އައިލެންޑް ބެވެރޭޖަސް މޯލްޑިވްސް އިން އުފައްދާ "ތާޒާ" ބްރޭންޑްގެ މިނަރަލް ވޯޓާގެ ބައެއް ފުޅިތަކުގައި ބެޗް ކޯޑު ނުޖެހިވަނީ ޓެކްނިކަލް މައްސަލައަކުން ކަމަށާއި އޭގެ ސަބަބުން ފެނުގެ ކޮލެޓީއަށް އެއްވެސް ބަދަލެއް އައިސްފައިނުވާކަމަށް އެކުންފުނިން ބުނެފިއެވެ.

މޯލްޑިވްސް ފޫޑް އެންޑް ޑްރަގް އޮތޯރިޓީ އިން މިއަދު ވަނީ "ތާޒާ" ބްރޭންޑްގެ މިނަރަލް ވޯޓާގެ ބައެއް ފުޅިތަކުގައި ބެޗް ކޯޑާއި އުފެއްދި ތާރީހް އެނގެން ނުހުންނަ ކަމަށް ބުނެ އެފަދަ ފުޅިތައް ވިއްކުން މަނާކޮށްފައެވެ.

އައިލެންޑް ބެވެރޭޖާސް އިން ބުނީ ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ބެޖް ނަމްބަރު ނުޖެހިފައިވަނީ 330 މިލިލީޓަރާއި 500 މިލިލީޓަރުގެ އިތުރުން 1.5 ލީޓަރުގެ ފެންފުޅިތަކުގައި ކަމަށެވެ. ބެޗް ނަމްބަރު ނެތްނަމަވެސް ފެނުގެ ކޮލިޓީއަށް އެއްވެސް ބަދަލެއް އައިސްފައިނުވާނެ ކަމަށް އެކުންފުނިން ބުނެއެވެ.

އައިލެންޑް ބެވެރޭޖަސް މޯލްޑިވްސް ޖެނެރަލް މެނޭޖަރު މުހައްމަދު ޝިފާގު މިއަދު ސަން އަށް ވިދާޅުވީ އެ މައްސަލައަކީ ފެން އުފެއްދުމަށް ފުޅި ފުއްޕާ މެޝިނަށް ދިމާވި ޓެކްނިކަލް މައްސަލައަކުން ދިމާވި ކަމެއް ކަމަށާއި އެ މައްސަލަ މިއަދު ހައްލު ކުރެވޭނެ ކަމަށެވެ.