ޣައްޒާ(ޖުލައި 29): އިސްރާއީލުގެ އެންމެ ފުނަށް ޙަމާލާ ދެވޭވަރުގެ ޒަމާނީ ހަތިޔާރު ތަރައްގީ ކޮށްފައިވާކަމަށް ފަލަސްތީނުގެ މިނިވަންކަމަށް ޖިހާދުކުރާ އިސްލާމިކް ޖިހާދު ޖަމާއަތުން ބުނެފިއެވެ.

އިސްލާމިކް ޖިހާދު ޖަމާއަތުގެ އަސްކަރީ ގޮފި ކަމަށްވާ ސަރާޔާ އަލްގުދްސުން ނެރުނު ބަޔާނެއް ބުނާގޮތުން އިސްރާއީލަށް ނުފެންނަ ބާވަތުގެ އެތަށް ބާވަތެއްގެ ޒަމާނީ ހަތިޔާރެއް އެޖަމާއަތުގެ އިންޖިނޭރުން މިހާރުވަނީ ތަރައްގީކޮށްފައެވެ. މިބަޔާން ނެރުނީ ޣައްޒާގައި އެޖަމާއަތުން ބޭއްވި އަސްކަރީ ޕެރޭޑަކާ ދިމާކޮށެވެ.

މިބަޔާނުގައި އިސްރާއީލުން ޣައްޒާއަށް ހަމަލާދީގެން އިސްރާއީލުގެ އެއްވެސް ޔަހޫދީ އަކަށް އަމާންކަން ނުލިބޭނެކަމުގެ އިންޒާރު ދީފައިވެއެވެ. އަދި ދެހާސް ސާދަވަނަ އަހަރު އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ހިންގި އުދުވާނުގެ ރައްދުގައި ދިން ހަމަލާތަކަށްވުރެ އެތަށް ގުނަ ބާރުގަދަ ޙަމަލާތަކެއް ދެން އުދުވާނެއް ހިންގައިފިނަމަ އިސްރާއީލަށް ދޭނެކަމަށްވެސް އިސްލާމިކް ޖިހާދު ޖަމާއަތުގެ ބަޔާން ބުނެއެވެ.

ޙަމާސްގެ މުުޖާހިދުންގެ ލަޝްކަރެއް

އިސްލާމިކް ޖިހާދު ޖަމާއަތަކީވެސް ޙަމާސް ޖަމާއަތް ފަދައިން ރޮކެޓް ޓެކްނޮލޮޖީ ތަރައްގީ ކުރަމުން ގެންދާ ޖަމާއަތެކެވެ. ދެހާސް ސާދަވަނަ އަހަރުގެ އުދުވާނުގައިވެސް އިސްލާމިކް ޖިހާދު ޖަމާއަތުން އެތަށް ސަތޭކަ ރޮކެޓް ހަމަލާއެއް އިސްރާއީލަށް ދީފައިވެއެވެ. އިސްރާއީލުން ދާދިފަހުން ނެރުނު ޖާސޫސީ ރިޕޯޓެއްގައި ހަމާސް އާއި އިސްލާމިކް ޖިހާދު ޖަމާއަތުން ކުރިޔަށްވުރެ އެޑްވާންސް ޓެކްނޮލޮޖީގެ އެތަށް ހާސް ރޮކެޓެއް ތަރައްގީކޮށްފައިވާކަމަށް ބުނެފައިވެއެވެ. އަދި އޭގެތެރެއިން ގިނަ ރޮކެޓްތަކަކީ އިސްރާއީލުގެ އެކިސިޓީތަކާއި ވިލެޖްތަކަށް ބޮޑެތި ގެއްލުންތަކެއް ދެވޭވަރުގެ ތަކެތިކަމަށްވެސް ބުނެފައިވެއެވެ.

ދެހާސް ސާދަވަނަ އަހަރު އިސްރާއީލުން ޣައްޒާއާ ދެކޮޅަށްކުރި އުދުވާނީ ހަނގުރާމަ ހުއްޓާލަން ޖެހިފައިވަނީ އިސްރާއީލު އިޢުލާންކުރި އެއްވެސް މަގްސަދެއް ހާސިލް ނުކުރެވިއެވެ. އިސްރާއީލު އިޢުލާންކުރި މަގްސަދުތަކުގެ ތެރޭގައި ހަމާސް ޖަމާއަތާއި އިސްލާމިކް ޖިހާދު ޖަމާއަތް ނައްތާލުން ހިމެނެއެވެ. ނަމަވެސް 40 ދުވަހުގެ ވަރުގަދަ ހަނގުރާމައަށްފަހު ހަމަލާތައް ހުއްޓާލަން އިސްރާއީލު އެއްބަސްވިއިރު ހަމާސް ޖަމާއަތާއި ޖިހާދު ޖަމާއަތް ނައްތާނުލެވުމުގެ އިތުރުން އެދެ ޖަމާއަތުން އިސްރާއީލަށް ދޭ ރޮކެޓް ހަމަލާތައްވެސް ހުއްޓުވުމުގައި އިސްރާއީލުގެ ސިފައިންގެ ލަޝްކަރުތައްވަނީ މުޅިން ނާކާމިޔާބުވެފައެވެ. އަދި ޣައްޒާއަށް އެއްގަމު މަގުން އަރަން މަސައްކަތްކުރި އިސްރާއީލު ސިފައިންގެ ފައުޖުވެސްވަނީ ހަމާސްއާއި ޖިހާދު ޖަމާއަތުގެ ހަމަލާތަކަށް ކެތްކޮށް ނުލެވި އެތަށް ސިފައިންނެއް މަރުވެ އަދި ޒަޚަމްވުމާ ގުޅިގެން ސައުވީސް ގަޑީއިރުވެސް ނުވަނީސް ޣައްޒާއިން ފައިބާފައެވެ.

