21 Jul 2016, 15:05
ގައުމީ އެއާލައިން މޯލްޑިވިއަން އިން ނެރޭ އެ އެއާލައިންގެ އިންފްލައިޓު މެގަޒިން "މޯލްޑިވިއަން ހޮލިޑޭޒް"ގެ ކިޔުންތެރިންގެ އަދަދު ހަތަރު މިލިޔަނަށް ވުރެ މައްޗަށް އަރައިފި އެވެ.
މޯލްޑިވިއަން ހޮލިޑޭޒް މެގަޒިންއަކީ މިދިޔަ އަހަރުގެ ފަހުކޮޅުން ފަށައިގެން ނެރެން ފެށި މެގަޒިންއެކެވެ. އެ މެގަޒިން ނެރެން ހަމަޖެހިފައި އޮންނަނީ ކޮންމެ އަހަރަކު ތިން ފަހަރަކު އެވެ. މޯލްޑިވިއަން ހޯލިޑޭޒް މަޖައްލާގެ ޕަބްލިޝަރަކީއެމްވީ ހޮޓެލްސްއެވެ.
މިހާތަނަށް މި މެގަޒިންގެ ދެ އަދަދެއް ނެރެފައިވެ އެވެ. މޯލްޑިވިއަން ހޮލިޑޭޒްގެ ނެރޭ ކޮންމެ އަދަދަކާ އެކު އޭގެ ގާތްގަނޑަކަށް 10،000 ކޮޕީ ޗާޕު ކުރާ އިރު، އޮންލައިން ޕަބްލިޝިން ޕްލެޓްފޯމް"އިޝޫ"މެދުވެރިކޮށް ހަތަރު މިލިޔަނަށް ވުރެ ގިނަ މީހުން މޯލްޑިވިއަން ހޮލިޑޭޒް މެގަޒިން ކިޔާފައިވެ އެވެ.
އެ މެގަޒިންގެ ފުރަތަމަ އަދަދާއި އެކު "އިޝޫ"އިން އަންނަނީ މޯލްޑިވިއަން ހޮލިޑޭޒް ޕްރޮމޯޓު ކޮށްދެމުންނެވެ. އިޝޫގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ހަތަރު މިލިޔަން ކިޔުންތެރިންނާ ހަމައަށް މެގަޒިން ފޯރުމަކީ ރާއްޖެ އަށް ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް އެ ޕްލެޓްފޯމުގެ ފަރާތުން ބުނެ އެވެ.
"ޑެސްކްޓޮޕް، މޯބައިލް، އިޝޫގެ އެޕް އަދި ސޯޝަލް ޕްލެޓުފޯމްތަކުގައި ހަތަރު މިލިޔަނަށް ވުރެ ގިނަ މީހުންނާ ހަމައަށް ފޯރާފައިވޭ. އަޅުގަނޑުމެން ކުރިޔަށް އޮތް ތަނުގައި ވެސް މި މެގަޒިންގެ ޕަބްލިޝާ، އެމްވީ ހޮޓެލްސްއާ އެކު މަސައްކަތް ކޮށް، މަޖައްލާގެ ރީޑަޝިޕް އިތުރުކޮށްދިނުމަށް މަސއްކަތް ކުރާނަން،" އިޝޫ ޑޮޓް ކޮމްގެ ބްރޭންޑް ޕާޓްނަޝިޕް ހެޑް ފެނާންޑޯ ރޮމޭރޯ ވިދާޅުވި އެވެ.

އިޝޫގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި، އެ ޕްލެޓްފޯމް މެދުވެރިކޮށް އެންމެ ގިނައިން މޯލްޑިވިއަން ހޮލިޑޭޒް މަޖައްލާ ކިޔާފައި ވަނީ އިންޑިއާއިންނެވެ.
އިންޑިއާއަކީ ރާއްޖެއަށް ފަތުރުވެރިން ގިނަ އަދަދަކަށް ޒިޔާރަތްކުރާ ގައުމެކެވެ. މި އަހަރުގެ މޭ މަހުގެ ނިޔަލަށް އިންޑިއާ އިން ރާއްޖެއަށް 25,441 ފަތުރުވެރިން ޒިޔާރަތް ކުރި އިރު، ނިމިދިޔަ މޭ މަހު 6,651 އިންޑިއާ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރި އެވެ.
ގައުމީ އެއާލައިން މޯލްޑިވިއަންއިން އިންޑިއާގެ ޓްރިވެންޑްރަމަށް ކޮންމެ ދުވަހަކު ދަތުރު ކުރާ އިރު، ޗެންނާއީ އަށް ހަފްތާއަކު ތިން ދަތުރު ކުރެ އެވެ.
އައިލެންޑް އޭވިއޭޝަން ސާވިސެސްގެ ދަށުން ހިންގާ މޯލްޑިވިއަން ހޮލިޑޭޒްގެ ހެޑް މުހައްމަދު ރިޒްވީ ވިދާޅުވީ، މިފަދަ މަޖައްލާއެއް ނެރުމުގެ މަސައްކަތް ފުރަތަމަ ކުރަމުން ދިޔަ އިރު އޭގެ ކާމިޔާބީއާ މެދު ޝައްކުތަކެއް ހުރި ކަމަށާއި، ނަމަވެސް މިހާރު ފަސިންޖަރުންނާ ޕާޓްނަރުންގެ ފީޑްބެކާއި އެހެނިހެން ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މަޖައްލާގެ ސަބަބުން މޯލްޑިވިއަންއަށް ކުރިއެރުންތަކެއް ލިބޭ ކަމަށެވެ.
"އަޅުގަނޑުމެން މި ދަނީ މޯލްޑިވިއަން ހޮލިޑޭޒްގެ ބްރޭންޑު އިތުރަށް ތަރައްގީކޮށް، މިހާރަށް ވުރެ ބޮޑު ރިކޮގްނިޝަނެއް ހޯދުމަށް އަޅުގަނޑުމެންގެ ޕަބްލިޝަރު އެމްވީހޮޓެލްސްއާ އެކު މަޝްވަރާ ކުރަމުން،" ރިޒްވީ ވިދާޅުވި އެވެ.
މޯލްޑިވިއަން ހޮޓެލްސްގެ ޕަބްލިޝަރު އެމްވީ ހޮޓެލްސްގެ ޑިރެކްޓަރު މުހައްމަދު އަރީފް ވިދާޅުވީ، މަޖައްލާ ނެރެން ފެށި އިރާއި މިހާރު ވެސް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހޭ ކަމަށާއި، ނަމަވެސް އެ މެގަޒިންގެ ޓީމުން ދަނީ ވަރަށް ބުރަކޮށް މަސައްކަތްކޮށް، ގޮންޖެހުންތައް ކަޑައްތު ކުރަމުން ކަމަށެވެ.