26 Jul 2016, 14:45
ކޮންމެ އިންސާނަކު ވެސް އަޅުވެތިކަމަށް ނަފްރަތު ކުރާނެ އެވެ. ކަސްތޮޅަށް ދެކޮޅު ހެދުމަކީ އިންސާނީ ސިފައެކެވެ. އަޅުވެތިކަމަށް ނޭދޭ އިރު މިނިވަންކަމަށް ކޮންމެ މީހަކު ވެސް އެދޭނެ އެވެ. މިއީ ދިވެހިންނަށް ވެސް ލިބިފައިވާ އެންމެ ބޮޑު ނަސީބެވެ. ނަމަވެސް މި މިނިވަންކަމަށް ހުރަސް އެޅޭ ފަދަ ކަންތައްތަކެއް އެބަ ފެންމަތިވެ އެވެ. އެތެރެއިންނާއި ބޭރުންނެވެ.
ހިޔާލު ފާޅު ކުރުމަށް ގޮންޖެހުންތަކެއް!
ފާޑު ކިޔުން ކުށަކަށްވެފައިވާ ރާއްޖެއަށް މިނިވަންކަމާ އެކު ހިޔާލު ފާޅުކޮށް އެމީހެއްގެ ހައްގުގައި އެމީހަކަށް ވާހަކަ ދެއްކުމުގެ ފުރުސަތު ލިބި ހިތްހަމަ ނުޖެހޭ ކަންކަމާ ދެކޮޅަށް ބަސް ބުނުމުގެ ފުރުސަތު ލިބުނުތާ އަދި މާކަ ގިނަދުވަހެއްނުވެ އެވެ. އެމިނިވަންކަން ހައްދެއްނެތް މިންވަރަށް ލިބިގެންދިއުމާ އެކު އިޖްތިމާއީ ފޭރާމަށް އަސަރުކުރި އިރު މުޖުތަމައުގެ ތެރެއިން ރަނގަޅުވި އެތައް ކަމެއް ވެސް ހިމެނެ އެވެ. ރައްޔިތުންގެ ފައިސާ އިން އިހާނާތްވާ ނަމަ ނުވަތަ ރައްޔިތުންނަށް އަނިޔާވެރިވާ ނަމަ އެ ވާހަކަ ދެއްކުމާއި އެކަމަށް ދެކޮޅު ހެދުމުގެ ފުރުސަތު މިއަދު ގާނޫނު އަސާސީން ލިބިދެ އެވެ.
އަބުރު ރައްކާތެރިކޮށްދިނުމަށް ކަމަށް ބުނެ އުނގޫފާރު ދާއިރާގެ މެމްބަރު ޖައުފަރު ދާއޫދު މަޖިލީހަށް ހުށައަޅައި ފާސްކުރަން އުޅޭ ބިލަކީ ގާނޫނު އަސާސީގެ 27 އަދި 28 ވަނަ މާއްދާ އިން ލިބިދީފައިވާ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަން ކުރުމުގެ މިނިވަންކަމަށް ގެއްލުވާލާނެ ބިލެކެވެ. ބިލާ އެކު މުޅިންހެން ވާހަކަ ދެކެވެނީ ނޫސްވެރިކަމުގެ މިނިވަކަން ހަނިވާ ވާހަކަ އެވެ. އެބިލު މައިގަނޑު އަމާޒަކީއެއީ އެވެ. ނަމަވެސް އެބިލުގެ ނުރައްކާ އޮތީ ހަމައެކަނި ނޫސްވެރިންނަކަށްނޫނެވެ. ސޯޝަލް މީޑިއާގައި ހިޔާލު ފާޅުކުރުމުން ފެށިގެންގޮސް ކުރަހާ ކުރެހުމަށާއި ކިޔާލާ ލަވަޔާއި ކުޅެލާ ފިލްމާ ހިސާބަށް ލިބިފައިވާ މިނިވަންކަން ވެސް އެވަނީ ހަނިކޮށްފަ އެވެ.
އެހެންކަމަށްވާ ނަމަ ކޮރަޕްޝަނާއި ފަސާދައަށް އިންތިހާއަށް އިތުރުވެފައިވާ މިރާއްޖޭގެ ހާލަތު ބަޔާންކޮށްދޭން ކުރަހާލާ ކުރެހުމަކުން ވެސް ނުވަތަ ކިޔާލާ ލަވަޔަކުން ވެސް ނުވަތަ ކޮށްލާ ޓުވީޓަކުން ނޫނީ ލިޔެލާ ސުޓޭޓަސް އަކުން ޖަލު ހުކުމެއް އައުމުގެ ފުރުސަތު އެބައޮތެވެ. ކޮރަޕްޝަންގެ ވާހަކައެއް ނުވަތަ ފަސާދާގެ ވާހަކައެއް ދެއްކޭނެ ހަމައެކަނި ގޮތަކީ ކޯޓުތަކަށް ސާބިތުކުރެވޭ ވަރަށް ހެކިހުރުމެވެ. މިއީ ސިއްރުން ފަސާދައިގެ އަމަލުތައް ހިންގާ ފަރާތްތަކަށް އެކަން ކުރުމަށް ހިތްވަރު ލިބޭ ދޮރަކަށް ނޫނީ ނުވާނެ އެވެ.
ހަގީގީ ނޫސްވެރިކަމަކީ ދެ ފަރާތުގެ ބަސްވެސް ގެނެސްދީގެން ހަގީގަތް ހާމަކުރުމެވެ. ނަމަވެސް މަސައްކަތްކުރުމުން ވެސް އެއްފަރާތުން ޖަވާބު ދޭން ބޭނުންނުވާ ނަމަ އެވާހަކައެއް ރިޕޯޓް ކުރުމުގެ ބާރު ނޫސްވެރިންނަށް ލިބިގެންވެ އެވެ. އެއީ ދުނިޔޭގެ މިނިވަން ހުރިހާތަނެއްގައި ނޫސްވެރިކަން ކުރާގޮތެވެ. ނަމަވެސް އެބިލުން އެކަމަށް ވެސް ހުރަސްއަޅަ އެވެ.
މިހާރު ފާސްކުރަން އުޅޭ ބިލުގައި ބުނަނީ ޖަލްސާތަކާއި ފޯޑިއަމްތަކުގައި ދައްކާ ވާހަކަތައް ރިޕޯޓްކުރާ އިރު މާނަ ނުގެއްލޭގޮތަށް ހަބަރު ރައްދުވާ ފަރާތްތަކުގެ ބަހެއް ހޯދަން ޖެހޭނެ ކަމަށެވެ. ރައްދުވާ ފަރާތާއި ނުގުޅިގެން އެފަރާތުގެ ބަހެއް ނުލިބުން އެއީ ދިފާއުވެވޭނެ ކަމެއް ނޫން ކަމަށް ބުނެ އެވެ.
އެހެން ކަމަށްވާ ނަމަ ޖަރީމާތައް ހިންގާ ފަރާތްތަކުން މީޑިއާއަށް އޭނާ އެކުށްކުރިކަމާ ބެހޭ ގޮތުން ވާހަކަ ނުދައްކާ ހާލަތްތަކުގައި އެހަބަރު ރިޕޯޓް ނުކުރެވޭނެ ހާލަތައް ކަންކަން ދިއުމަކީ ކައިރިގައި އޮތް ކަމެކެވެ.
"ބިލް ފަރުމާކޮށްފައި މި ވަނީ ހިޔާލުފާޅުކުރުމަށް އެންމެ ފުޅާ ދާއިރާއެއްގައި ހުރަސް އެޅުމަށް، ނޫސްވެރިކަމަށް ބަލާ އިރު ރައްދުވާ ފަރާތެއްގެ ބަހެއް ހޯދުމަށް އެމީހަކަށް ގުޅުމަށް ފަހު އެމީހަކު ޖަވާބެއް ނުދެނީސް ހަބަރު ނުލިޔެވޭ ގޮތަށް މި އޮންނަނީ، އެއީ އެއްވެސްތަނެއްގައި ނޫސްވެރިކަންކޮށް އުޅޭ ގޮތެއް ނޫން، ފުރުސަތު ދޭން ވާނެ، އެކަމަކު އެމީހަކު ފުރުސަތު ބޭނުން ނުކުރުމަކީ ނޫސްވެރިޔާ ހަބަރު ހިފަހައްޓައިގެން ހުންނަން ޖެހޭނެ ކަމެއް ނޫން،" "މިހާރު" ނޫހުގެ އެސިސްޓެންޓް އެޑިޓަރު އަލީ ނާފިޒު ވިދާޅުވި އެވެ.
އެެއްވެ އުޅުންވެސް ކުށަކަށް؟
އެއްވެ އުޅުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ބޭނުން އެންމެ ބޮޑަށް ހިފާނެ އެއްބަޔަކީ އޭރުގެ ސަރުކާރާ ދެކޮޅަށް މަސައްކަތްކުރާ ފަރާތްތަކެވެ. ފަހަކަށް އައިސް މާލޭގައި އެއްވުމެއް ނުވަތަ މުޒާހަރާއެއް ނުވަތަ ހިނގާލުމެއް ބާއްވަން މަސައްކަތް ކުރާ، ގާތްގަނޑަކަށް ކޮންމެ ފަހަރަކު ހެން، އެ އެއްވުމެއް ނުބޭއްވޭނެ ކަމަށް ފުލުހުން ދަނީ އެއްވުން އިންތިޒާމު ކުރާ ފަރާތްތަކަށް އަންގަމުންނެވެ. ސުލްހަވެރިކަމާ އެކު އާންމު ތަންތަނަށް އެއްވެ އުޅުމުގެ މިނިވަންކަމަކީ ގާނޫނު އަސާސީގެ ދަށުން ކަށަވަރު ކުރެވިފައިވާ ހައްގެކެވެ.
