16 Jul 2016, 18:17
އިދިކޮޅު އިއްތިހާދުން ދަތުރުވެރިންގެ މާރުކޭޓު ކައިރީގައި އަޑުގަދަ ކުރާ ބޭނުން ކޮށްގެން އަންނަ ބުރާސްފަތި ދުވަހުގެ ބޭއްވުމަށް ހަމަޖައްސާފައިވާ ޖަލްސާއަށް ގޮވަމުން ދިޔަ ޕިކަޕެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
ފުލުހުން ވަނީ އެ ސަރަހައްދުން ކެނދިކުޅުދޫ ދާއިރާގެ ކުރީގެ ރައްޔިތުން މަޖިލީހުގެ މެމްބަރު އަހުމަދު އީސަ އާއި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފުވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.
ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަނީ: ސަން ފޮޓޯ/ ފަޔާޒު މޫސާ
ދަތުރުވެރިންގެ މާރުކޭޓު ކައިރީގައި އެވަގުތު ހުރި "ސަން"ގެ ނޫސްވެރިޔާ އަހުމަދު އާޒިފު ބުނީ ޕިކަޕު އޮތީ ދަތުރުވެރިންގެ މާރުކޭޓު ކައިރީގައި މަޑުކޮށްގެން ކަމަށެވެ.
"އެމީހުން {އިދިކޮޅު އިއްތިހާދު} ތިބީ ޕިކަޕުގައި އެބޭފުޅުންގެ ޝުއޫރުތައް ފާޅުކުރަން. އެހެން ތިއްބާ އެސްއޯ ފުލުހުން ވަޑައިގެން އެބޭފުޅުން އެ ސަރަހައްދުން ދުރުކޮށް، އެ ޕިކަޕުވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ސައުންޑު ސިސްޓަމުތަކާއި އެކު،" އާޒިފު ބުންޏެވެ.
ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު އީސާ ފުލުހުންގެ ބެލުމުގެ ދަށަށް މިއަދު ގެންދަނީ: ސަން ފޮޓޯ/ ފަޔާޒު މޫސާ
ފުލުހުންގެ އިންފޮމޭޝަން އޮފިސަރު އިސްމާއިލް އަލީ "ސަން"އަށް މިއަދު ވިދާޅުވީ، ހުއްދަ ނުހޯދާ މާލެ ތެރޭގައި އަޑުގަދަ ކުރަމުން ދިޔަ ޕިކަޕެއް ދަތުރުވެރިންގެ މާރުކޭޓު ކައިރިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
އިސްމާއިލް ވިދާޅުވީ އެ ސަރަހައްދުން އިތުރުން ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. އޭގެތެރޭގައި ޕިކަޕުގެ ޑުރައިވަރުގެ ހިމެނޭ ކަމަށް އިސްމާއިލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މަހުލޫފާއި އީސަ ހައްޔަރުކުރީ އަޑުގަދަ ކުރުން ހުއްޓުވުމަށް ފުލުހުންގެ ކުރި މަސައްކަތަކަށް ހުރަސް އެޅުމުގެ ސަބަބުން ކަމަށެވެ.
އިދިކޮޅު އިއްތިހާދުން މިއަދު ބޭނުންކުރަމުން ދިޔަ ޕިކަޕު ފުލުހުން ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު މިިދިޔަ ބުރާސްފަތި ދުވަހު އިދިކޮޅު ފަރާތްތަކުން ބޭއްވުމަށް ހަމަޖައްސާފައިވާ ޖަލްސާއަށް ގޮވަމުން ދިޔަ ޕިކަޕެއްވެސް ފުލުހުންގެ ބެލުމުގެ ދަށަށް މީގެ ކުރިންވަނީ ގެންގޮަސްފަ އެވެ.