23 Jul 2016, 08:44
ދުނިޔޭގައި މިހާރު ހުރި ވީޑިއޯކެސެޓް ރިކޯޑަރު (ވީސީއާރު) އުފައްދާ ހަމައެކަނި ޖަޕާނުގެ ކުންފުނިން އެ މެޝިން އުފެއްދުން ހުއްޓާލަން ނިންމާފައިވާކަން ހާމަކޮށްފި އެވެ.
ޖަޕާނުގެ ފުނާއީ އިލެކްޓްރިކުން ބުނީ، މެޝިން އުފައްދަން ބޭނުންވާ ވަސީލަތްތައް ނުލިބުމުގެ ސަބަބުން އެ ކުންފުނިން ވީސީއާރު އުފެއްދުން މިމަހުގެ ފަހުކޮޅު ހުއްޓާލަން ނިންމާފައިވާ ކަމަށެވެ.
ވީސީއާރަށް ލައްވާ ވީޑިއޯ ހޯމް ސިސްޓަމް ނުވަތަ ވީއެޗްއެސް ޓޭޕް ތަކަށް ޕްރޮގްރާމް ރިކޯޑްކޮށް ބައެއް ފަހަރު ކުއްޔަށް ނަގައިގެން ފިލްމު ބަލާ އެ މެޝިން މަޝްހޫރުވެގެން އައީ 1980ގެ އަހަރުތަކުގަ އެވެ.
ވީސީއާރަށް ލައްވާ ވީއެޗްއެސް ޓޭޕު އުފައްދެމުގައި ފުނާއީ ކުންފުނިން 33 އަހަރު ހޭދަކޮށްފައިވާއިރު، ޗައިނާގެ ސަންޔޭ ބުރޭންޑުގެ ނަމުގައި އެ މެޝިންތައް ގިނައިން ވިއްކާފައި ވަނީ އުތުރު އެމެރިކާ އަށެވެ.
ނަމަވެސް ޑީވީޑީ އަދި ބުލޫ ރޭ ފަދަ ވަސީލަތްތަކުގެ އިތުރުން މިހާރު ނެޓްފުލިކްސް ފަދަ ސްޓްރީމް ކޮށްގެން ފިލްމު ބަލާ ހިދުމަތްތައް ތައާރަފް ވުމާ ގުޅިގެން ވޭތުވެދިޔަ އަހަރު ތަކުގައި ވީސީއާރުގެ ވިޔަފާރި ވަނީ ވަރަށް ބޮޑުތަން ދަށަށް ގޮސްފަ އެވެ.
އެގޮތުން ކުރިން އަހަރަކު 15 މިލިއަން ޔުނިޓް އުފެއްދި ނަމަވެސް އެ އަދަދު މިދިޔަ އަހަރު ވަނީ 750،000 އަށް ވެއްޓިފަ އެވެ.
ގިނަ ބަޔަކު އެ މެޝިން އަދިވެސް އުފައްދާތީ ހައިރާންވި ނަމަވެސް، އަހަރުތަކެއް ކުރިން އެމެރިކާގައި ހެދި ދިރާސާއަކުން ދައްކާގޮތުން އެގައުމުގެ 58 ޕަސެންޓް މީހުންގެ ގޭގައި ވީސީއާރު ބޭނުންކުރެ އެވެ.
މިދިޔަ އަހަރު އިލެކްޓުރޯނިކް ސާމާނު އުފައްދާ މަޝްހޫރު ކުންފުނި ސޮނީ އިން ވަނީ ވީއެޗްއެސް އާ ވާދަވެރި ބެޓަމެކްސް ވީޑިއޯ ކެސެޓް އުފެއްދުން ހުއްޓާލާނެ ކަން އިއުލާން ކޮށްފަ އެވެ.