26 Jul 2016, 00:23
ދިވެހިރާއްޖެއަށް ޑިމޮކްރަސީ ގެނައުމުގެ މަސައްކަތް ފަށާފައިވަނީ ރާއްޖޭގެ ދައުލަތް ރަނގަޅަށް ބިނާ ނުކޮށް ކަމަށާއި، ސަރުކާރުން ކުރަމުންދާ މަސައްކަތަކީ ދިވެހި ދައުލަތް ހިނގާނެ ގޮތެއް ރާވައި އެކުލަވާލުމުގެ މަސައްކަތް ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ މިނިވަން ދުވަހަށް 51 އަހަރު ފުރުމުގެ މުނާސަބަތުގައި މިރޭ 12:00 ގައި ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ގައުމާ މުޚާތަބު ކުރައްވައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ދިވެހި ދައުލަތަކީ ގިނަ ދުވަސްތަކެއް ވި ދައުލަތެއް ނަމަވެސް މިއީ އެންމެ ފުރިހަމައަށް ބިނާކުރެވިފައިވާ ދައުލަތެއް ކަމުގައި ބުނުމަކީ ދަތި ކަމެއް ކަމަށެވެ.
ރައީސް ވިދާޅުވީ، އިލްމީ ދިރާސާ ކުރާ ފަރާތްތަކުން ބުނާ ގޮތުގައި ދުނިޔޭގެ ތަރައްގީވެފައިވާ ގައުމުތަކުން ޑިމޮކްރަސީއާ ކުރިމަތިލީ އެ ގައުމުތަކުގެ ދައުލަތް ބިނާކުރުމަށްފަހު ކަމަށެވެ.
"ދުނިޔޭގައި ތަރައްޤީވެފައިވާ ޤައުމުތަކުން ޑިމޮކްރަސީއާ ކުރިމަތިލާފައިވަނީ، އެ ޤައުމުތަކުގެ ދައުލަތް ބިނާކުރުމަށްފަހު. އެހެނަސް ދިވެހިރާއްޖެއިން، ޑިމޮކްރަސީ ގެނައުމުގެ މަސައްކަތް ފަށާފައިވަނީ، ދިވެހި ދައުލަތް ދައުލަތެއްގެ ގޮތުގައި މަސައްކަތްކުރަންޖެހޭ މިންވަރަށް ބިނާކުރުމުގެ ކުރިން،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ދިވެހި ދައުލަތް ބިނާކުރުމަށް ކުރަމުންދާ މަސައްކަތުގައި، މުޅި ދިވެހި ދައުލަތް ހިނގާނެ ގޮތްތައް ރާވައި އެކުލަވާލުމޔގެ މަސައްކަތް ކުރަމުން ގެންދާ ކަމަށާއި، އެކަންކަން ކުރަނީ ދައުމާއި ދައުލަތް ބިނާކުރުމުގައި ދުނިޔޭގައި އިލްމީ ދިރާސާ ކުރާ ފަރާތްތަކާ އެކުގައި ކަމަށެވެ.
ރާއްޖެއާށް ޑިމޮކްރަސީ ގެނައުމުގެ މަސައްކަތް 2004 ވަނަ އަހަރު ފާޅުގައި ފެށިގެން ދިޔަ ނަމަވެސް، ރައީސް ޔާމީން މިރޭ ވިދާޅުވީ 2004 އާ ހަމައަށް ވޭތުވެ ދިޔަ 12 ވަރަކަށް އަހަރު ތެރޭގައި ގައުމުގެ ތަރައްގީއަށް ގިނަ ވަގުތުތަކެއް ގެއްލިގެން ގޮސްފައިވާ ކަމަށެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރު ވެރިކަމާ ހަވާލުވުމުގެ ކުރިން ވޭތުވެ ދިޔަ 10 ވަރަކަށް އަހަރު ގައުމުގެ ތަރައްގީ ހުއްޓި، އިގްތިސާދީ އާ މަސައްކަތެއް ކުރެވިފައި ނުވާ ކަމަށެވެ.
"ޤައުމީ ރިޒަރވް އިތުރެއްނުވޭ. މަގުތަކުގައި އޮތީ މުޒާހަރާ. ދިވެހި ރައްޔިތުންގެ ހިތަށް ތަސައްލީއެއް ލިބޭނެ ހަމަ އެއްވެސް ކަމެއް ނުހިނގި. މި ޤައުމުގެ ތަރައްޤީ ދިޔައީ އަހަރުތަކެއް ފަހަތަށް. ކުރީން ކުރި ބިނާތައްވެސް ފެނުނީ އާބާތުރަ ފިލުވާލާނެފަދަވެސް ނެތި ވީރާނާވަމުން ދިޔަތަން،"
އެހެންކަމުން އެމަނިކުފާނުގެ ރިޔާސީ އެޖެންޑާއަކަށް ވީ ގައުމު އާރާސްތު ކުރުން ކަމަށް ރައީސް ވިދާޅުވި އެވެ.