ގްރީން ޒޯނެއް ނޫން ކޮންމެ ސަރަހައްދަކަށް، ކުރިން ހުއްދައެއް ހޯދުމަކާ ނުލައި އެއްވެ އުޅުމުގެ މިނިވަންކަން ދިވެހި ކޮންމެ ރައްޔިތަކަށް ވެސް ގާނޫނު އަސާސީގައި ބަޔާން ކޮށްފައިވެ އެވެ. އެހެންކަމަށްވާއިރު ގާނޫނު އަސާސީން އެލިބިދޭ އެއްވެ އުޅުމުގެ މިނިވަންކަން ލިބިދޭތޯ މިވަނީ ސުވާލު އުފެދޭ ހިސާބެއްގަ އެވެ.
އެމްޑީޕީގެ ބައިނަލްއަގުވާމީ ތަރުޖަމާނު ހާމިދު އަބްދުލްގަފޫރު ވިދާޅުވީ އެއްވެ އުޅުމާއި ޚިޔާލު ފާޅުކުރުން ފަދަ އެންމެ އަސާސީ ހައްގުތައް ރާއްޖޭގައި މިހާރު ދަނީ ނިގުޅައިގަންނަމުން ކަމަށާއި އެ ހައްގުތައް ހުރީ ވަރަށް ނާޒުކު ފައްތަރެއްގައި ކަމަށެވެ. ބައިނަލްއަގުވާމީ ގާނޫނުތަކާއި ރާއްޖޭގެ ގާނޫނުތަކާއި ޑިމޮކްރެޓިކް ބެސްޓް ޕްރެކްޓިސްގެ ދަށުން އެއްވެ އުޅުމުގެ މިނިވަންކަން ދިނުމަކީ ދައުލަތުން ކުރަން ޖެހޭ ކަމެއް ކަމަށް ހާމިދު ވިދާޅުވި އެވެ.
އިދިކޮޅު ފަރާތްތަކުން ސިފަކުރައްވާ ގޮތުގައި އެއްވެ އުޅުމަކީ ގާނޫނު އަސާސީ އިން ކޮންމެ ރައްޔިތަކަށް ވެސް ލިބިދޭ ބާރަކަށްވާ އިރު އެކަން ވަނީ މިއަދު ކުށެއްގެ ގޮތުގައި ހަދައިފަ އެވެ.
އެކަމާ ގުޅޭ ގޮތުން ހޯމް މިނިސްޓުރީން ކުރިން ބުނެފައި ވަނީ އެއްވެ އުޅުމުގެ މިނިވަން ކަމަށް ހުރަހެއް އޮންނަނީ މާލޭގައި ކަމަށެވެ. މާލޭގައި ވެސް މަގުތައް ފިޔަވައި އެހެން ސަރަހައްދުތަކުގައި އެއްވުން ބޭއްވޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ. ނަމަވެސް، މާލޭގެ މަގުތަކުގައި މުޒާހަރާތަކާއި އެއްވުން ބޭއްވުން މަނާކުރީ މަގުތައް ތޮއްޖެހި، ދުއްވާ އެއްޗެއްސަށާއި ހިނގާ މީހުންނަށް ދަތިވާނެތީ ކަމަށް އުމަރު ވިދާޅުވި އެވެ.
މިނިވަން ދުވަސް މިއަދު މިގައުމުގައި ފާހަގަކުރަމުންދާއިރު މިނިވަން ގެއްލިދާނެކަމުގެ ހެކިތައް މިވަނީ ފެންނަން ފަށައިފަ އެވެ. ހާއްސަކޮށް ގާނޫނު އަސާސީ އިން ލިބިދީފައިވާ ބައެއް ހައްގުތައް ހަނިކުރެވޭ މަންޒަރު މިވަނީ ފެންނަން ފަށައިފަ އެވެ. ޑިމޮކުރަޓިކް އަދި ރައްޔިތުން ބާރުވެރި މުޖުތަމައުއެއް ގާއިމް ކުރަން ބޭނުންވާ ނަމަ ހިޔާލު ފާޅުކުރުމަށާއި އެއްވެ އުޅުމަށް ފުރުސަތު ދޭންޖެހެ އެވެ.