20 Jul 2016, 23:58
ގެވެށި އަނިޔާއާއި އެހެނިހެން ބާވަތްތަކުގެ އަނިޔާ ލިބޭ ފަރާތްތަކަށް ޚާއްސަކޮށް ބޫޓާންގައި ހަދާފައިވާ އަމާންހިޔާއަކަށް ޖެންޑާ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީ ޒިޔާރަތް ކުރައްވައިފި އެވެ.
ބޫޓާންގެ ތިމްޕޫގައި ހުންނަ މި އަމާންހިޔާއަކީ އަންހެނުންނާއި ކުޑަކުދިންގެ ހައްގުތައް ކުރިއެރުވުމަށް މަސައްކަތްކުރާ ބޫޓާންގެ "ރިނިއު" ޖަމިއްޔާއިން ހިންގާ ހިޔާއެކެވެ.
ޖެންޑާ މިނިސްޓްރީން މައުލޫމާތު ދޭ ގޮތުގައި، މި ޒިޔާރަތުގައި ބޫޓާނުން އަންހެނުންނާއި ކުޑަކުދިންނަށް ރައްކާތެރިކަމާއި އަޅާލުން ފޯރުކޮށްދިނުމަށް ކުރާ މަސައްކަތާއި އެސަރަހައްދުގައި އަމަލުކުރާ ބެސްޓް ޕްރެކްޓިސް އުސޫލުތަކާ ބެހޭ މައުލޫމާތު، އެތަނުގެ ވެރީންނާއި މުވައްޒަފުންގެ ފަރާތުން މިނިސްޓަރު ޒެނީޝާ ހޯއްދެވި އެވެ.
އަދި ހިޔާގައި ދިރިއުޅުއްވާ ފަރާތްތަކަށް އެކިއެކި ހުނަރާއި ތަމްރީންތައް ދަސްކޮށްދޭ ކްލާސްރޫމްތައް މިނިސްޓަރ ޒެނީޝާ ބައްލަވާލައްވައި، ހިޔާގައި ކުރިއަށް ގެންދާ ޕްރޮގްރާމްތަކާ ބެހޭ މަޢުލޫމާތު އޮޅުންފިލުއްވި ކަމަށް ޖެންޑާ މިނިސްޓްރީން ބުނެ އެވެ.
މިނިސްޓަރު ޒެނީޝާ ބޫޓާނަށް ކުރައްވާ ދަތުރުފުޅަކީ 2010 ވަނަ އަހަރު ސާކްގެ އެޕެކްސް ބޮޑީއެއްގެ ގޮތުގައި ގާއިމުކުރި ސައުތު އޭޝިއާ އިނީޝިއޭޓިވް ޓު އެންޑް ވަޔަލަންސް އަގެއިންސްޓް ޗިލްޑްރަން އިން ބޫޓާންގެ ތިމްޕޫގައި ދެ ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދާ ރީޖަނަލް ކޮންސަލްޓޭޝަންގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.