ވޮޝިންޓަން (ޖުލައި 20) : އެމެރިކާގެ ރިޔާސީ އިންތިޚާބަށް ރިޕަބްލިކަން ޕާޓީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓަކީ ޑޮނަލްޑް ޓަރަމްޕް ކަމަށް އެ ޕާޓީގެ ކޮންގްރެސްއިން ރަސްމީކޮށް ނިންމައިފި އެވެ.

އޭގެކުރިން ޓްރަމްޕް ވަނީ ރިޕަބްލިކަން ޕާޓީގެ ރިޔާސީ ޕްރައިމަރީ ވެސް ކާމިޔާބު ކުރައްވައިފަ އެވެ. ޓްރަޕް ރިޕަބްލިކަން ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ކަމަށް ހަމަޖެއްސި ޖަލްސާއަށް އެޕާޓީގެ ހަރުކުލައިގެ ނުފޫޒުގަދަ ބޭފުޅުން ހާޒިރެއް ނުވެ އެވެ. މީގެ ތެރޭގައި އެމެރިކާގެ ކުރީގެ ދެރައީސުންކަމަށްވާ ޖޯޖް ބުޝްއާއި އޭނާގެ ދަރިކަލުން ޖޯޖް ޑަބްލިޔު ބުޝް ވެސް ހިމެނިވަޑައިގަންނަވަ އެވެ.

ރިޕަބްލިކަން ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ކަމަށް ޓްރަމްޕް ހަމަޖެއްސުމަށް އެޕާޓީގެ ކޮންގްރެސްއަށް ޙާޒިރުވި މަންދޫބުންގެ ތެރެއިން 1237 މަންދޫބުން ވޯޓު ދެއްވި އެވެ. މިއީ އޭނާ އެމަގާމަށް ހަމަޖެއްސޭ ފަދަ ތާއީދެކެވެ. ރިޕަބްލިކަން ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ކަމަށް ޓްރަމްޕް ހަމަޖެއްސި ނަމަވެސް އެ ޕާޓީގެ ވަރަށްގިނަ ބަޔަކު ގެންދަނީ އޭނާގެ ހަރުކަށި ވިސްނުމާ ދެކޮޅަށް އަޑުއުފުލަމުންނެވެ.

އެހެންކަމުން މި އަހަރު ފަހުކޮޅު ބޭއްވުމަށް ހަމަޖެހިފައިވާ އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ޓްރަމްޕްގެ މައްޗަށް ހިލަރީ ކްލިންޓަން ކުރި ހޯއްދަވާނެކަން ޚިޔާލު ހޯދުމުގެ ސާވޭތަކުން ހާމަވެފައިވެ އެވެ.

އެމެރިކާގެ ރިޔާސީ އިންތިޚާބަށް ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓްގެ ގޮތުގައި ރަސްމީ ސިފައެއްގައި ހިލަރީ އަދި ހަމަޖައްސާފައި ނުވި ނަމަވެސް ހިލަރީ ވަނީ ޕާޓީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރައްވައިފަ އެވެ. (ރޮއިޓާސް)