މާފަންނު ޓްރެކް ސަރަހައްދުގައި ރޭ ބޭއްވި ދިވެހި ފަންނާނުންގެ މިއުޒިކީ އީދާ ގުޅިގެން ފަސްކުރެވުނު ޔޭޔޭ އައިޑިއާސް ކަޕްގެ ދެ މެޗު ކުޅުމަށް ތާވަލުކޮށްފި އެވެ.

ސެކިއުރިޓީ ސަބަބުތަކަށްޓަކައި ފަސްކުރެވުނު ދެ މެޗަކީ ގްރޫޕް އޭގައި ރޭ ކޮޅުފުށްޓާއި ކަސްޓަމްސް ބައްދަލުކުރަން ހަމަޖެހުނު މެޗާއި ގްރޫޕް ބީގައި މަޑަވެއްޔާއި މުލި ބައްދަލުކުރަން ހަމަޖެހުނު މެޗެވެ.

އޭގެ ތެރެއިން ކޮޅުފުށްޓާއި ކަސްޓަމްސް ބައްދަލުކުރާ މެޗު މިރޭ 11:00ގައި ކުޅުމަށް ނިންމާފައިވާ އިރު، މަޑަވެއްޔާއި މުލި ބައްދަލުކުރާ މެޗު ކުޅުމަށް ނިންމާފައިވަނީ މާދަމާ ރޭ 11:00 ގައެވެ.

ހއ. ކެލާ އައިލެންޑް ޑިވެލޮޕްމަންޓް އެންޑް އެންވަޔަރަންމެންޓަލް އެވެއާނަސް ސޮސައިޓީ (އައިޑިއާސް) އިން އިންތިޒާމުކޮށްގެން ބާއްވާ ޔޭޔޭ އައިޑިއާސް ކަޕުގައި ކޮޅުފުށްޓާއި ކަސްޓަމްސް ބައްދަލުކުރާ މެޗާއެކު މިއަދު ޖުމްލަ ހަ މެޗެއް ކުޅުމަށް ހަމަޖެހިފައިވެ އެވެ.

މިއަދު ހަވީރު 4:00ގައި ކުޅޭ ގްރޫޕް ސީގެ މެޗުގައި އޮމަދޫ އާއި އެސްޓީއޯ ބައްދަލުކުރާ އިރު، ހަވީރު 5:00ގައި ކުޅޭ ގްރޫޕް ޑީގެ މެޗުގައި ބައްދަލުކުރާނީ ކްލަބު އިމިގްރޭޝަނާއި ޓިޑްސް އެވެ. މިރޭ 8:00ގައި ކުޅޭ ގްރޫޕް އީގެ މެޗުގައި ބީއެމްއެލް އާއި އެމްއާރްޑީސީ ބައްދަލުކުރާ އިރު، މިރޭ 9:00ގައި ކުޅޭ ގްރޫޕް އެފްގެ މެޗުގައި ބައްދަލުކުރާނީ އެމްޕީއެލް އާއި އާސަންދަ އެވެ. އަދި މިރޭ 10:00ގައި ކުޅޭ ގްރޫޕް އޭގެ މެޗުގައި ބައްދަލުކުރާނީ ތުޅާދޫ އާއި ހޯރަ ޔުނައިޓެޑެވެ.

މި މަހުގެ 20 އިން ފެށިގެން އަންނަ މަހުގެ 12 އަށް ކުރިއަށްދާ އައިޑިއާސް ކަޕުގައި 24 ޓީމެއް ވާދަކުރާ އިރު، އެ ޓީމުތައް ހަ ގްރޫޕަކަށް ބަހާލާފައިވެ އެވެ.

މުބާރާތުގެ ދެވަނަ ބުރަށް ދަތުރު ކުރާނީ ކޮންމެ ގުރޫޕަކުން ވެސް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ. އޭގެ އިތުރުން ތިން ވަނައަށް ދާ ޓީމުތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓް ލިބޭ ހަތަރު ޓީމަކަށް ވެސް ގަދަ 16 އިން ޖާގަ ލިބޭނެ އެވެ.

މި އަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް 30،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާ އިރު، ރަނަރަޕް ޓީމަށް 10،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވެ އެވެ. ޗެމްޕިއަން ޓީމާއި ރަނަރަޕް ޓީމުގެ އިތުރުން މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނާއި، މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ އަދި އެންމެ ގިނަ ލަނޑުޖަހާ ކުޅުންތެރިޔާގެ މަގާމު ހޮވުމަށް ނިންމާފައިވެ އެވެ.

އައިޑިއާސް ކަޕްގެ އެކްސްކްލޫސިވް ސްޕޮންސަރަކީ ބީއެޗްއެމް ޓްރޭޑާސް އެވެ. އޮންލައިން މީޑިއާ ޕާޓްނަރަކީ އޮންލައިނެވެ. ޓީވީ މީޑިއާ ޕާޓްނަރަކީ ރާއްޖެ ޓީވީ އެވެ. ސްޕޯޓްސް ޕާޓްނަރަކީ އޯލްސްޕޯޓްސް އެވެ. އަދި އެސޯސިއޭޓް ޕާޓްނަރަކީ ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނެވެ.