުން ބޭފުޅަކު އިންތިޚާބުކުރާ ގޮތަށް ހަމަޖެއްސުމާ އެކު ބޭއްވި ރިޔާސީ އިންތިޚާބު އުރުދުޣާން ވަރަށް ތަނަވަސް އަޣްލަބިއްތަކުން ކާމިޔާބު ކުރެއްވި އެވެ. އެއަށް ފަހު ތުރުކީގައިވެރިކަން ކުރާ އޭކޭ ޕާޓީގެ ފަރާތުން 28 އޮގަސްޓް 2014 ވަނަ އަހަރު ތުރުކީގެ ބޮޑުވަޒީރުކަމަށް އަހްމަދު ދާއޫދު އޮގްލޯ ހަމަޖެއްސި އެވެ. އޮގްލޯއަކީ ވެސް އުރުދުޣާން ފަދައިން އިސްލާމީ ފިކުރުގެ ބޭފުޅެކެވެ.

ރައީސްކަމަށް ވަޑައިގަތުމަށް ފަހު އުރުދުޣާން މަސައްކަތް ކުރެއްވީ ތުރުކީގެ ވެރިކަމުގެ ނިޒާމު ރިޔާސީ ނިޒާމަކަށް ބަދަލުކުރެއްވުމަށެވެ. އެއީ އޭނާއަށް ވެރިކަމުގެ ބާރުތައް އިތުރަށް ލިބިވަޑައިގަންނަވާ ގޮތަށެވެ. ނަމަވެސް 2015ގައި ބޭއްވި އާންމު އިންތިޚާބުގައި އޭކޭ ޕާޓީއަށް ޕާލަމެންޓްގެ އަޣްލަބިއްޔަތެއް ނުލިބުނެވެ. މިއީ އެޕާޓީގެ 13 އަހަރުވީ ވެރިކަމުގައި ރައްޔިތުންގެ ތާއީދު ކުޑަވެގެން ދިޔަ ފުރަތަމަ ފަހަރެވެ. އެހެންކަމުން އެ ޕާޓީއަށް ޖެހުނީ ލާދީނީ ޕާޓީތަކާއެކު ކޯލިޝަނެއް ހެދުމަށެވެ. ނަމަވެސް މިކަން ކުރެވޭގޮތް ނުވުމުން ރައީސް އުރުދުޣާން ނިންމެވީ އަލުން އިންތިޚާބެއް ބޭއްވުމަށެވެ.

2015 ވަނަ އަހަރުގެ ފަހުކޮޅު ބޭއްވި މިއިންތިޚާބު ވަރަށް ތަނަވަސް އަޣްލަބިއްޔަތަކުން އަނެއްކާވެސް އޭކޭ ޕާޓީ ކާމިޔާބުކުރި އެވެ. މިފަހަރުގެ ކާމިޔާބީ އެހެންފަހަރުތަކަށްވުރެ ވެސް ބޮޑެވެ. މިހެން ދިމާވީ އިސްލާމީ ފިކުރުގެ އޭކޭ ޕާޓީގެ ވެރިކަމުގައި ތުރުކީއަށް ގެނަސްފައިވާ އިގްތިސާދީ ތަނަވަސްކަމާއެކު ލާދީނީ މީހުންވެސް އޭކޭ ޕާޓީއަށް ތާއީދު ކުރުމުގެ ސަބަބުންނެވެ. އެވަރުގެ ހިންގުންތެރިކަމާއި އިގްތިސާދީ ތަނަވަސްކަން ގެނެސްދެވޭވަރުގެ އެހެން ޕާޓީއެއް ތުރުކީގައިނެތްކަން ޚުދު ލާދީނީ މީހުންވެސް ގަބޫލުކުރާތީ އެވެ.

ސިފައިންގެ ބާރު ކަނޑުވާލުން

އަސްކަރީ އިންގިލާބުތައް ގިނަ ގައުމަކަށްވެފައި ތުރުކީ ސިފައިންނަކީ އެގައުމުގެ ވެރިކަމަށް ދޯޅު ބައެއްކަމުން އުރުދުޣާންގެ ބޮޑުވަޒީރު ކަމުގެ ކުރީކޮޅު (2007 އާއި 2011 ވަނައަހަރާ ދެމެދު) އުރުދުޣާން ވަނީ ސިފައިންގެ ހަރުކުލައިގެ ޖެނެރަލުންގެ ބާރުތައް ކަނޑުވާލުމަށް ވަރުގަދަ މަސައްކަތްތަކެއް ކުރައްވާފަ އެވެ. މިގޮތުން މުސްކުޅި ވެފައިވާ ކުރީގެ އެތަށް ސަތެކަ ޖެނެރަލުންނެއް މަގާމުން ވަކިކޮށް ސިފައިންގެ މުއައްސަސާއިން ބޭރުކޮށްލެއްވި އެވެ.

އަދިކުރީގައި އަސްކަރީ އިންގިލާބުތައް ގެނަސްފައިވާ ކަންއާން އެވްރިން ފަދަ ޖެނެރަލުންގެ މައްޗަށް ޝަރީއަތް ހިންގައި ސިފައިންގެ އިސް އެތައް އޮފަސަރުންނެއް އުމުރަށް ޖަލަށްލި އެވެ. އަދި އުރުދުޣާން އަށް ތާއީދުކުރާ އަދި އޭނާ އިތުބާރު ކުރައްވާ މެދުފަންތީގެ ސިފައިންގެ ގިނަ އޮފްސަރުންނަށް ސިފައިންގެ ބޮޑެތި މަގާމުތައް ދެއްވައި ތުރުކީގެ ސިފައިންގެ މުއައްސަސާ މުޅިން ބަދަލުކޮށްލެއްވި އެވެ. އަދި ލާދީނީ ފިކުރުގައި ހައްދު ފަހަނަޅާފައިވާ ޖެނެރަލުންނާއި އިސް އޮފްސަރުން މަގާމުން ދުރުކުރެއްވި އެވެ.

މިގޮތަށް ކަންތައް ނުކުރެއްވި ނަމަ މިއަދާ ހަމައަށް ވެސް ތުރުކީގެ ވެރިކަމުގައި އިސްލާމީ ފިކުރުގެ އޭކޭ ޕާޓީ (ޖަސްޓިސް އެންޑް ޑިވެލޮޕްމެންޓް ޕާޓީ) އަކަށް ނޯވެވުނީހެވެ. މީގެއިތުރުން އިންތިހާއަށް ލާދީނީ ތުރުކީގައި އިސްލާމީ ވެލިއުސްތައް ފެތުރުމުގައި ވެސް އުރުދުޣާން ވަނީ ބޮޑެތި ކާމިޔާބީތަކެއް ހޯއްދަވާފައެވެ. މީގެތެރޭގައި ބުރުގާ އާންމު ކުރެއްވުމާއި ކީރިތި ގުރުއާނުގެ ތައުލީމާއި ދީނީ އެހެން އިލްމުތައް ފެތުރުމާއި އިސްލާމީ ސަގާފަތު ލާދީނީ ތުރުކީގައި ފެތުރުއްވުން ހިމެނެއެވެ.

އުރުދުޣާން އާ ދެކޮޅަށް ރޭގައި ގެންނަން މަސައްކަތްކުރި އިންގިލާބު ނާކާމިޔާބުވެފައި ވަނީ މިހެންވުމުގެ ސަބަބުންނެވެ. މިއިންގިލާބު ގެންނަން މަސައްކަތްކުރީ ތުރުކީ ސިފައިންގެ މެދުފަންތީގައި ހިމެނޭ މަދުބައެކެވެ. ސިފައިންގެ އިސްމަގާމުތަކުގައި ތިއްބެވީ ދީނަށް ލޯބިކުރާ އަދި އުރުދުޣާންއަށް ވަފާތެރި ސިފައިންގެ އޮފްސަރުންނެވެ. މިއިން އިންގިލާބު ނާކާމިޔާބުކޮށްލީ ތުރުކީ ސިފައިންގެ ތެރޭގައި ހިމެނޭ އުރުދުޣާން އަށް ވަފާތެރި އިސްފަރާތްތަކުން އިންގިލާބީންނާ ދެކޮޅަށް ބާރުގެ ބޭނުން ކުރުމާއެކު ތުރުކީގެ ރައްޔިތުން އިންގިލާބީންނާ ދެކޮޅަށް މަގުތަކަށް ނުކުތުމާ ގުޅިގެންނެވެ.

އުރުދުޣާން ހެއްދެވި ގޯސްތައް

އުރުދުޣާންއަކީ މުޅި ތުރުކީވިލާތް ބަދަލުކޮށްލި ވަރުގަދަ އިސްލާމީ ޝަޚްސިއްޔަތެއް ނަމަވެސް އޭނާވެސް ބޮޑެތި ގޯސްތަކެއް ހައްދަވާފައިވެ އެވެ. މީގެ ތެރޭގައި ހިމެނޭ އެންމެ ބޮޑު ގޯހަކީ ގަދަބާރުން ސޫރިޔާގެ ވެރިކަން ވައްޓާލުމަށް މަސައްކަތްކުރާ ހަނގުރާމަވެރި ޖަމާއަތްތަކަށް އެހީތެރިވެގެން ސޫރިޔާ ހަލާކުކޮށްލުމުގައި މުހިއްމު ދައުރެއް އަދާކުރެއްވުމެވެ. ސޫރިޔާގެ ރައީސް ބައްޝާރުލްއަސަދަކީ އަނިޔާވެރި ޑިކްޓޭޓަރަކަށް ވިނަމަވެސް މުޅި ސޫރިޔާ ހަލާކުކޮށްލައިގެން ބައްޝާރުގެ ވެރިކަން ވައްޓާލާކަށް ނުޖެހެ އެވެ. މީގެ އިތުރުން އިރާގާއި ލީބިޔާގައި ހިނގާ ހަމަނުޖެހުންތަކުގެ ތެރެއަށް ތުރުކީވަދެ ވަކިކޮޅަކަށް ތާއީދުކޮށް ފިތުނަ އުފެއްދުމަކީ ވެސް އުރުދުޣާން ހެއްދެވި ބޮޑެތި ގޯސްތަކެކެވެ.

ބައްޝާރުގެ ވެރިކަމާދެކޮޅަށް 2011 ވަނައަހަރު އެގައުމުގެ ރައްޔިތުން ތެދުވި ނަމަވެސް ރައްޔިތުންގެ އުތުރިއެރުމުން ބައްޝާރުގެ ވެރިކަން ވައްޓާނުލެވުމުން ހަނގުރާމަވެރި ޖަމާއަތްތަކަށް ފައިސާ ދީގެން ބައްޝާރުގެ ވެރިކަން ވައްޓާލަން މަސައްކަތް ކުރުމަކީ އުރުދުޣާން ހެއްދެވި ބޮޑުގޯހެކެވެ.

މިކަމުގެ ނަތީޖާއަކީ ބައްޝާރުގެ ވެރިކަން ވައްޓާލުމަށް ތުރުކީ އެހީތެރިވެދިން ޓެރަރިސްޓް ޖަމާއަތްތަކުގެ ޝިކާރައަކަށް ޚުދު ތުރުކީވެގެން ދިޔުމެވެ. ތުރުކީގެ އެތަންމިތަނުގައި އައިއެސް ޖަމާއަތުން ބޮންގޮއްވާން ފެށުމެވެ. ބައްޝާރުގެ ވެރިކަން ވައްޓާލުމަށް ޓަކައި އައިއެސް ޖަމާއަތަށާއި ޖަބްހަތުއްނުސްރާ ފަދަ ޓެރަރިސްޓް ޖަމާއަތްތަކަށް އެހީތެރިވިކަމުގެ ތުހުމަތު ތުރުކީގެ މައްޗަށް ކުރެވިފައިވެ އެވެ.

ބައްޝާރުގެ ވެރިކަން ވައްޓާލުމަށް މަސައްކަތް ކުރަނީ ސިޔާސީ ބޭނުމެއްގައި

އަނެއްކޮޅުން ބައްޝާރުގެ ވެރިކަން ވައްޓާލުމަށް އުރުދުޣާން އާއި ގަތަރާއި ސައޫދީ އާއި އެމެރިކާއާއި ޔޫރަޕްގެ ގައުމުތައް މަސައްކަތް ކުރަމުން ގެންދަނީ ސީދާ ސިޔާސީ ބޭނުމެއްގަ އެވެ. ކޮންމެހެން ސޫރިޔާގެ ރައްޔިތުންނަށް ހެޔޮ އެދިގެންނެއް ނޫނެވެ. ބައްޝާރަކީ ގޯސް ވެރިއެއްކަމަށް ވިޔަސް ގަދަބާރުން އޭނާގެ ވެރިކަން ވައްޓާލައިގެން ސޫރިޔާގެ ރައްޔިތުންނަށް ހަމަޖެހުމެއް ނުގެނެވޭނެއެވެ. އިރާގާއި ލީބިޔާގެ ތަޖްރިބާއިން މިކަން އެނގިފައިވެ އެވެ.

