ސްރީލަންކާގައި ދިރިއުޅެމުންދާ ދިވެހިންނަށް އަމާޒުކޮށްގެން އެ ގައުމުގައި ބާއްވާ ޕެއިންޓްބޯލް މުބާރާތް މާދަމާ ކުރިއަށްދާނެ އެވެ.

ރާއްޖޭގެ 51 ވަނަ މިނިވަން ދުވަހާ ގުޅިގެން މާދަމާ ބާއްވާ ޕެއިންޓްބޯލް މުބާރާތަކީ މޯލްޑިވިއަން ޔޫތުސް އިން ސްރީލަންކާ އިން އިންތިޒާމްކޮށްގެން ބާއްވާ "ކުޅިވަރު ފޯރި"ގެ ފުރަތަމަ މުބާރާތެވެ.

ބްލެކް ފައުންޑޭޝަން ކުޅިވަރު ފޯރި މޯލްޑިވިއަން ޕެއިންޓް ބޯލް މުބާރާތަކީ ދިވެހިންނަށް އަމާޒުކޮށްގެން ބާއްވާ ފުރަތަމަ ޕެއިންޓް ބޯލް މުބާރާތެވެ. އެ މުބާރާތުގައި 16 ޓީމަކުން ޖުމްލަ 130 ޒުވާނުން ބައިވެރިވާނެ ކަމަށް މުބާރާތް އިންތިޒާމްކުރާ ފަރާތުން ބުނެ އެވެ.

އެ މުބާރާތް ރާވާ ހިންގުމާ ހަވާލުވެހުރި އިންތިފް ރައޫފް ވިދާޅުވީ، ދުޅަހެޔޮ ޒުވާން ޖީލެއް ބިނާ ކުރުމަށް ރައީސް ޔާމީން ދެއްވާ އަހައްމިއްޔަތުކަމާއި ޒުވާނުންނަށް ބަހައްޓަވާ ގާތްކަމަށް ޝުކުރު އަދާކުރާ ކަމަށެވެ.

"މިހާކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ރޭވިގެންއައި މުބާރާތަށް ޔޫތު މިނިސްޓްރީން ދެއްވާ އެއްބާރުލުމަށް ޝުކުރު އަދާކޮށް އަދި ބްލެކް ފައުންޑޭޝަންގެ ފަރާތުން ދެއްވާ އެހީތެރިކަމަށް ޝުކުރު އަދާކުރަން،" އޭނާ ވިދާޅުވި އެވެ.

އެ މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތުމަށް މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ ޑެޕިއުޓީ މިނިސްޓަރު ނާއިފް ޝައުކަތު އާއި ބްލެކް ފައުންޑޭޝަންގެ ރައީސް އިސްމާއިލް ރާފިއު ވަނީ ސްރީލަންކާ އަށް ވަޑައިގެންފަ އެވެ.

ލަންކާގެ ކޮލަންބޯގައި ހުންނަ އެކްސެލް ވޯޑްގައި މާދަމާ ބާއްވާ ޕެއިންޓްބޯލް މުބާރާތުގެ މެއިން ސްޕޮންސަރަކީ ބްލެކް ފައުންޑޭޝަނެވެ.