18 Jul 2016, 11:45
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފު ފުލުހުންނަށް ފިލަން މަސައްކަތް ކުރެއްވި ކަމަށް ކުރާ ތުހަމަތުގެ ހުކުމް އިންވުމަށް މިއަދު ބާއްވަން ޝެޑިއުލްކޮށްފައިވާ ޝަރީއަތުގެ މަޖިލީސް ސިއްރުކޮށްފި އެވެ.
ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ އެ ޝަރީއަތް ސިއްރު ކުރީ އެ މައްސަލަ ބައްލަވާ ގާޒީ އަށް އެގޮތަށް ފެނިވަޑައިގަންނަވާތީ ކަމަށާއި އެއީ ކީއްވެގެން ކަން ނޭނގޭ ކަމަށެވެ.
އެ މައްސަލަ ބައްލަވަނީ ގާޒީ އިބްރާހީމް އަލީ އެވެ.
މަހްލޫފު މިއަދު ނޫސްވެރިންނާ ބައްދަލު ކުރައްވައި ވިދާޅުވީ ދައުލަތުން އުފުލި ފުރަތަމަ ދައުވާގައި އޭނާގެ މައްޗަށް ޖަލު ހުކުމެއް ކުރާނެ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށާއި ޖަލަށް ލިޔަސް އަޒުމަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ.
މިހާރު ކްރިމިނަލް ކޯޓުގައި ކުރިޔަށްދާ، މަހުލޫފްގެ މައްޗަށް އުފުލާފައިވާ ދެ ވަނަ ދައުވާގެ ހެކިބަސް ނެގުމުގެ އަޑުއެހުމަށް ވަދެވަޑައިގަތުމުގެ ކުރިން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މަހުލޫފް ވިދާޅުވީ ކޮންމެ ހުކުމެއް ކުރިޔަސް ސަރުކާރާ ދެކޮޅަށް އޭނާ ކުރައްވަމުންދާ މަސައްކަތް ހުއްޓާ ނުލައްވާނެ ކަމަށެވެ.
އޭނާ ވިދާޅުވީ އޭނާ ފުލުހުންނަށް ފިލަން ނޫޅޭކަން ފުލުހުންގެ ހެކިބަހުންނާއި ދިފާއީ ހެކިންގެ ހެކިބަހުން ވަރަށް ސާފުކޮށް އެނގޭ ކަމަށެވެ.
"އަޅުގަނޑު އެދުވަހު ދިޔައީ ފުލުހުން އަޅުގަނޑުގެ އަންހެނުންނާ ދިމާލަށް އަރައިގަތުމުން އެކަން ހުއްޓުވަން. ހެކިންގެ ހެކިބަހުން އެކަން އެނގޭނެ. އަޅުގަނޑު ފިލައިގެން ގޮސް ކޮން ތަނަކަށްތޯ ވަންނާނީ،،" މަހުލޫފް ވިދާޅުވި އެވެ.
ފުލުހުންގެ ދައުރު އަދާކުރުމަށް ދަތިކުރުމުގެ ދައުވާ މަހުލޫފްގެ މައްޗަށް އުފުލާފައި ވަނީ އޭނާގެ މައްޗަށް ތުހުމަތު ކުރެވުނު މައްސަލައެއްގައި ބަންދާމެދު ގޮތެއް ނިންމުމަށް ފަހު މިދިޔަ އޭޕްރީލް މަހުގެ ތިން ވަނަ ދުވަހުގެ ރޭ 7:00 އެހައިކަންހާއިރު ފުލުހުންގެ ވެހިކަލަށް އެރުމަށް ތަކުރާރުކޮށް އެންގުމުން އެކަމަށް ދެކޮޅު ހަދައި ފިލަން އުޅެފައިވާތީ ކަމަށް ބުނެ އެވެ.
އެމައްސަލަ ސާބިތުވެއްޖެ ނަމަ މަހުލޫފަށް އަންނާނީ 12،000 ރުފިޔާއަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރުން ނުވަތަ ހަ މަސް ދުވަހަށް ވުރެ ދިގު ނޫން މުއްދަތަކަށް ޖަލަށް ލުމުގެ ހުކުމެކެވެ.