ބިންއަލީ ޔެލްޑްރިމް

ސައްދާމްއަކީ ޑިކްޓޭޓަރަކަށް ވިނަމަވެސް އޭނާގެ ވެރިކަން އެމެރިކާ އަރައި ގަދަބާރުން ވައްޓާލުމުން އިރާގުގައި އުފެދުނު ހަމަނުޖެހުންތަކުން އަދިވެސް އެގައުމު އުޅެނީ ސަލާމަތް ނުވެވިގެންނެވެ. ލީބިޔާގެ ހާލަތުވެސް އޮތީ މިހެންނެވެ. އެހެންކަމުން ގަދަބާރުން ބައްޝާރުގެ ވެރިކަން ވައްޓާލައިގެން ސޫރިޔާގެ މައްސަލަ ހައްލެއް ނުކުރެވޭނެ އެވެ. އަދި އުރުދުޣާން އާއި ސައޫދީ އާއި ގަތަރާއި އެމެރިކާއާއި ޔޫރަޕް ގުޅިގެން ބައްޝާރުގެ ވެރިކަން ވައްޓާލުމަށް މަސައްކަތްކުރާތާ ފަސް އަހަރު ވީއިރު ވެސް މިކަން ކުރުމުގައި މިގައުމުތައްވަނީ ނާކާމިޔާބު ވެފަ އެވެ. މީގެ އިތުރުން މިކަމުގެ ނޭދެވޭ އަސަރުވަނީ ޚުދު އެމެރިކާއަށާއި ޔުރަޕަށާއި ސައޫދީ އަށްވެސް ކުރަން ފަށާފަ އެވެ.

ސޫރިޔާގެ ހުރިހާ ރައްޔިތުން މަރައިގެންވެސް ބައްޝާރުގެ ވެރިކަން ވައްޓާލަން އުޅުމަކީ ގޯހެއް

ސޫރިޔާގެ ހުރިހާ ރައްޔިތުން މަރައިގެންނަމަވެސް ބައްޝާރުގެ ވެރިކަން ވައްޓާލަން މަސައްކަތް ކުރުމަކީ ބޮޑު މައްސަލައެކެވެ. މިކަން ނުކުރެވޭނެ ކަން ވިސްނިވަޑައިގެންނާއި މިކަމުގެ ނޭދެވޭ ނަތީޖާ ފެނިގެން އުރުދުޣާން މިހާރު ވަނީ އޭނާގެ ހަރުކަށި ސިޔާސަތުތައް ބަދަލުކުރައްވަން ފައްޓަވާފައެވެ. މިގޮތުން ތުރުކީގެ ބޮޑުވަޒީރު ބިންއަލީ ޔެލްޑްރިމް މިދިޔަ ހަފްތާގައިވަނީ ސޫރިޔާއާ އަލުން ގުޅުންތައް ރަނގަނޅުކޮށް އެގައުމާއެކު ޑިޕްލޮމެޓިކް ގުޅުންތައް އަލުން ގާއިމް ކުރަން ތުރުކީ ބޭނުންވާކަން އިއުލާން ކުރައްވާފަ އެވެ. އަދި އުރުދުޣާންއާ ކުރިމަތިވި އިންގިލާބީ ހަރަކާތްތަކަށް ފަހު ސޫރިޔާއާ މެދު އޭނާ ގެންގުޅުއްވާ ހަރުކަށި ސިޔާސަތަށް ބޮޑު ބަދަލެއް ގެންނަވާނެކަމަށް ވަނީ ބެލެވިފަ އެވެ.

އުރުދުޣާން އަށް ވަރުގަދަ ފިލާވަޅެއް

މިލިބުނު ފިލާވަޅުތަކާ ގުޅިގެން އުރުދުޣާން ދާދިފަހުންވަނީ ރަޝިޔާއާއި އިސްރާއީލާ ވެސް ގުޅުންތައް ވެސް އަލުން ގާއިމް ކުރައްވާފަ އެވެ. ފަލަސްތީނުގެ ރައްޔިތުން ކޮންމެ ދުވަހަކު މަރާ އިސްރާއީލުގެ ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނަތަނުޔާހޫގެ ސަރުކާރާއެކު އުރުދުޣާން އަލުން ގުޅުންތައް ގާއިމް ކުރެއްވުމުން ސޫރިޔާގެ ޑިކްޓޭޓަރު ބައްޝާރުލްއަސަދާއެކު ގުޅުންތައް ރަނގަނޅު ނުކުރަންޖެހޭ އެއްވެސް ސަބަބެއް ނެތެވެ.