ކައުންސިލް އިންތިހާބުތަކަށް ކުރިމަތިލާ ފަރާތްތަކުގެ ޝަރުތުތައް އެއް ހަމަ ކުރުމަށް އިންތިހާބުތަކާ ބެހޭ ގާނޫނަށް ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު އިސްލާހު ހުށަހަޅައިފި އެވެ.

އިސްލާހު ހުށަހެޅުއްވި ސަބަބެއް ކަމަށް އާމިރު ވިދާޅުވީ ގާނޫނު އަސާސީގައި ޝަރުތު ކަނޑައަޅާފައިވާ ފަރާތްތައް ފިޔަވައި އެހެން ހުރިހާ ފަރާތެއްގެ އެބާވަތުގެ ޝަރުތުތައް އެއް ގާނޫނެއްގައި އެއް ހަމައަކުން ލިޔެ ބަޔާންކޮށްފައި އޮތުމަކީ ހުރިހާ ރައްޔިތުންނަށާއި މުޅި ދައުލަތަށް އެންމެ ފަސޭހަވެގެންދާނެ ކަމަކަށް ހެދުމުގެ މަގުސަދުގައި ކަމަށެވެ.

އާމިރު ވިދާޅުވީ ގާނޫނު އަސާސީގެ އެކިއެކި މަގާމުތަކަށް ޝަރުތު ކަނޑައަޅާފައިވާ ފަރާތްތައް ފިޔަވައި އެހެނިހެން އިންތިހާބުތަކަށް ކުރިމަތިލާ ފަރާތްތަކުގެ ޝަރުތުތައް އެއް ހަމައަކުން އެއް ގާނޫނެއްގައި ބަޔާންކޮށްފައި އޮތުމަކީ އިދާރީ ގޮތުންނާއި ފަރުދީ ގޮތުން ފަސޭހަތަކެއްވާނެ ކަމެއް ކަމަަށެވެ.

އޭނާ ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބުގެ ގާނޫނުގައި ޝަރުތުތައް ކަނޑައަޅާފައި އޮތް ގޮތުން ގާބިލް އެތައް ބަޔަކަށް ކުރިމަތިނުލެވުމާއި ކުދިކުދި ހިޔާނާތުގެ މައްސަލާގައި އެ މައްސަލައެއް ނިމިގެން ގޮސް ހުކުމް ވެސް ތަންފީޒުވެނިމި، 25 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ މީހުންނަށް ކުރިމަތިނުލެވި އޮތް އޮތުން ނިމުމަކަށް ގެންނަން ޖެހޭ ކަމަށެވެ.

ގާނޫނު އަސާސީގެ 26ވަނަ މާއްދާގެ (ށ)ގައި ބުނެފައި ވަނީ ގާނޫނު އަސާސީގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާ ހިނދު އުމުރުން 18 އަހަރު ފުރިފައިވާ ކޮންމެ މީހަކަށް އިންތިހާބުތަކުގައި އެކި އެކި މަގާމުތަކަށް ކުރިމަތިލުމުގެ ހައްގު ލިބިގެންވާ ކަމަށެވެ.

އެހެންކަމުން އިންތިހާބުތަކާއި ބެހޭ ގާނޫނަށް އޭނާ ހުށަހަޅާފައިވާ އިސްލާހު ފާސްވެއްޖެނަމަ ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމުގެ ގާނޫނުގެ ބުނެފައިވާ އަތޮޅު ކައުންސިލުގެ މެމްބަރުކަމަށް ކުރިމަތިލާ ފަރާތްތަކުގެ ޝަރުތު ބަޔާންކޮށްފައިވާ މާއްދާ (15ވަނަ މާއްދާ) އުވާލެވޭނެ ކަމަށް ވެސް އާމިރު ވިދާޅުވި އެވެ.

ގާނޫނު އަސާސީގައި އިންތިހާބުކުރާ މަގާމުތަކަށް ޝަރުތު ބަޔާންކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލާ މެމްބަރުންނާއި ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ކުރިމަތިލާ ފަރާތްތަކަށެވެ.

އިންތިހާބުތަކަށް ކުރިމަތިލާ ފަރާތްތަކުގެ ބައެއް ޝަރުތު:

  • ދިވެއްސަކަށްވުން
  • ބޭރުގެ ގައުމެއްގެ ރައްޔިތަކަށް ނުވުން
  • މުސްލިލެއް ކަމުގައިވުން، ސުންނަތް ޖަމާއަތުގެ މީހަކަށް ނުވުން
  • އުމުރުން 18 އަހަރު ފުރިފައިވުން
  • ބޭރު ގައުމެއްގެ މީހަކު ދިވެހި ރައްޔިތަކަށް ވެފައިވާނަމަ، އެކަމަށް ފަސް އަހަރުވެފައިވުން
  • ސާބިތު ދަރަންޏެއް އޮތްނަމަ ހުކުމާއި އެއްގޮތަށް ދަރަނި އަދާކުރުން
  • ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކޮށްފައިވާ މީހެއް ކަމުގައި ނުވުން
  • 10،000 ރުފިޔާއަށް ވުރެ މަތީ އަދަދެއްގެ ހިޔާނާތުގެ މައްސަލައެއް ސާބިތުނުވުން
  • 10،000 ވުރެ މަތީ އަދަދެއްގެ ދަރަންޏެއް ސާބިތު ވެފައިވާ ފަރާތެއް ނަމަ ހުކުމް ތަންފީޒުކޮށް ނިމުންތާ އެއް އަހަރުވުން
  • ރިޝްވަތުގެ ކަމެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުން
  • މަސްތުވާތަކެތީގެ އެއްވެސް ކަމެއް ޝަރީއަތަށް ސާބިތުވެފައިވާ މީހެއް ނޫން
  • މަސްތުވާތަކެތީގެ އެއްވެސް ކުށެއް ޝަރީއަތަށް ސާބިތުވެފައިވާ ނަމަ ހުކުމް ތަންފީޒުކުރިތާ 10 އަހަރު ވެފައިވުން