28 Jul 2016, 12:37
ރާއްޖޭގެ ވެރިކަމުގައި މިހާރު ހުންނެވި ރައީސް އަބްދުﷲ ޔާމީނާއި އަދި ރާއްޖޭގައި މީގެ ކުރިން ވެރިކަން ކުރެއްވި ދެ ރައީސުން ކަމަށްވާ ރައީސް މައުމޫނު އަބްދުލްގައްޔޫމާއި ރައީސް މުހައްމަދު ނަޝީދަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ނަސޭހަތެއް ދެއްވައިފި އެވެ.
ރައީސް ޔާމީނާއި ރައީސް މައުމޫނުގެ އިތުރުން ރައީސް ނަޝީދު ޓެގު ކުރައްވައި ރައީސް ވަހީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިއަދު ގައުމުގައި ހުރި މައްސަލަތައް ވަރަށް ބޮޑު ކަމަށެވެ.
Isn't it true that what is at stake in#Maldivesis bigger than@MohamedNasheed@maumoonagayoom@PresidentYAGor me.
— Mohamed Waheed (@DrWaheedH)July 28, 2016
އެހެންކަމުން އަމިއްލަ މަސްލަހަތަށް ވުރެ ގައުމުގެ މަސްލަހަތު އިސްކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

ކުރީގެ ދެ ރައީސުން ކަމަށްވާ ރައީސް މައުމޫނާއި ރައީސް ނަޝީދު: ސަން ފައިލްފޮޓޯ
ރައީސް ވަހީދު އެހެން ވިދާޅުވި އިރު މިއަދު ވެރިކަން ކުރާ ޕީޕީއެމްގެ ތެރޭގައި ވެސް ވަނީ ބޮޑެތި ހަމަނުޖެހުންތަކެއް އުފެދިފަ އެވެ. އެގޮތުން އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މައުމޫނާއި އެޕާޓީގެ މުޝްތަޝާރު އަދި ރައީސް ޔާމީނާ ދެމެދު ވަނީ ހިޔާލު ތަފާތުވުންތަކެއް އުފެދިފަ އެވެ.
ރާއްޖޭގެ މިނިވަން ކަމަށް 51 އަހަރު ފުރުމުގެ މުނާސަބަތުގައި ޖުމްހޫރީ މައިދާނުގައި ބޭއްވި ގައުމީ ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ރައީސް ވަހީދު ރައީސް ޔާމީނާ ސަލާމް ކުރައްވަނީ: -- ސަން ފޮޓޯ/ ފަޔާޒު މޫސާ
އޭގެ އިތުރުން 13 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވަވާފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު އަންނަނީ އިދިކޮޅު އިއްތިހާދެއް އުފައްދަވައި ރައީސް ޔާމީނުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ނެވެ.