ތުރުކީގައި ނާކާމިޔާބުވި އަސްކަރީ ބަޣާވާތަށް ފަހު ގައުމުގައި އަލުން މަރުގެ އަދަބު ގާއިމްކުރަން ޖެހިދާނެ ކަމުގެ އިޝާރާތެއް ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ދެއްވައިފި އެވެ.

އެކަހަލަ އިޝާރާތެއް އުރުދުޣާން ދެއްވީ ނާކާމިޔާބުވި ބަޢާވާތުގައި މަރުވި މީހުންގެ ޖަނާޒާގައި ބައިވެރިވުމަށް ފަހު އިސްތަންބުލް ގައި ހުންނަ އޭނާގެ ގެކޮޅު ކުރިމަތީގައި އެއްވެ ތުރުކީގައި މަރުގެ އަދަބު ބޭނުންވާ ކަމަށް ގޮވަމުން ދިޔަ ގިނަ އަދަދެއްގެ ސަޕޯޓަރުންނާ މުހާތަބުކޮށް ވާހަކަފުޅުދައްކަވަމުން ނެވެ.

ތުރުކީގެ ރައީސް ވިދާޅުވީ، ރައްޔިތުން ބޭނުންވާ ކަންތައް އިވިވަޑައިގަންނަވާ ކަމަށާއި ޑިމޮކްރަސީ އެއްގައި ރައްޔިތުން ބޭނުންވާ ކަމެއް އެމީހުންނަށް ލިބޭނެ ކަމަށެވެ. އަދި ރައްޔިތުންގެ އެދުމަށް ފުރަގަސް ދީގެން ނުވާނެ ކަމަށް ވިދާޅުވި އެވެ.

އުރުދުޣާން ވިދާޅުވީ، މަރުގެ އަދަބު ދިނުމާ ގުޅޭ ގޮތުން ތުރުކީގެ އިދިކޮޅު ޕާޓީތަކާ އެކު ސަރުކާރުގެ އޮފިޝަލުން މަޝްވަރާކުރައްވާނެ ކަމަށެވެ.

"މިކަން (މަރުގެ އަދަބު ދިނުން) ކުރަން ދިގު މުއްދަތަކަށް ފަހެއް ނުކުރާނަން. ސަބަބަކީ މިގައުމަށް ބަޣާވާތެއް ގެންނަން އުޅުނު މީހުން އެކަމުގެ އަދަބު ލިބެން ޖެހޭނެ،" ތުރުކީގެ ރައީސް ވިދާޅުވި އެވެ.

ތުރުކީގައި 1984 ވަނަ އަހަރުން ފެށިގެން އެއްވެސް މީހަކު މަރާފައިނުވާއިރު، ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާ ގުޅުމަށް އެގައުމުން ވަނީ ގާނޫނަކުން މަރުގެ އަދަބު ދިނުން ނިމުމަކަށް ގެނެސްފަ އެވެ.

މީގެ ދެ ދުވަސް ކުރިން ތުރުކީގައި ބަޣާވާތަކުން އަސްކަރީ ވެރިކަމެއް ކުރަން އުޅުނު އަސްކަރިއްޔާގެ ބައެއް ފައުޖުތަކުގެ މަސައްކަތް ނާކާމިޔާބު ވުމުން، ބަޣާވާތުގައި ބައިވެރިވި ކަމަށް ތުހުމަތުކުރެވޭ މީހުން ހޯދުމަށް ތުރުކީގެ ސަރުކާރުން ދަނީ މަސައްކަތްކުރަމުން ނެވެ.

އެގޮތުން، އެގައުމުގެ އެންމެ މަތީ ތިން ޖެނެރަލުންނާއި އެތައް ސަތޭކަ ސިފައިންނަކާ އެކު 6000 އަށް ވުރެ ގިނަ މީހުން ތަހުގީގަށް ހައްޔަރުކޮށްފައިވާ ކަމަށް ތުރުކީގެ ޖަސްޓިސް މިނިސްޓަރު ބޭކިރު ބޮޒްދާގު ވިދާޅުވެ އެވެ.

މީގެ އިތުރުން، ގާތްގަނޑަކަށް 3000 ފަނޑިޔާރުން މަގާމުން ވަކިކޮށްފައިވާ އިރު، ހައްޔަރުކުރުމުގެ އެތައް އަމުރަކާއެކު ސަރުކާރާ އިދިކޮޅު އިތުރު ޕުރޮސިކިއުޓަރުންނާއި ފަނޑިޔާރުން ދަނީ ހޯދަމުންނެވެ. (އޭއެފްޕީ)