އިސްތަންބޫލް، ޖުލައި 18 (ރޮއިޓާސް) - ނާކާމިޔާބުވި ބަޣާވާތެއްގެ ސަބަބުން ހާސްކަމެއްގެ ތެރޭގައި އޮތް ތުރުކީ ސަރުކާރުން އެގައުމުގެ ތިން މިލިއަނަށްވުރެ ގިނަ ސިވިލް ސާވަންޓުގެ އަހަރީ ޗުއްޓީ ސަސްޕެންޑްކޮށްފި އެވެ.

ތުރުކީގެ ރަސްމީ ގެޒެޓުގައި އިއްޔެ ގެޒެޓް ކޮށްފައިވާ އަމުރެއްގައި ބުނީ، އިތުރު އެއްޗެއް އަންގަންދެން ހުރިހާ ސިވިލް ސާވަންޓުންގެ އަހަރީ ޗުއްޓީ ސަސްޕެންޑްކޮށްފައިވާ ކަމަށާއި ޗުއްޓީގައި މިހާރު ތިބި ސިވިލް ސާވަންޓުން ވެސް ވީ އެންމެ އަވަހަކަށް ވަޒީފާއަށް ނުކުންނަންޖެހޭނެ ކަމަށެވެ.

މީގެ އިތުރުން، ޕަބްލިކް ސެކްޓާގައި މަސައްކަތްކުރާ މުވައްޒަފުން ގައުމުން ބޭރަށް ދިއުން މަނާ ކޮށްފައިވާ ކަމަށް ވެސް ތުރުކީގެ ބްރޯޑްކާސްޓަރު، އެންޓީވީ އިން ރިޕޯޓް ކުރެ އެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭ ތުރުކީއަށް ގެންނަން އުޅުނު އަސްކަރީ ބަޣާވާތް ނާކާމިޔާބު ވުމާ ގުޅިގެން އެ ބަޣާވާތާ ގުޅުންހުރި އެތައް ބަޔަކު ދަނީ ހައްޔަރުކޮށް ވަޒީފާއިން ވަކިކުރަމުން ނެވެ.

އެގޮތުން ބަޣާވާތާ ގުޅިގެން ތުރުކީގެ އެންމެ މަތީ ތިން ޖެނެރަލުންނާއި އެތައް ސަތޭކަ ސިފައިންނަކާ އެކު 6000 އަށް ވުރެ ގިނަ މީހުން ތަހުގީގަށް ހައްޔަރުކޮށްފައިވާއިރު، 2700 ފަނޑިޔާރުން ވަނީ މަގާމުން ވަކިކޮށްފަ އެވެ.

ތުރުކީގެ އިންޓީރިއާ މިނިސްޓަރާ ހަވާލާދީ އެގައުމުގެ ދައުލަތުގެ މީޑިއާ އިން ބުނީ، މިހާތަނަށް ސަރުކާރުގެ ވަޒީފާތަކުގައި އުޅޭ 8777 މީހުން ވަޒީފާ އިން ވަކިކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި 7899 ފުލުހުންނާއި ސިފައިން ވެސް ހިމެނޭ ކަމަށެވެ.