ހުޅުމާލެ ހޮސްޕިޓަލުގައި ކެންސަރު ސެންޓަރެއް ހެދުމަށް އިންޑިއާގެ މަނިޕާލު ހޮސްޕިޓަލާއި އާސަންދަ ކުންފުންޏާ އަދި ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)އާއެކު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

ހުޅުމާލެ ހޮސްޕިޓަލުގައި މިއަދު ހެނދުނު އޮތް ހާއްސަ ރަސްމިއްޔާތެއްގައި މަނިޕާލު ހޮސްޕިޓަލުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ހޮސްޕިޓަލުގެ ސީއީއޯ ޑރ. އަޖޭ ބަކްޝީ އެވެ. އާސަންދަގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މައުމޫން އަބްދުއް ސަމަދު އެވެ. އެންސްޕާގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ މުޖުތަބާ ޖަލީލު އެވެ.

އެންސްޕާއާ އާސަންދައިން ބުނީ ހުޅުމާލޭގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ ކެންސަރު ސެންޓަރަށް ސަރުކާރުން އެއްވެސް ހަރަދެއް ނުކުރާނެ ކަމަށެވެ. އަދި އެ ސެންޓަރު ގާއިމު ކުރުމުގެ ހުރިހާ ހަރަދެއް ކުރާނީ މަނިޕާލު ހޮސްޕިޓަލުން ކަމަށް ވެސް އެ ދެ ކުންފުނިން މައުލޫމާތުދެ އެވެ.

އެންސްޕާގެ ސީއީއޯ މުޖުތަބާ ވިދާޅުވީ ހުޅުމާލޭގައި ގާއިމުކުރާ ކެންސަރު ސެންޓަރު އަންނަ ނޮވެމްބަރު މަހުގެ ތެރޭގައި އެ ސެންޓަރު ހުޅުވިގެން ދާނެ ކަމަށެވެ. މުޖުތަބާ ވިދާޅުވީ އެ ސެންޓަރުގެ ހިދުމަތް ދޭން ފަށާއިރު މަނިޕާލު ހޮސްޕިޓަލުގެ ޑޮކްޓަރުން ހުޅުމާލެ ހޮސްޕިޓަލުގައި ހަރަކާތްތެރިވާނެ ކަމަށެވެ. އަދި އެ ވަގުތުގެ ތެރޭގައި ކެންސަރު ބައްޔަށް ފަރުވާ ދިނުމަށް ހަ ނަރުހުންނާއި ތިން ޑޮކްޓަރުން މަނިޕާލު ހޮސްޕިޓަލުން ތަމްރީނު ކޮށްދޭނެ ކަމަށް މުޖުތަބާ ވިދާޅުވި އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މަނިޕާލުގެ ސީއީއޯ އަޖޭ ބަކްޝީ ވިދާޅުވީ ހުޅުމާލޭގައި ގާއިމު ކުރެވިގެންދާ ކެންސަރު ސެންޓަރުގެ ސަބަބުން ކެންސަރު ބައްޔަށް ފަރުވާ ހޯދުމަށް އިންޑިއާއަށް ދާ ދިވެހިންގެ އަދަދު މަދުވާނެ ކަމަށެވެ. އޭނާ ވިދާޅުވީ ގިނަ އަދަދެއްގެ ދިވެހިން ކެންސަރު ބައްޔަށް ބޭސް ކުރުމަށް އިންޑިއާ ދާ ކަމަށެވެ.

ހުޅުމާލެ ހޮސްޕިޓަލުގައި ކެންސަރު ސެންޓަރެއް އެޅުމުގެ ގޮތުން އިންޑިއާގެ މަނިޕާލު ހޮސްޕިޓަލާއި އާސަންދަ ކުންފުންޏާއި އެންސްޕާއާ އެކު ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: ސަން ފޮޓޯ

"މަނިޕާލް ހޮސްޕިޓަލަކީ އިންޑިއާގެ އެންމެ ބޮޑެތި ހޮސްޕިޓަލުތަކުގެ ތެރެއިން ހޮސްޕިޓަލެއް. އަހަރެން ފާހަގަކޮށްލަން ބޭނުން އަހަރެމެންގެ ހޮސްޕިޓަލު، މަނިޕާލު ހޮސްޕިޓަލަށް ގިނަ އަދަދެއްގެ ދިވެހި ކެންސަރު ބައްޔަން ފަރުވާ ހޯދުމަށް އާދޭ. އެކަމަކު އެކަމަށް ނިމުން އަންނާނެ މިތަނުގައި {ހުޅުމާލެގައި} ގާއިމުކުރެވޭ ކެންސަރު ސެންޓަރުގެ ސަބަބުން،" ޑރ. އަޖޭގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވީ މިއަދު ރާއްޖޭގެ ސިއްހީ ދާއިރާއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ، ގައިން ގަޔަށް ނާރާ ބަލިތައް އާއްމުވެ ފެތުރެމުން ދިއުން ކަމަށެވެ. އޭނާ ވިދާޅުވީ އެކަމަށް ސިއްހީ ދާއިރާއާ ގުޅުން ހުރި ހުރިހާ ދާއިރާތަކަކުން ވަރަށް ބުރަ މަސައްކަތެއް ކުރަން ޖެހޭ ކަމަށް ދެކިލައްވާ ކަމަށެވެ.

"އެގޮތުން އަޅުގަނޑު ހާއްސަ ކޮށްލަން ބޭނުމީ ކެންސަރުގެ ވާހަކަ. ކެންސަރަކީ އަޅުގަނޑުމެންގެ ދިވެހިންގެ ތެރޭގައި ވެސް އަދި ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް ވަރަށް އާއްމު ބައްޔެއް. އަދި ވަރަށް ބޮޑަށް އިތުރުވަމުން އަންނަ ބައްޔެއް، މި ބައްޔަކީ ގައިން ގަޔަށް ނާރާ ބަލިތަކުގެ ތެރެއިން ވަރަށް ބޮޑު ސަމާލު ކަމެއް ދޭންޖެހޭ ބައްޔެއް،" ނާޒިމް ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވީ މިދިޔަ އަހަރުގެ ތެރޭގައި ރާއްޖެއިން އެކަނިވެސް ކެންސަރުގެ ބައްޔަށް 60 މިލިއަން ރުފިޔާ ހަރަދު ކުރެވިފައިވާ ކަމަށެވެ. އަދި ކެންސަރު ބައްޔަށް ފަރުވާ ހޯދުމަށް ރާއްޖެއިން ބޭރަށްދާ ބަލި މީހުންގެ އެހީތެރިންނަށް އެކަނިވެސް 11 މިލިއަނަށް ވުރެ ގިނަ ރުފިޔާ ސަރުކާރުން ހަރަދުކޮށްފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ހުސްނުވާ އާސަންދައިގެ ދަށުން ކެންސަރު ބައްޔަށް ފަރުވާ ހޯދާ ކޮންމެ ބަލި މީހަކަށް ކީމޯތެރެޕީ ހެދުމަށް 60،000 އާއި 70،000އާ ދެމެދުގެ އަދަދެއް ހަރަދު ކުރަމުންދާ ކަމަށެވެ.