އާ ސީޒަނާ ކުރިމަތިލުމުގެ ކުރިން ރާއްޖޭގައި ޗުއްޓީ ހޭދަކޮށްލުމަށްފަހު، މޯގަން ޝްނައިޑަލިން މެންޗެސްޓާ ޔުނައިޓެޑުގެ ފަރިތަކުރުންތަކުގައި ބައިވެރިވެއްޖެ އެވެ.

ޔުނައިޓެޑުގެ މިޑްފީލްޑަރު ޝްނައިޑަލިން ރާއްޖޭގައި ޗުއްޓީ ހޭދަކޮށްލުމަށްފަހު އިނގިރޭސިވިލާތަށް ދިއުމުގެ ކުރިން އޭނާގެ އުފަން ގައުމު ކަމަށްވާ ފްރާންސްގައި ވެސް ދުވަސްކޮޅެއް ހޭދަކޮށްލި އެވެ.

އަމިއްލަ ގައުމުގައި ބޭއްވި ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ޕޯޗުގަލް އަތުން ބަލިވި މެޗަށްފަހު، ޝްނައިޑަލިން ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައިވަނީ އޭނާގެ ލޯބިވެރިޔާ ކެމީލް ސޯލްޑްއާ އެކު އެވެ. ނަމަވެސް ރާއްޖޭގައި އޭނާ ޗުއްޓީ ހޭދަކުރި ރިސޯޓް ކަށަވަރުވެފައެއް ނުވެ އެވެ.

ލޯބިވެރިޔާ ކެމީލްއާ އެކު ރާއްޖޭގައި ނަގާފައިވާ ފޮޓޯއެއް ޝްނައިޑަލިން އިންސްޓަގްރާމުގައި އާންމުކޮށްފައިވާ އިރު، ރާއްޖޭގައި އޭނާ ޗުއްޓީ ހޭދަކޮށްލާފައިވަނީ ކުރިއަށް އޮތް ސީޒަނާ ކުރިމަތިލުމުގެ ކުރިން އެހެން ހުރިހާ ވިސްނުންތަކާ ދުރުވެލުމަށް ކަމަށް ވެއެވެ.

ސައުތުހެމްޓަނުން މިދިޔަ އަހަރު ޔުނައިޓެޑާ ގުޅުނު އުމުރުން 26 އަހަރުގެ މިޑްފީލްޑަރު ޝްނައިޑަލިން ވަނީ އެ ކްލަބާއެކު މިދިޔަ ސީޒަނުގެ އެފްއޭ ކަޕް ކާމިޔާބުކޮށްފަ އެވެ. ޔޫރޯގެ ފައިނަލުގައި ފްރާންސް ވާދަކުރި ނަމަވެސް، އެ މުބާރާތުގައި ޝްނައިޑަލިންގެ ބޭނުން ކޯޗު ޑިޑިއާ ޑިޝޯމްޕްސް ހިފައިފައެއް ނުވެ އެވެ.