އިސްރާއީލުގެ ސިފައިންނަކީ ނިޒާމީ ގޮތުން ބާރުގަދަ ލަޝްކަރަކަށްވީނަމަވެސް ފަލަސްތީނުގެ ޖަމާއަތްތަކުން ކުރާ ބާވަތުގެ ގެރިއްލާ ހަނގުރާމައިގާ އިސްރާއީލުގެ ލަޝްކަރުތައް އަބަދުވެސް ބަލިކައްޓެވެ. މިކަން ފަހުގެ ހަނގުރާމަތަކުން ދަނީ ފެންނަމުންނެވެ.

ލުބްނާނުގެ ހިޒްބުﷲ ޖަމާއަތާ ދެކޮޅަށް އިސްރާއިލުން ކުރި ދެ ހަނގުރާމައިގާވެސް އިސްރާއީލު ވަނީ ވަރަށްބޮޑަށް ބަލިވެފައެވެ. އަދި އަސްކަރީ އެއްވެސް މަގްސަދެއް ޙާސިލް ނުވުމުގެ އިތުރުން ހޯހޯ ގޮވައިގެން ހަނގުރާމަ ހުއްޓާލުމަށް އެންމެ ފުރަތަމަ އެއްބަސްވީވެސް އިސްރާއީލުންނެވެ.

އިސްލާމިކް ޖިހާދު ޖަމާއަތުގެ މުޖާހިދުން

އަނެއްކޮޅުން ސޫރިޔާގެ ހަނގުރާމައިން ހިޒްބުﷲ އަށް މިހާރު ލިބިފައިވާ އަސްކަރީ ތަޖްރިބާތަކާއެކު ހިޒްބުﷲ ގެ އަސްކަރީ ބާރާއި ގާބިލްކަން މިހާރު އެތަށް ގުނައެއް މަތިވާނެކަމަށް ޚުދު އިސްރާއީލުގެ އިސް ޖެނެރަލުންވެސް އެއްބަސްވެއެވެ. އިސްރާއީލުން ހިޒްބުﷲ އާ ދެކޮޅަށް ދެން ހަނގުރާމައެއް ފަށައިފިނަމަ އިސްރާއީލުގެ ބިމުގެ ބޮޑު ބައެއް ހިޒްބުﷲ އިން ހިފައިފާނެ ކަމަށް ހުޅަނގުގެ އަސްކަރީ ތަޖްރިބާކާރުން ދެކެއެވެ. އަދި ދުވާލެއްގެ މައްޗަށް އެއްހާސް ރޮކެޓުން އިސްރާއީލަށް ހަމަލާދީގެން ހުއްޓުމެއްނެތި ތިންއަހަރު އިސްރާއީލާ ދެކޮޅަށް ހަނގުރާމަ ކުރުމުގެ ގާބިލްކަންވެސް ހިޒްބުﷲ އަށް ލިބިފައިވާކަމަށް ކަމާބެހޭ އަންދާޒީ ރިޕޯޓްތައް ބުނެއެވެ.

މީގެއިތުރުން ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ހަމާސް ޖަމާއަތަކީވެސް މިސްރު ފަދަ ބޮޑު ގައުމެއްގެ ލަޝްކަރުތަކަށްވުރެ މާ ބާރުގަދަ ލަޝްކަރެއް އިސްރާއީލާ ދެކޮޅަށް ނެރުމުގެ ގާބިލްކަން ލިބިފައިވާ ބާރުގަދަ ޖަމާއަތެއްކަމަށްވެސް އެފަދަ ރިޕޯޓްތަކުގައި ތަޖްރިބާކާރުން ބުނެފައިވެއެވެ.

ހަމާސް ޖަމާއަތާއި އިސްލާމިކް ޖިހާދު ޖަމާއަތާ އަދި ހިޒްބުﷲ ޖަމާއަތަށް ރޮކެޓް ޓެކްނޮލޮޖީ ފޯރުކޮށްދިނުމުގެ ފަހަތުގައިވަނީ އީރާނެވެ. މިތިން ޖަމާއަތުގެ ތެރެއިން ހިޒްބުﷲ އަކީ އީރާނުގެ އަސްކަރީ އަގީދާއާ އެއްގޮތަށް ހަނގުރާމަކުރާ އަދި މެދުއިރުމަތީގައި އީރާނުގެ ސިޔާސަތުތައް ތަންފީޒުކުރާ އެންމެ ވަރުގަދަ ޖަމާއަތެވެ.

އިސްރާއީލުގެ ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނަތަނިޔާހޫ ވަނީ ހަމާސް އާއި އިސްލާމިކް ޖިހާދު ޖަމާއަތާ އަދި ހިޒްބުﷲ ގެ ނުރައްކާ އިސްރާއީލަށް ވަރަށް ބޮޑުކަމަށް ދާދިފަހުން އެއްބަސްވެ ވަޑައިގެންފައެވެ. ނަމަވެސް ޣައްޒާއިން އިސްރާއީލަށް ދޭ ކޮންމެ ހަމަލާއަކަށް ވަރުގަދައަށް ރައްދު ދޭކަމުގެ އިންޒާރު ނަތަނިޔާހޫ ވަނީ ދެއްވާފައެވެ. (ނޫސްއެޖެންސީތައް)