21 Jul 2016, 13:33
މިނިވަން ދުވަސް ފާހަގަ ކުރުމަށާއި ސްކޫލުގެ އިތުރު ހަރަކާތްތައް ހިންގުމަށް ކުދިންނަށް ނަމާދު ކުރަން ވަގުތު ނުލިބޭ ގޮތަށް ގަޑިތައް ރާވާ ކަމަށް ބުނެ ބައެއް ޓީޗަރުންނާއި ބެލެނިވެރިން ޝަކުވާ ކުރަން ފަށައިފި އެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން 20 އަހަރަށް ވުރެ ގިނަ ދުވަހު ކިޔަވައިދިނުމުގެ ދާއިރާގައި ހަރަކާތްތެރިވަމުން އަންނަ ޓީޗަރަކު ވިދާޅުވީ ނަމާދުގަޑިތަކުގައި ކުދިން ސުކޫލްތަކަށް ގެންގޮސް އިތުރު ހަރަކާތްތައް ހިންގަމުންދާ ކަމަށާއި އެއީ ކުދިންނަށް ދެއްކޭ ވަރަށް ނުބައި މިސާލެއް ކަމަށެވެ.
"ނަމާދު ނުކޮށް އެތިބެނީ ކުޅިވަރު ކުޅެން، ނަމާދު ގަޑިތަކުގައި ނޫންގޮތަށް ވެސް އެހަރަކާތް ހިންގޭނެ ދެއްތޯ، ނޫނީ ސްކޫލުގައި އެކުގައި ނަމާދުކޮށްގެން ވެސް ހަރަކާތް ހިންގޭނެ ދެއްތޯ." މަޖީދިއްޔާ ސުކޫލުގައި މަސައްކަތްކުރާ ސީނިއާ ޓީޗަރަކު ވިދާޅުވި އެވެ.
މާލޭ ޕްރީ ސްކޫލެއްގެ ބެލިނިވެރިއަކު ބުނި ގޮތުގައި މިހާރަކަށް އައިސް މިނިވަން ދުވަހުގެ ފަރިތަކުރުންތަކަށް ސުކޫލުގައި ކިޔަވާ ގަޑީގެ އިތުރުން ތިން ގަޑިއަށް ކުއްޖާ ގެންދަން ޖެހޭ ކަމަށާއި އެކަމުގެ ސަބަބުން ކިޔެވުމަށާއި ނަމާދު ކުރުމަށް ފުރުސަތު ނުލިބޭ ކަމަށެވެ.
"އަހަރެން ދަރިއަކަށް ޓިއުޝަނަށް އެބަ ހަރަދުކުރަން މަހެއްގެ މައްޗަށް 6200 ރުފިޔާ، އެކަމަކު މިހާރު ޓިއުޝަން ކަޓުވަން އެބަ ޖެހޭ، ކުރުވަންވީ ހަމަ، އެކަމަކު އެއީ ދުރާލާ ރާވައިގެން، މިގޮތަކަށް ނޫން،" ބެލެނިވެރިޔާ ބުންޏެވެ.
މިނިވަން ދުވަސް ފަދަ ދުވަސްތައް ފާހަގަ ކުރަން ހިތްވަރުދޭ ކަމަށާއި ނަމަވެސް ދުރާލާ ރާވައިގެން އެކަން ކުރުމަށް ބެލެނިވެރިން އިލްތިމާސްކުރެ އެވެ. މިހާރު ހެނދުނު 6:45 އަކަށް ސްކޫލަށް ދާ ކުދިން އިތުރު ހަރަކާތްތަކަށް ފަހު ސުކޫލު ނިމެނީ ރޭގަނޑު 10:30 އަށް ކަމަށާއި ހުސްވަގުތުގެ ގޮތުގައި ލިބެނީ ކުޑަވަގުތުކޮޅެއްކަމަށް ބެލެނިވެރިން ބުންޏެވެ.
އެހެން މަސް ދަރުތަކުން ވެސް ވަނީ އެކަން އެގޮތަށް ހިނގާކަން ކަށަވަރުކޮށްދީފަ އެވެ.
އެކަމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދުމަދު ޝަފީއު ވިދާޅުވީ ސްކޫލުތަކަށް އިލްތިމާސްކޮށްފައި ވާނީ ނަމާދު ވަގުތުތަކަށް ފުރުސަތު ލިބޭ ގޮތަށް ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ކަމަށެވެ. އަދި ކުދިންނަށް ވާވަރަކުން ހަރަކާތްތަކުގައި ބައިވެރިކުރުމަށް އިލްތިމާސްކޮށްފައިވާ ކަމަށެވެ.