ރާއްޖޭގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސްގެ ދެކަނބަލުން މިރޭ ބާއްވާ ރަސްމީ ބައްދަލު ކުރެއްވުމަށް ހުރަސްއަޅަން އުޅޭނަމަ އަޅަންޖެހުނު ކޮންމެ ފިޔަވަޅެއް އަޅާނެ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިހެން ބުނެ މިއަދު ބަޔާނެއް ނެރެފައިވާއިރު، އިދިކޮޅު އިއްތިހާދުގެ ފަރާތުން މިރޭގެ އިޝާ ނަމާދަށްފަހު އިސްލާމީ މަރުކަޒުގައި ހާއްސަ ދުއާއެއް ކުރުން އޮންނާނެ ކަމަށް ބުނެފައިވެ އެވެ.

ފުލުހުން ނެރުނު ބަޔާނުގައި ބުނީ، މިއަހަރު ފާހަގަކުރާ މިނިވަންކަމަށް 51 އަހަރު ފުރުމުގެ މުނާސަބަތުގައި އިސްލާމީ މަރުކަޒު ހިމެނޭ ސަރަހައްދުގައި މިރޭ ބާއްވާ ރަސްމީ ބައްދަލުކުރުމަށް ހުރަސް އެޅޭގޮތަށް ހަރަކާތްތަކެއް ހިންގުމަށް ބައެއް ފަރާތްތަކުން މަސައްކަތް ކުރަމުންދާތީ ކަމީ އެކަމާ ފުލުހުން ނުހަނު ކަންބޮޑު ހިތާމަކުރާ ކަމެއް ކަމަށެވެ.

މިރޭގެ ހަފްލާއަކީ ރާއްޖެއާ ރާއްޖެއިން ބޭރުގެ އިއްޒަތްތެރިން ހިމެނޭ ގޮތުން ގިނަ އަދަދެއްގެ ބަޔަކަށް ދައުވަތު ދީގެން ބާއްވާ ބައްދަލުކުރެއްވުމަކަށްވުމާއެކު އެ ބައްދަލުވުމަށް ހުރަސްއެޅިދާނެ އެއްވެސް ކަމެއް ނުކުރުމަށް ވެސް ފުލުހުން އިލްތިމާސްކޮށްފައިވެ އެވެ.

ރަސްމިއްޔާތަށް ހުރަސްއަޅަން އެއްވެސް ފަރާތަކުން މަސައްކަތްކުރާނަމަ އެކަމެއް ހުއްޓުވުމަށްޓަކައި އަޅަން ޖެހުނު ކޮންމެ ފިޔަވަޅެއް ފުލުހުން އަޅާނެ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ.