23 Jul 2016, 16:29
ރިޔާޒް(ޖުލައި 23): ސައޫދީ އަރަބިޔާއިން އެގައުމުގެ ދެމީހަކަށް މަރުގެ އަދަބު ދީފިއެވެ. ސައޫދީ ދާޚިލީ ވުޒާރާއިން ނެރުނު ބަޔާނެއް ބުނާގޮތުން މަރުގެ އަދަބު ދިން އެކަކީ އެގައުމުގެ ރައްޔިތެއްކަމަށްވާ ފަހްދު އަބްދުﷲ އައްދޫސްރީ އަށެވެ. އޭނާގެ ކުށަކީ އޭނާއާ އާއިލީގޮތުން ގުޅުންހުރި އެހެންމީހެއްކަމަށްވާ މުބާރަކް ބިން މުހައްމަދު އައްދޫސްރީ ގެ ގަޔަށް ބަޑިޖަހައި މަރާލުމެވެ.
މި ޖަރީމާ ހިންގިކަން ފަހްދުގެ މައްޗަށް ސާބިތުވެގެން އޭނާ މެރުމަށް ކުރި ހުކުމް އިސްތިއުނާފު ކުރުމުންވެސް އަލުން ހުކުމްކޮށްފައިވަނީ ފަހުދަށް މަރުގެ އަދަބު ދިނުމަށެވެ. ފަހްދުގެ މައްޗަށް ސާބިތުވެފައިވަނީ އޭނާއާއި މުބާރަކް ބިން މުހައްމަދު އާ ދެމެދު ހިނގި ދެބަސްވުމެއްގައި ރުޅި އިސްކޮށް މުބާރަކަށް ބަޑިން ހަމަލާދީ މަރާލުމުގެ ކުށެވެ.
ފަހްދުގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކުރީ އިއްޔެ މެންދުރުފަހުގެ ވަގުތެއްގައި ވެރިރަށް ރިޔާޒްގައެވެ. އޭނާއަށް މަރުގެ އަދަބު ދިނީ ކަނޑިއަކުން ޖަހައި އޭނާގެ ބޮލާއި ހަށިގަނޑު ވަކިކޮށްލައިގެންނެވެ.
މިއީ ސައޫދީ އަރަބިޔާގައި މަރުގެ އަދަބު ދޭގޮތެވެ. ނަމަވެސް މަރުގެ އަދަބު ދޭ އީރާނާއި ޕާކިސްތާން ފަދަ އިސްލާމީ ގައުމުތަކުގައި މިއަދަބު ދެނީ ދަންޖައްސައިގެންނެވެ. މިދިޔަ ބުރާސްފަތި ދުވަހުވެސް ސައޫދީ އަރަބިޔާގެ ދާޚިލީ ވުޒާރާއިންވަނީ އެގައުމުގެ ރައްޔިތެއްގެ ކަރުބުރިކޮށްލައިގެން މަރުގެ އަދަބު ދީފައެވެ.
މިއީ މިއަހަރު ތެރޭގައި ސައޫދީ އަރަބިޔާއިން މަރުގެ އަދަބު ދިން ސަތޭކަ އެއްވަނަ މީހާއެވެ. ބުރާސްފަތި ދުވަހު މަރުގެ އަދަބު ދިންމީހާގެ މައްޗަށްވެސް ސާބިތުވެފައިވަނީ އެހެން މީހަކު ގަސްދުގައި މެރުމުގެ ކުށެވެ.
އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ބައިނަލްއަގްވާމީ ޖަމްއިއްޔާ އެމްނެސްޓީން ވަނީ މިދެމީހުންގެ މައްޗަށް މަރުގެ އަދަބު ތަންފީޒުކުރުމުން އެކަން ވަރަށް ބޮޑަށް ކުށްވެރިކޮށް ބަޔާނެއް ނެރެފައެވެ. އެބަޔާނުގައި ސައޫދީ ޝަރުއީ ނިޒާމަކީ މުސްތަގިއްލު ނިޒާމެއްނޫންކަމަށް ބުނެފައިވެއެވެ. އަދި މަރުގެ އަދަބު ދިނުމަކީ މީހުން މެރުން ހުއްޓުވޭކަމެއްނޫންކަމަށްވެސް އެމްނެސްޓީން ބުނެފައިވެއެވެ. އެމްނެސްޓީގެ ތަފާސް ހިސާބުތައް ދައްކާގޮތުން ސައޫދީ އަކީ ދުނިޔޭގައި ތިންވަނައަށް އެންމެ ގިނައިން މަރުގެ އަދަބު ދޭ ގައުމެވެ.
އެމްނެސްޓީން ގެންގުޅޭ މަރުގެ އަދަބު ދޭ ގައުމުތަކުގެ ލިސްޓުގެ އެންމެ ކުރީގައި އުޅެނީ އީރާނެވެ. ދެން ޕާކިސްތާނެވެ. ތިންވަނައަށް ސައޫދީ އެވެ. ހަތަރުވަނައަށް ޗައިނާއެވެ. ފަސްވަނައަށް އެމެރިކާއެވެ. އީރާނާއި ސައޫދީ އަރަބިޔާއާއި ޕާކިސްތާނަކީ މީހުން މެރުމުގެ ކުށުގެ އިތުރުން މަގުފޭރުމާއި މަސްތުވާތަކެތީގެ ވިޔަފާރިއާއި ރޭޕްކުރުމާއި ޓެރަރިޒަމްގެ އަމަލުތައް ހިންގުންފަދަ ބޮޑެތި ކުށްތައް ކުރާމީހުންނަށް މަރުގެ އަދަބު ތަންފީޒުކުރާ ގައުމު ތަކެކެވެ.
އީރާނާއި ޕާކިސްތާނުގެ އިތުރުން ސައޫދީގައިވެސް މަރުގެ އަދަބުދޭ މީހުންގެ ތެރޭގައި ގިނައީ މަސްތުވާތަކެތީގެ ވިޔަފާރީ ކުރާމީހުންނެވެ. އެމެރިކާގައި ރޭޕްކުރާމީހުންނަށާއި މަސްތުވާތަކެތީގެ ވިޔަފާރި ކުރާމީހުންނަށާ އަދި މަގުފޭރޭމީހުންނަށް މަރުގެ އަދަބެއް ނުދެއެވެ.
ސައޫދީ އަރަބިޔާއިން 2015 ވަނަ އަހަރުވެސް 153 މީހުންނަށް މަރުގެ އަދަބު ދީފައިވެއެވެ.
(އެޖެންސީ ފްރާންސް ޕްރެސް)