ކުރިއަށް އޮތް ފަސް އަހަރަށް އެކުލަވާލަން ޖެހޭ ރަށްރަށުގެ ތަރައްގީގެ ޕްލޭނާއި ފައިނޭންޝަލް ޕްލޭން އެކުލަވާލުމަށް އެހީތެރިވެދިނުމުގެ ގޮތުން މުޅި ރާއްޖޭގައި ތަމްރީނު ޕްރޮގްރާމްތަކެއް ލޯކަލް ގަވަރުމަންޓު އޮތޯރިޓީ (އެލްޖީއޭ) އިން ފަށައިފި އެވެ.

އެލްޖީއޭ އިން މިއަދު އިލެކްޝަންސް ކޮމިޝަނުގައި ބޭއްވި ބައްދަލުވުމުގައި އެ އޮތޯރިޓީ އިން ބުނީ އަތޮޅު ފެންވަރުގައި ބާއްވާ އެ ތަމްރީނު ޕްރޮގްރާމްތަކުގައި ކޮންމެ އަތޮޅެއްގައި ވެސް އެލްޖީއޭގެ ދެ މުވައްޒަފުން ހަރަކާތްތެރިވާނެ ކަމަށެވެ.

ލާމަރުކަޒީ ގާނޫނުގެ ދަށުން ރަށު ކައުންސިލްތަކުން މިހާރު އަމަލުކުރަމުންދާ ތަރައްގީގެ ޕްލޭނާއި ފައިނޭންޝަލް ޕްލޭންގެ މުއްދަތު އަންނަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ހަމަވާނެ އެވެ. އަތޮޅު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުން އަމަލުކުރަމުންދާ ޕްލޭންތަކުގެ މުއްދަތު ހަމަވާނީ އޮކްޓޫބަރުގެ ނިޔަލަށެވެ.

ލާމަރުކަޒީ ގާނޫނު ބުނާ ގޮތުން ރަށު ތަރައްގީގެ ޕްލޭންގެ މުއްދަތު ހަމަވުމުގެ ތިން މަސްކުރިން އެ ކައުންސިލްތަކުން އާޕްލޭންތައް އެކުލަވާލަން ޖެހޭނެ އެވެ. އަތޮޅު އަދި ސިޓީ ކައުންސިލްތަކުން އެކަން ކުރަން ޖެހޭނީ ހަތަރު މަސް ދުވަސް ކުރިންނެވެ.

އެ މުއްދަތުގެ ކުރިން އާ ޕްލޭންތައް އެކުލަވާލުމަށް އަތޮޅު ފެންވަރުގައި ބާއްވާ ތަމްރީނު ޕްރޮގްރާމްތައް ފަށާފައި މިވަނީ މި މަހުގެ 10 ވަނަ ދުވަހު ހއ. ދިއްދޫގަ އެވެ. ކޮންމެ އަތޮޅެއްގައި ފަސް ދުވަހުގެ މުއްދަތަށް ހިންގާ އެ ޕްރޮގްރާމް މިހާތަނަށް ބާއްވާފައި ވަނީ ހއ. އަތޮޅާއި ތ. އަތޮޅުގަ އެވެ.

އެލްޖީއޭ އިން ބުނީ އަންނަ އޮގަސްޓް މަހުގެ ފަހެއްގެ ކުރިން ނ. އަތޮޅާއި ރ. އަތޮޅު އަދި ވ. އަތޮޅާއި މ. އަތޮޅުގެ އިތުރުން ފ. އަތޮޅާއި ދ. އަތޮޅުގެ އަދި ގއ. އަތޮޅުގައި ވެސް އެ ޕްރޮގްރާމް ކުރިއަށް ގެންދާ ގޮތަށް އަތޮޅު ކައުންސިލްތަކުން ހަމަޖައްސާފައިވާ ކަމަށެވެ.

އެލްޖީއޭ އިން ބުނީ އެ ތަމްރީނު ޕްރޮގްރާމްތަކަށް ފަހު ރަށު ކައުންސިލްތަކުން އާ ޕްލޭންތައް ހަދަން ފަށާ އިރު ފަސް އަހަރުގެ ތަރައްގީގެ ޕްލޭނަށް ބިނާކޮށް ފައިނޭންޝަލް ޕްލޭނެއް ވެސް ތައްޔާރުކުރަން ޖެހޭނެ ކަމަށެވެ.

ތަރައްގީ އާއި ފައިނޭންޝަލް ޕްލޭންތައް އެކުލަވާލުމަށް އަތޮޅު އަދި ސިޓީ ކައުންސިލްތަކަށް އެހީތެރިވެދިނުމުގެ ގޮތުން އެލްޖީއޭ އިން ވަނީ މިދިޔަ މޭ މަހުގެ ތެރޭގައި ކ. ތުލުސްދޫގައި ހާއްސަ ތަމްރީނު ޕްރޮގްރާމެއް ވެސް ކުރިއަށް ގެންގޮސްފަ އެވެ.