23 Jul 2016, 10:49
ޕޯޗުގަލް އިން ޔޫރޯ ފުޓްބޯޅަ މުބާރާތް ކާމިޔާބުކުރުމާ ގުޅިގެން އެ ޓީމްގެ ކެޕްޓަން ކުރިސްޓިއާނޯ ރޮނާލްޑޯގެ ޝަރަފުގައި އޭނާގެ އަވަށުގެ އެއާޕޯޓްގެ ނަން ވެސް ރޮނާލްޑޯ އަށް ބަދަލުކުރަން ނިންމައިފި އެވެ.
'ކުރިސްޓިއާނޯ ރޮނާލްޑޯ'ގެ ނަމަށް މަޑެއިރާ އެއާޕޯޓްގެ ނަން ބަދަލުކުރަން ނިންމާފައިވާ ކަން އިއުލާން ކުރަމުން އެ އަވަށުގެ ރައީސް މިގުއެލް އަލްބަކާކޭ ވިދާޅުވީ ޕޯޗްގަލް އަށް ބޮޑު މުބާރާތެއްގެ ތަށި ފުރަތަމަ ފަހަރަށް ހޯދައިދިން ޓީމްގެ އެންމެ މުހިންމު ކުޅުންތެރިއާގެ ނަމުން ނަން ދިނީ އޭނާގެ ބުރަ މަސަތްކަތުގެ އަގު ވަޒަން ކުރުމަށް ކަމަށެވެ.
ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް ޕޯޗުގަލް ގެންގޮސް ދިނުމުގައި ވެސް މުހިންމު ދައުރެއް ރޮނާލްޑޯ ވަނީ އަދާކޮށްފަ އެވެ. ނަމަވެސް އެ ޓީމުން ފައިނަލްގައި 1-0ގެ ނަތީޖާ އަކުން ފްރާންސް ބަލިކުރި އިރު ރޮނާލްޑޯ އިންނަން ޖެހުނީ ދަނޑު ބޭރުގަ އެވެ. އެމެޗުގެ ކުރީ ކޮޅުގައި ލިބުނު އަނިޔާއެއްގެ ސަބަބުން ދަނޑުން ފައިބާން ޖެހުނަސް ރޮނާލްޑޯ ވަނީ ދަނޑު ބޭރުން ޓީމަށް ވަރަށް ބޮޑަށް ހިތްވަރުދީފަ އެވެ.
ޕޯޗުގަލްގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ކުޅުންތެރިއާގެ ގޮތުގައި އެގައުމުގެ މީހުން ގަބޫލް ކުރާ ރޮނާލްޑޯ އަކީ އެ ގައުމުގެ ފުޓްބޯޅަ ޓީމަށް އެންމެ ގިނަ މެޗު ކުޅެދީ އެންމެ ގިނަ ގޯލު ވެސް ކާމިޔާބުކޮށްދީފައިވާ ކުޅުންތެރިއާ އެވެ.
ދުނިޔޭގެ މޮޅު ކުޅުންތެރިއާގެ މަގާމް ތިން ފަހަރު ހޯދާފައިވާ ރޮނާލްޑޯ މިވަގުތު ސްޕެއިންގެ އިބިޒާގައި ޗުއްޓީ ހޭދަކުރަމުން އަންނަ އިރު އޭނާ އަށް ލިބިފައިވާ އަނިޔާގެ ސަބަބުން ޕްރީ ސީޒަން އެއްކޮށް ގެއްލި ކުރިއަށް އޮތް ސީޒަނުގައި ރެއާލް މެޑްރިޑް ކުޅޭ ފުރަތަމަ ދެ މެޗު ވެސް ގެއްލޭނެ ކަމަށް ވަނީ ބެލެވިފަ އެވެ.