ރާއްޖޭގެ މިސްކިތްތަކުގެ އިމާމުންނަށް ހާއްސަކޮށްގެން އިމާމުން "ތާޒާ" ކުރުމުގެ ޕްރޮގުރާމެއް އިސްލާމިކް މިނިސްޓްރީން ފަށައިފި އެވެ.

އިސްލާމިކް މިނިސްޓްރީގައި މިއަދު މެންދުރު އޮތް ހާއްސަ ރަސްމިއްޔާތެއްގައި އެ ޕްރޮގުރާމު ފައްޓަވައިދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު އެވެ. މިއަދު ފެށި އެ ޕްރޮގުރާމުގައި 14 އިމާމަކު ބައިވެރިވެ އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ހުރިހާ އިމާމުންނަކީ ޑިޕްލޮމާ ފެންވަރުގެ އިމާމުންނަށް ހެދުމަށް މިއަދުގެ ސަރުކާރުން މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި ވިދާޅުވީ ﷲގެ ގެކޮޅު ބެލެހެއްޓުމުގެ ޒިންމާ އުފުލައިގެން ތިއްބަވާ އިމާމުންނަކީ މާތް މަސްއޫލިއްޔަތެއް ފުރުއްވަމުން ގެންދަވާ ބައެއް ކަމަށެވެ. ޒިޔާދު ވިދާޅުވީ މިސްކިތްތައް އިމާމުންނަށް ބެލެހެއްޓޭނީ އެ މީހުންނަކީ އިލްމީ ގޮތުން ވެސް ގާބިލު ބަޔަކަށްވެގެން ކަމަށެވެ.

އިމާމުން ތާޒާ ކުރުމުގެ ގޮތުން މިއަދު ފެށި ޕްރޮގުރާމު ފައްޓަވައިދެއްވުމުގެ ގޮތުން މިނިސްޓަރު ޒިޔާދު ވާހަކަފުޅު ދައްކަވަނީ: ސަން ފޮޓޯ/ ފަޔާޒު މޫސާ

އިސްލާމިކް މިނިސްޓްރީ އިން ބުނީ އިމާމުން ތާޒާ ކުރުމުގެ އެ ޕްރޮގުރާމު ފަރުމާކޮށް ކުރިއަށް ގެންދާނީ ކީރިތި ގުރުއާނާ ބެހޭ މަރުކަޒުން ކަމަށެވެ. އިސްލާމިކް މިނިސްޓްރީ އިން ބުނީ އެ މިނިސްޓްރީގެ އަމާޒަކީ އިމާމުންގެ ގޮތުގައި ރަޖިސްޓްރީ ކޮށްފައި ތިބި ހުރިހާ އިމާމުންނަށް މިއަދު ފެށި ޕްރޮގުރާމުން ތަމްރީނު ދިނުން ކަމަށެވެ.

އިސްލާމިކް މިނިސްޓްރީގައި ރަޖިސްޓްރީ ކޮށްފައި ވަނީ 35 އިމާމުން ނެވެ.

މިއަދުން ފެށިގެން އެއް މަސް ދުވަހުގެ މުއްދަތަށް ކުރިއަށްދާ އެ ޕްރޮގުރާމުގައި އިމާމުކަން ކުރުމާއި މިސްކިތުގެ މަސައްކަތްތައް ކުރުމުގައި އިމާމުންނަށް ލިބިފައިވާ ތަންރީނުތައް މުތާލިއާ ކުރުމުގެ ގޮތުން މުގައްރަރެއް ވަނީ ތައްޔާރުކޮށްފަ އެވެ.