މިއަހަރު ނިމެންދެން ދިވެހި ފައިސާގެ ކުރީގެ ނޫޓުތައް ރާއްޖޭގެ ބެންކުތަކުން ރަންދިހަ ފަހެއްގެ ނޫޓުތަކަށް ބަދަލު ކޮށްދިނުމުގެ އިންތިޒާމް ހަމަޖައްސައިފިއެވެ.

މިމަސް ނިމުމާއެކު ކުރީގެ ނޫޓުތަކުގެ ތެރެއިން ފަސް ރުފިޔާ ފިޔަވާ އެހެން ނޫޓްތައް ވިޔަފާރި ކުރުމުގައި ބޭނުން ނުކުރެވޭއިރު އެމްއެމްއޭގެ އިންފޮމޭޝަން އޮފިސަރު މަންސޫރު ޒުބެއިރު މިއަދު "ސަން"އަށް ވިދާޅުވީ ކުރީގެ ނޫޓުތައް ފަސޭހައިން ބަދަލުކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުން ރާއްޖޭގެ ހުރިހާ ބެންނަކުން ވެސް މިއަހަރު ނިމެންދެން ކުރީގެ ނޫޓުތައް ރަންދިހަފަހެއްގެ ނޫޓުތަކަށް ބަދަލުކޮށްދޭނެ ކަމަށެވެ.

ކުރިއަށް އޮތް ފަސް އަހަރު ދުވަހު އެމްއެމްއޭއިން ވެސް ކުރީގެ ނޫޓުތައް ރަންދިހަ ފަހެއްގެ ނޫޓުތަކަށް ބަދަލުކޮށްދޭނެ ކަމަށް ވެސް މަންސޫރު ވިދާޅުވިއެވެ.

ކުރީގެ ނޫޓުތަކުގެ ބޮޑު ބައެއް މިހާރު އެމްއެމްއޭއަށް ލިބިފައިވާ ކަމަށް ވެސް އެ އޮތޯރިޓީން ބުންޏެވެ.

ރަންދިހަ ފަހެއްގެ ނޫޓު ސީރީޒްތައް ތައާރަފްކޮށްފައި ވަނީ މިދިޔަ އަހަރު ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހުއެވެ.